ޔުކްރެއިން ހަނގުރާމައިގެ ހާލަތު މުޅިން ބަދަލުވެ ރަޝިޔާ ސިފައިން ބޮޑެތި ކާމިޔާބީތައް ހޯދަނީ

ޔުކްރެއިންގެ ރައީސް ވްލަޑިމީރު ޒެލެންސްކީ

މޮސްކޯ (29 މޭ 2022): ޔުކްރެއިން ހަނގުރާމައަށް ތިންމަސްވެފައިވާއިރު ހަނގުރާމައިގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެ ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފަށައިފިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ޔުކްރެއިންގެ އިރުމަތީ ސަރަހައްދުތަކާއި ކަޅުކަނޑުގެ އައްސޭރިފަށުގައި ޔުކްރެއިން ސިފައިންގެ މައްޗަށް ރަޝިއާ ސިފައިން ހޯދި ކާމިޔާބީތަކުގެ ތެރޭގައި ޔޫކްރެއިނުގެ ދެކުނުގައި އޮންނަ ބަނދަރުމަތީ ސްޓްރެޓީޖިކް ސިޓީ އެއްކަމަށްވާ މެރިއުޕޯލްއާއި ދޮންބާސްގެ މުހިއްމު ސިޓީއެއްކަމަށްވާ ލީމާން މިދެސިޓީ ހިފުމާއި އަޒޯވް ކަނޑުގެ އައްސޭރިފަށުގައިވާ ޔުކްރޭންގެ ހުރިހާ ސަރަހައްދުތަކެއް ރަޝިޔާގެ ބާރުގެ ދަށަށް ގެންދިޔުން ހިމެނެއެވެ.

އިއްޔެއާއި އޭގެ ކުރީ ދުވަހު ރަޝިއާ ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި ދޮންބާސްގެ ސްޓްރެޓީޖިކް އެހެން ސިޓީއެއްކަމަށްވާ ސިފްރޯ ދޮނިޔެކްސް އިންވެސް ޔުކްރެއިން ސިފައިން ބޭރުކޮށް ރަޝިއާގެ ބާރުތައްވަނީ އެސިޓީއަށް ވަދެފައެވެ. ރިޕޯޓްތައް ބުނާގޮތުން ރަޝިއާގެ މިކުރިއެރުންތަކާއެކު ޔުކްރެއިން ސިފައިންނާއި ނޭޓޯގެ އެހީގައި އުފައްދާފައިވާ ކުލީ ސިފައިންގެ ޖަމާއަތުގެ ހަނގުރާމަވެރިންވަނީ މިސަރަހައްދުތަކުން ފިލާފައެވެ.

ނަމަވެސް ޔުކްރެއިން ސިފައިންގެ ބައެއް ހަމަލާތައް ސިފްރޯ ދޮނިޔެކްސްގެ ބައެއް ސަރަހައްދުތަކުން އަދިވެސް އަންނާތީ އެސިޓީގެ ރަށްބޭރުގެ ހިސާބުތަކުގައި ޔުކްރެއިން ސިފައިން ބަޔަކު އަދިވެސް ތިބިކަމަށް އަނެއްބައި ރިޕޯޓްތައް ބުނެއެވެ. ސިފްރޯ ދޮނިޔެކްސް އަކީ ދޮންބާސް ސަރަހައްދުގައި ރަޝިއާގެ ކޮންޓްރޯލްގެ ދަށަށްދިޔަ އެންމެ ފަހުގެ ސިޓީއެވެ. މިހާރު ރަޝިއާ ސިފައިންގެ އަތްދަށަށް ނުގޮސް އޮތީ މަދު ސަރަހައްދެކެވެ. އޭގެތެރޭގައި ސިޓީއެއްފަދަ ބޮޑު ތަނެއް ނުހިމެނެއެވެ.

ރަޝިއާ ސިފައިންގެ މި ކުރިއެރުންތަކާއެކު ރަޝިއާއަށްވަނީ ހަނގުރާމައަށް ބޭނުންވާ ހަތިޔާރާއި އެނޫންވެސް ތަކެތި އަޒޯފް ކަނޑާއި ކަޅުކަނޑުގެ ކަނޑުމަގުން ޔޫކްރެއިނަށް ގެނެވޭނެ ގޮތް ތަނަވަސްވެފައެވެ. ޔުކްރެއިންގައި ރަޝިއާ ސިފައިންނަށް ކުރިމަތިވާ ލޮޖިސްޓިކް މައްސަލަ މިކަމުގެ ސަބަބުން ހައްލުވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.

ޔޫކްރެއިނުގެ ދިފާއީ ވުޒާރާއިންވަނީ ރަޝިޔާގެ ސިފައިން ދެމުންދާ ޙަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށާއި އެހަމަލާތަކުގައި ރަޝިއާ ބޮޑެތި ކުރިއެރުންތަކެއް ހާސިލް ކުރިކަމަށް އިއުތިރާފުވެފައެވެ. ރަޝިއާގެ ވަރުގަދަ ޙަމަލާތަކާއެކު ދޮންބާސްގެ އެތައް ސަރަހައްދަކުން ޔުކްރެއިން ސިފައިން ފަހަތަށް ޖެހިފައިވާ ކަމަށްވެސް އެބަޔާން ބުނެއެވެ.

ޔުކްރެއިން ސިފައިން ފަހަތަށް ނުޖެހުނުނަމަ ރަޝިއާގެ ހަމަލާތަކުގައި ގިނައަދަދެއްގެ ސިފައިން މަރުވާނެކަމާ ނޫނީ ޔުކްރެއިން ސިފައިންގެ އެތައް ހާސްބަޔަކު އަސީރުންގެ ގޮތުގައި ރަޝިއާ ސިފައިންގެ އަތް ދަށަށް ދިޔައީސްކަމަށްވެސް ޔުކްރެއިންގެ ބަޔާން ބުނެފައިވެއެވެ.

މުހައްލިލުން ވިދާޅުވާ ގޮތުގައި ރަޝިޔާގެ ބާރުގެ ދަށަށް ދޮންބާސް ގެނައުމަށްފަހު ރަޝިއާއިން ދެން އެންމެ ބޮޑު އިސްކަމެއް ދޭނީ ބޮޑުރަށްކަމަށްވާ ޚަރްކީވް ހިފުމަށެވެ. ޚަރްކީވް އަކީ ޔޫކްރެއިންގެ ދެވަނައަށް އެންމެ ބޮޑު ސިޓީއެވެ. އެސިޓީ އަށް މިހާރުވެސް މިސައިލުން ހަމަލާތައްދޭން ރަޝިއާ ސިފައިންވަނީ ފަށާފައެވެ.

ރަޝިއާގެ މިކާމިޔާބީއާއެކު ހުޅަނގުގެ ދެ ޒައީމަކުވަނީ ފޯނުން ރަޝިއާގެ ރައީސް ޕޫޓިން އާ ގުޅުއްވާފައެވެ. އެއީ ޖަރުމަނުގެ ޗާންސެލާ އޮލްފް ޝޯލްޒް އާއި އޮސްޓްރިއާގެ ޗާންސެލާ ކަލް ނެހެމާ އެވެ. އަދި ޔުކްރެއިންގެ ރައީސް ވަނީ ނޭޓޯގެ ގައުމުތަކުން ޔުކްރޭން އާ އަޅާލާމިންވަރު ކުޑަވެ ބާރުގަދަ ހަތިޔާރު ދިނުމަށް ދެކޮޅު ހަދާކަމަށް ވިދާޅުވެ ހުޅަނގަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް