ރެއާލުން ވެސް ނިކުންނާނީ 1981ގައި ލިވަޕޫލް އަތުން ފައިނަލުގައި ވީ ބަލީގެ ބަދަލު ހިފަން: އެންޗޮލެޓީ

ކާލޯސް އެންޗޮލޮޓީ---

ރެއާލް މެޑްރިޑުން ވެސް ނިކުންނާނީ 1981 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލް އަތުން ވީ ބަލީގެ ބަދަލު ހިފަންކަމަށް އެ ޓީމުގެ ކޯޗު ކާލޯސް އެޗޮލޮޓީ ބުނެފިއެވެ.

މާދަމާ ރޭ ލިވަޕޫލާ ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އެޗޮލޮޓީ ބުނީ ޗެމްޕިއަންސް ލީގު ފައިނަލުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅުންތެރިއެއްގެ ހައިސިއްޔަތުންނާއި ކޯޗެއްގެ ހައިސިއްޔަތުން ތިން މެޗެއް ކުޅެވިފައިވާކަމަށެވެ.

"އަނެއްކާ ލިވަޕުލާ ދެކޮޅަށް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެން މި ޖެހުނީ. މިފަހަރު އެ ޓީމުގައި ވަރުގަދަ ސްކޮޑެއް އެބައޮތް،" އެންޗޮލޮޓީ ބުންޏެވެ.

ލިވަޕޫލާ ގުޅޭގޮތުން އޭނާ ބުނީ އެ ޓީމު މިހާރު ކުޅެނީ ވަރަށް މަތީ ފެންވަރުގެ ފުޓުބޯޅައެއްކަމަށެވެ. އެ ޓީމުގެ ފިޒިކަލް ލެވެލް ވެސް ހުރީ އެންމެ މަތީ ފެންވަރުގައި ކަމަށާއި މި އަހަރު އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅެލަން ލިބުމަކީ އުފަލެއްކަމަށް އެންޗޮލޮޓީ ބުންޏެވެ.

މިއަހަރު ފައިނަލަށް ނިކުންނަނީ 2018 ވަނަ އަހަރު އެ ޓީމު ޗެމްޕިއަންސް ލީގު ފައިނަލުގައި ރެއާލާ ދެކޮޅަށް ކުޅެ ބަލިވުމުން އެކަމުގެ ބަދަލު ހިފަން ކަމަށް ލިވަޕޫލުގެ ބައެއް ކުޅުންތެރިން ބުނުމާ ގުޅިގެން އެންޗޮލޮޓީ ބުނީ ރެއާލް ވެސް ނިކުންނާނީ ބަދަލު ހިފަން ކަމަށެވެ.

"ރިއާލުން ވެސް ނިކުންނާނީ ބަދަލު ހިފަން. ސަބަބަކީ އެ ޓީމު ވެސް ވަނީ ލިވަޕޫލް އަތުން ޕެރިހުގައި ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލުގައި 1981 ވަނަ އަހަރު ބަލިވެފައި،" އެންޗޮލޮޓީ ބުންޏެވެ.

މީގެ އިތުރުން އެންޗޮލޮޓީ ބުނީ ކޯޗެއްގެ ގޮތުގައި އަދި ކުޅުންތެރިއްގެ ގޮތުގައި ޗެމްޕިއަންސް ލީގު އުފުލާލުމަކީ ތަފާތު އިހުސާސްތަކެއް ގެނުވައިދޭ ކަމެއް ކަމަށެވެ. އެގޮތުން ކޯޗެއްގެ ހައިސިއްޔަތުން މުބާރާތް ކާމިޔާބުކުރުމަކީ ތިމާގެ މޮޅުކަން ދައްކުވައިދޭނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެންޗޮލޮޓީ ބުނީ ކުޅުންތެރިއެއްގެ ގޮތުގައި ތަށި އުފުލާލުމުން އެ ކުޅުންތެރިއަކު އެ ހިމެނެނީ ތަށި ކާމިޔާބުކުރާ ޓީމެއްގެ ތެރޭގައިކަމަށެވެ.

ލިވަޕޫލް އަދި ރެއާލް މެޑްރިޑް ބައްދަލުކުރާ ޗެމްޕިއަންސް ލީގު ފައިނަލް މެޗު ކުޅޭނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ. އެ މެޗު ކާމިޔާބު ކޮށްގެން ރެއާލް މެޑިރިޑަށް 14 ވަނަ ފަހަރަށް އެ މުބާރާތް ކާމިޔާބު ކުރެވޭއިރު ލިވަޕޫލް މޮޅުވެގެން ހަތް ވަނަ ފަހަރަށް އެ ޓީމަށް އެ މުބާރާތް ކާމިޔާބު ކުރެވޭނެއެވެ.

comment ކޮމެންޓް