ނިއު އެނބުރި އައުމަށް ތައްޔާރުވަނީ، ޓީމުގެ ހިންގާ ކޮމިޓީ އިންތިޚާބުކޮށްފި

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް އަލަށް އިންތިޙާބުކރި ހިންގާ ކޮމެޓީ--- ފޮޓޯ/ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބް

ދިވެހި ފުޓުބޯޅައިގެ ގަދަބާރު ނިއުރެޑިއެންޓު ސްޕޯޓްސް ކުލަބު އެނބުރި ގެނައުމަށް ހިންގާ ކޮމެޓީއަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.

މިރޭ ޝީ ބިލްޑިންގައި ބޭއްވި ނިއުރޭޑިއަންޓުގެ އަހަރީ އާންްމު ޖަލްސާގައި ވަނީ އެ ޓީމުގެ ޗެއާމަނަކަށް އަޙްމަދު ވާސިފް ވަނީ އިންތިޚާބުކޮށްފައެވެ. އޭނައާއެކު މަސައްކަތް ކުރާނެ ހިންގާ ކޮމެޓިގެ މެންބަރުން ވެސް ވަނީ އިންތިޚާބު ކޮށްފައެވެ.

ނިއުރޭޑިއެންޓުގެ އާ ހިންގާ ކޮމިޓީ

1. އަޙްމަދު ވާސިފް، ހ. ވެލާވެލި/ ކ. މާލެ - ޗެއާމަން

2. އިސްމާޢީލް ރަޝީދު، ހުޅުމާލެ ލޮޓް: 04120 - ވައިސް ޗެއާމަން

3. ޒަހީނުއްދީން ސައީދު، ޑައިމަންޑް ވިލާ/ ސ. މަރަދޫ - ވައިސް ޗެއާމަން 4. އަހުމަދު ހުސައިން، ބިއްލޫރިޖެހިގެ/ ގދ. ވާދޫ - ހަޒާންދާރު

5. ސައީދު އަލީ ދީދީ، ޙަބަރުމާގެ/ ސ. މަރަދޫ - ސެކެޓްރީ

6. މުޙައްމަދު އަދަމް، މުޝްތަރީގެ/ މ. މަޑުއްވަރީ - މެންބަރު

7. މުޙައްމަދު މާލިކު، ރޯރަމް/ ހއ. ކެލާ - މެންބަރު

8. މުޙައްމަދު ޔޫސުފް، މާލެ ހިޔާ: 0317 - މެންބަރު

9. އާސިމް ރިޒާ، ފަރިޔާޒު/ ހއ. ތުރާކުނު - މެންބަރު

ޗެއާމަންގެ މަގާމަށް އިންތިޚާބުވުމާއެކު ޖަލްސާގައި ވާހަކަދައްކަވަމުން ވާސިފް ވިދާޅުވީ ކޮވިޑްގެ ނުރައްކާތެރި ހާލަތުގެ ސަބަބުން އެެ ޓީމު އަލުން ކޮޅަށް ޖެހުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ހުއްޓުނު ނަމަވެސް އާ ހިއްވަރެއްލައިގެން މިއަދު އެ ޓީމުގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރެވުމުން އުފާކުރާ ކަމަށެވެ.

ނިއުރޭޑިއަންޓު ސަލާމަތް ކުރުމަށް ކުރެވޭނީ ކޮން ކަމެއްތޯ ބަލައި އެ ހާލަތުން އަރައިގަތުމަށް ވަރަށް މަސައްކަތް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

ވާސިފް ވިދާޅުވީ ކޮވިޑްގެ ހާލަތާ ގުޅިގެން ވިޔަފަރިތައް ބަނގުރޫޓުވެ ރައްޔިތުންގެ މާލީ ހާލަތު ދަށްވެފައި ވުމާ ގުޅިގެން އެ ޓީމުގެ ދަރަނި ނުދެއްކޭނެކަމަށް ބެލެވުމުން އެ ޓީމުން ނިއުރޭޑިއެންޓުގެ ރޫހުގައި ރޭޑިއެންޓުގެ ނަމުގައި ޓީމެއް ހެދިކަމަށެވެ. ނަމަވެސް އެ ޓީމަކީ ނިއުރޭޑިއަންޓްގެ ސަކްސަސާއެއް ކަމަށް ނިންމައި އެ ޓީމު މުބާރާތްތަކުގައި ބައިވެރި ނުވެވޭނެކަމަށް ކަނޑައެޅިއެވެ.

މިއަދު އެ ނިއުރޭޑިއެންޓު އައިސްފައިވާ ހިސާބަކީ 2019 ވަނަ އަހަރުން ފެށިގެން އެ ޓީމުން ކުރި ބުރަ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ވާސިފް ވިދާޅުވީ އެ ޓީމުން ރާއްޖޭގެ މާކެޓިން ކުންފުންޏަކާއެކު ސޮއިކުރަން ތައްޔާރުވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުނިން އެ ޓީމަށް ފައިނޭންސް ކޮށްދޭނެ ކަމަށެވެ.

"ނިއުރޭޑިއަންޓް ކޮންމެ ޑިވިޝަނެއްގައި، ކޮންމެ ފަންތިއެއްގައި ކުޅުނަސް އެއީ ފަސްޓް ޑިވިޝަން ކަމުގައި ވިޔަސް، ސެކަންޑް ޑިވިޝަން ކަމުގައި ވިޔަސް އަދި ތާޑް ޑިވިޝަން ކަމުގައި ވިޔަސް، ޗެމްޕިއަންކަން ލިބޭވަރަށް ޓީމު ނެރުމަށް އެ މާކެޓިން ޓީމުން މަސައްކަތްކޮށްދޭނެ،" ވާސިފް ވިދާޅުވިއެވެ.

ނިއުރޭޑިއަންޓުގެ 10 ކުޅުންތެރިޔަކަށް މުސާރައިގެ ގޮތުގައި ދޭންޖެހޭ ޖުމުލަ 3.8 މިލިއަން ރުފިޔާ ނިއުރޭޑިއަންޓުން ދައްކާފައިނުވުމުގެ ސަބަބުން އެ ޓީމު އެފްއޭމާއި އެ އެސޯސިއޭޝަންގެ ގުނަވަނަކުން ހިންގާ އެއްވެސް ކަމެއްގައި ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ.

ނިއުރޭޑިއަންޓް ސަސްޕެންޑު ކުރީ އެފްއޭއެމްގެ ހިންގާ ގަވާއިދުގެ 14 ވަނަ މާއްދާއިން އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ސަސްޕެންޑުކުރީ މުސާރައިގެ މައްސަލަ ހައްލުކޮށް، އެ ކްލަބުން ދައްކަންހުރި ހުރިހާ ފައިސާއާއި އުޖޫރަ ދައްކައި ޚަލާސްކޮށް ނިމެންދެނެވެ.

ނިއުއިން ދިވެހި ކުޅުންތެރިންނަށް 2.4 މިލިއަން ރުފިޔާ ދޭން ޖެހެއެވެ. އަފްޣާނިސްތާނު ޑިފެންޑަރު ހާރޫން އަމީރީއަށް މުސާރައިގެ ގޮތުގައި އަދި އުސޫލުން ބޭރުން ކޮންޓްރެކްޓް ބާތިލްކޮށްފައިވާތީ 703،707 ރުފިޔާ ދޭން ފީފާއިން ވަނީ އަންގައިފައެވެ. އަދި ކުރީގެ ކޯޗު ބެނާޑޯ ޓަވަރޭޒް އަށް 511،342 ރުފިޔާ ދޭން ޖެހެއެވެ. މީގެ ތެރެއިން އަމީރީއަށް ދޭންޖެހޭ ފައިސާ ނުދޭހާ ހިނދަކު، އެ ޓީމަށް އެއްވެސް ކުޅުންތެރިއަކު ނުގަނެވޭނެއެވެ.

comment ކޮމެންޓް