އެމްޑީޕީ، އިންތިޚާބުން ހަޑިހުތުރު ގޮތަކަށް ބަލިވާނީ އިންޑިއާ ސިފައިންގެ މަޅި އެޅިގެން: ޢުމަރު

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު: އެމްޑީޕީ، ރިޔާސީ އިންތިޚާބުން ވަރަށް ހަޑިހުތުރު ގޮތަކަށް ބަލިވާނީ އިންޑިއާ ސިފައިންގެ މަޅި އެޅިގެން ކަމަށް ވިދާޅުވި ---

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ، ވަރަށް ހަޑިހުތުރު ގޮތަކަށް ބަލިވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު މިހެން ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބި ތިބުން އެމްޑީޕީން ދިފާއުކޮށް، އަދި "އިންޑިއާ އައުޓް" ނަމުގައި އިދިކޮޅުން ކުރިއަށް ގެންދާ ސުލްހަވެރި މުޒާހަރާތައް، ފުލުހުން ހުއްޓުވާން އުޅުމުގެ ތެރޭގައި ކުށެއް ނެތް އެތައް ބަޔަކަށް އަނިޔާވެ، ހައްޔަރުވަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ފައުޅު ކުރައްވައި "ސަން"އަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ލާނީ އިންޑިއާ މީހުން ނޫންކަން ފާހަގަ ކުރައްވަމުން ޢުމަރު ވިދާޅުވީ ވޯޓު ލާނީ ދިވެހީން ކަމަށާއި އިންޑިއާއިން އެމްޑީޕީއަށް ދެވޭނީ ފައިސާ ކަމަށެވެ. އަދި ވިދާޅުވީ ފައިސާއިން ވެސް ކުރެވޭނީ ވަކި ވަރެއް ކަމަށެވެ.

އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާއެއް ފުލުހުން ރަމަތަކުރަނީ -- ސަން ފޮޓޯ

އޭނާ ވިދާޅުވީ ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތީ އިންޑިއާ އައުޓޭ ގޮވުމަކުން ނޫން ކަމަށާއި ނުރައްކާ އޮތީ އިންޑިއާގެ ސިފައިން މި ގައުމުގައި ތިބޭ ތިބުން ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ސިފައިން މި ފަސްގަނޑުގައި ތިބިހާ ދުވަހަކު ދިވެހީންގެ ޝުއޫރު ފައުޅު ކުރަމުން ގެންދާނެ ކަމަށާއި އެހެން އެ ގޮވަނީ ބިރުން ކަމަށެވެ.

"އެހެން ގޮވާނެ ގޮވާ ކާޅު ވެސް. ކާޅަށް ވެސް ނުރައްކަލެއް ކުރިމަތިވާ ނަމަ އެވެސް ގޮވާނެ. ދޫނިތައް ވެސް އެސޮރުމެންނަށް ނުރައްކަލެއް ކުރިމަތިވާން ފެށީމަ ގޮވައި ހަޅޭއްލަވާނެ. އެހެންވީމަ ދިވެހީންނަށް ވެސް ނުރައްކަލެއް ކުރިމަތިވާނަމަ ދިވެހީން ވެސް ސަލާމަތް ވާން ގޮވާނެ،" ޢުމަރު ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" މުޒާހަރާއެއް ފުލުހުން ރަމަތަކުރަނީ -- ސަން ފޮޓޯ

ނިއުކްލިއާ ބާރުވެސް ލިބިފައިވާ ބޮޑު ގައުމެއްގެ ސިފައިން މިފަދަ ކުޑަކުޑަ ގައުމެއްގައި ތިބުމަކީ ކިހާވަރެއްގެ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއްކަން ދިވެހީންނަށް ވަރަށް ސާފުކޮށް އެނގޭކަން ފާހަގަ ކުރައްވައި ޢުމަރު ވިދާޅުވީ މިކަމުން ރައްޔިތުންނަށް އިތުރު އަނިޔާތަކެއްވެ، ސަރުކާރު އިތުރަށް ފަލީހަތްވެ، އަދި އިންޑިއާގެ ދަށަށް ރާއްޖެ ވެއްޓިފައި އޮތްވަރު އިތުރަށް ބޭޒާރުވާ ކަމަށެވެ.

ޢުމަރު ވިދާޅުވީ ދިވެހީން އިންކާރު ކުރަނީ އިންޑިއާ އާއެކު ގާތް ގުޅުމެއް ބޭއްވުމާއި އިންޑިއާއިން ރާއްޖެއަށް ދޭ އެހީތަކަކަށް ނޫން ކަމަށާއި ދިވެހީން އިންކާރު ކުރަނީ އިންޑިއާ ސިފައިން ގިނަވަމުން އަންނާތީ ކަމަށެވެ.

"އިންޑިއާ އައުޓް" މުޒާހަރާއެއް ހުއްޓުވުމަށް ފުލުހުން ބާރުގެ ބޭނުން ކުރަނީ -- ފޮޓޯ ސަން

ދެން އަންނަ ވެރިއަކަށް އިންޑިއާ ސިފައިން ބާލަން މަޖުބޫރު ވާނެކަން ފާހަގަ ކުރައްވަމުން ޢުމަރު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ މި ރާއްޖޭގެ ފަސްގަނޑުގައި ގަދަފައި ވިއްދައިގެން ތިބި ސިފައިން ސުލްހަވެރިކަމާއެކު ނުފައިބައިފި ނަމަ ގަދަބާރު ދައްކައިގެން ވިޔަސް ބޭރު ކުރާނެ ކަމަށެވެ.

"ޕީޕީއެމުން ވެރިކަމަށް އަންނާނީ ކާކު ކަމެއް ނޭނގެ. އެ އަންނަ ވެރިއެއްގެ ސަބަބުން އެކަން ކުރެވޭނީ. ނަމަވެސް ޔަގީންވާ ކަމަކީ ދެން އަންނަ ވެރިއަކަށް އިންޑިއާ ސިފައިން ބާލަން މަޖުބޫރު ވާނެ. އެ ފައިބާ ފޭބުން އެއީ ވަރަށް ހަޑި ފޭބުމަކަށް ވާނެ. އެހެންވީމަ އިންޑިއާ ސިފައިން ބާލާފަ ދެން އަނެއްކާ ވެސް ދިވެހީންނާ އެކު ހަމަ ކުރިން ވެސް މި އޮންނަ ގުޅުން ބޭއްވިދާނެ،" ޢުމަރު ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ

އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ޢުމަރު މީގެ ކުރީން "ސަން"އަށް ވިދާޅުވެފައިވާ ވާހަކަފުޅެއް ފަށްކުރައްވަމުން ވިދާޅުވީ ހަރުކަށި ގާނޫނުތައް ހަދައިގެން އަނިޔާކޮށް، ބޮލަށް ބަޑިޖަހާން ފެށިޔަސް "އިންޑިއާ އައުޓް" ގޮވުން، ދިވެހީން ދެނެއް ހުއްޓައެއް ނުލާނެ ކަމަށެވެ.

"އިންޑިއާ އައުޓް" މުޒާހަރާގެ ބައިވެރިއަކަށް އަނިޔާ ވެގެން ވެއްޓިފައި -- ސަންފޮޓޯ/ މުހައްމަދު ހައްޔާން

އޭނާ ވިދާޅުވީ ދުނިޔޭގައި ބޮޑެތި ގައުމުތަކުން ކުދި ގައުމުތައް ޖަހައިގަންނަނީ ކިހިނަކުންކަން ދިވެހީންނަށް މިހާރު އެބަ އެނގޭ ކަމަށާއި އެކަން ނޭނގިގެން އުޅެނީ އެމްޑީޕީއަށް ކަމަށެވެ.

ރާއްޖެއަށް އަރައި އަތް ގަދަ ކުރުމުގެ ތާރީހެއް ވެސް އިންޑިއާގެ އެބަ އޮތްކަން ފާހަގަ ކުރައްވައި ޢުމަރު ވިދާޅުވީ މަލާބާރީންނާއި ޕިޗޯރީންނަކީ ވެސް އިންޑިއާ ސަރަހައްދަކުން ރާއްޖެ އައި މީހުން ކަމަށެވެ.

comment ކޮމެންޓް