ލިވަޕޫލް ބަލިކޮށް 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު އުފުލާލައިފި

ޗެމްޕިއަންސް ލިގު ފައިނަލުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން---

ލިވަޕޫލް ބަލިކޮށް 14 ވަނަ ފަހަރަށް ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފިއެވެ.

މިރޭ ފްރާންސްގެ ސްޓޭޓް ޑި ފްރާންްސް ސްޓޭޑިއަމްގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލުން ވަނީ މި ސީޒަންގައި ދެ ތަށި އުފުލާލައިފައެވެ.

އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލާ ކުރިމަތިލިމުގެ ކުރިން ވަނީ ލަލީގާގެ ޗެމްޕިއަންކަން ހޯދައި އެ ތަށި އުފުލާލައިފައެވެ.

މިރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލްއިންނެވެ. އެ ޓީމުން ވަނީ ބޯޅަ ހިފަހައްޓައިގެން ރެއާލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފުގައި ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ރެއާލަށް އުފެއްދިފައެއް ނުވެއެވެ.

މިރޭގެ މެޗުގެ 21 ވަނަ މިނެޓުގައި ލިވަޕޫލުގެ ސާޑިއޯ މާނޭއަށް ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ. ރެއާލްގް އޭރިއާ ތެރެއިން ބޯޅަ ހިފައިގެން އޭނާ ވަނުމަށް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ރެއާލްގެ ގޯލު ބަލަހައްޓަން ހުރި ތިބައުޓް ކޯޓޮއިސް އަތުގައި ޖެހިފައި ގޯލުގެއަރިމަތީ ދަނޑިއަށެވެ.

ޗެމްޕިއަންސް ލިގު ފައިނަލުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން---

ރެއާލުން މެޗުގެ 42 ވަނަ މިނެޓުގައި ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓު ރެފްރީ ބެލުމަށް ފަހު މެޗުގެ ރެފްރީ ނިންމީ ބެންޒީމާ ޖެހި އެ ގޯލަކީ އޮފްސައިޑް ގޯލެއްކަމަށެވެ.

ނަމަވެސް މެޗުގެ 59 ވަނަ މިނެޓުގައި ރެއާލް މެޑްރިޑުގެ ފެޑްރިކޯ ވަލްވާޑޭ ލިވަޕޫލްގެ އެރިއާ ތެރެއިން ތިރިތިރިން ހުރަސްކޮށްދިން ބޯޅައިގެ ބޭނުން ހިފައި ވިނީޝިއަސް ޖޫނިއާ ވަނީ އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ.

މިރޭގެ މެޗުން އެ ޓީމު މޮޅުވުމާ ގުޅިގެން އަންނަ އޮގަސްޓު މަހުގެ 10 ވަނަ ދުވަހު ކުޅޭ ޔޫއެފާ ސުޕަ ކަޕުގައި އެ ޓީމު އެއްކޮޅުން ކުޅޭނެއެވެ. އެ ޓީމާ ވާދަކުރާނީ ޔޫއެފާ ޔޫރޮޕާ ލީގު މި ސީޒަނުގައި ކާމިޔާބުކުރި ޖަރުމަނުގެ ފްރެންކްފާޓެވެ.

comment ކޮމެންޓް