މާލޭ އިމާރާތެއްގެ މަތިން ވެއްޓިގެން ހޯދަމުން ދިޔަ ކުއްޖަކު ފެނިއްޖެ

އެ ކުއްޖާ ވެއްޓުނު ކަމަށް ބުނާ ގޯޅިގަނޑު -- ސަން ފޮޓޯ/ ނާއިލް ހުސައިން

މާލޭގެ އިމާރާތަކުން ވެއްޓުނު ކަމަށް ރިޕޯޓުކޮށްފައިވާ ކުއްޖަކު ހޯދަމުން ދަނިކޮށް އެ ކުއްޖާ އަމިއްލައަށް ގެއަށް ހިނގައްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ފުރަތަމަ ބުނީ، މާލޭ ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓުނު ކަމުގެ ރިޕޯޓު މިރޭ 08:31 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި ކުއްޖާ ފެންނަން ނެތުމުން އޭނާ ހޯދަމުންދާ ކަމަށެވެ.

އޭގެ ކުޑައިރުކޮޅެއް ފަހުން ފުލުހުން ވަނީ އެ ކުއްޖާ އަމިއްލައަށް ގެއަށް ގޮސްފައިވާ ކަމަށް ބުނެފައެވެ.

"21:47 އެހާކަށްހާއިރު ކުއްޖާ ގެއަށް އައިސްފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ. ކުއްޖާގެ ހާލު ރަނގަޅު،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ވަނީ އެ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުނެފައެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ކުއްޖާ ވެއްޓުނު ކަމަށް ރިޕޯޓުކޮށްފައި ވަނީ މާފަންނު ފުނަ ގޯޅީގައި ހުންނަ ގެއަކުންނެވެ. އަދި ކުއްޖާގެ އާއިލާ ދިރިއުޅެމުން ދަނީ އެ ގޭގެ ހަތަރު ވަނަ ފަންގިފިލާގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

comment ކޮމެންޓް