އއ. އުކުޅަހުގައި މިއަދު ފެށި ''ވިއަވަތި'' ކޮންފެރެންސް މާލެ ސިޓީ ކައުންސިލުން ބޮއިކޮޓުނުކުރާ ކަމަށާއި އޭގައި ބައިވެރިނުވީ ސަބަބުތަކެއް ހުރުމުން ކަމަށް ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ނިޒާމް ހިންގުމުގައި ކައުންސިލްތަކަށް ދިމާވާ ދަތަކާއި އެކަމުގެ ހައްލު ހޯދުމަށް އުކުޅަހުގައި ބާއްވާ އެ ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިނުވުމުން އެތައް ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
މިކަމާ ގުޅޭގޮތުން މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް ''ސަން''އަށް ވިދާޅުވީ އެ ކޮންފެރެންސްގައި ބައިވެރިނުވީ ސިޔާސީ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން ނޫންކަމަށެވެ. އަދި ކޮންފެރެންސަގައި ބައިވެރިވުމަށް ދައުވަތު ލިބުނު އިރު މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖޭން ބޭރުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ ބައެެއް ކައުންސިލަރުން ތިއްބެވީ ކޮންފަރެންސެއްގައި ބައިވެރިވުމަށް ރާއްޖެއިން ބޭރުގައި ކަމަށެވެ.
''ދައުވަތު ލިބުނު ނޯޓިސް އެހާ ކުޑަވީމަ އަސްލު އެކަމުގައި ބައިވެރިވެއްޖެނަމަ މާލޭގެ ޑެއިލީ އޮޕަރޭޝަންސްއަށް ވަރަށް ބޮޑަށް ބުރުއަރާނެ،'' ނަރީޝް ވިދާޅުވިއެވެ.
ކޮންފެރެންސްގައި ބައިވެރިވުމަށް މާލޭ ސިޓީ ކައުންސިލަށް ދައުވަތު ފޮނުވާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.
''ވިއަވަތި'' ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިނުވީ ނަމަވެސް, ޕީޕީއެމްއަށް ނިސްބަތްވާ ބައެއް ކައުންސިލްތަކުގެ ރައީސުން އެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތެވެ.
މާލޭ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ވެސް ހިމެނޭ ގޮތަށް މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮތީ އިދިކޮޅު ޕީޕީއެމްއަށެވެ. ނަމަވެސް, އެމްޑީޕީއަށް ނިސްބަތްވާ ހަ ކައުންސިލަރަކު މާލެ ސިޓީ ކައުންސިލްގައި ތިއްބަވައެވެ.