އިންޑިއާ އައުޓް ބެނާ ނެގި މައްސަލައިގެ ހުކުމް އިއްވުން އަންނަ އާދިއްތަ ދުވަހަށް

ހ. ދޫވެހީގައި ހަރުކުރި 'އިންޑިއާ އައުޓް' ބެނާ -- ސަން ފޮޓޯ

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިރިއުޅުއްވާ ގެކޮޅު ހ. ދޫވެހީގައި ދަމާފައިވާ "އިންޑިއާ އައުޓް" ބެނާ ނެގި މައްސަލައިގެ ހުކުމް އިއްވުން އަންނަ އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި އިތުރު އަޑުއެހުންތަކެއް ވެސް މިދިޔަ ހަފްތާގައި ބާއްވާފައިވެއެވެ.

ފުލުހުން ކޯޓު އަމުރެއްގެ ދަށުން ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ވަދެ، ބެނާ ނެގީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ.

ރައީސް ޔާމިންގެ ގެކޮޅުގައި ދަމާފައިވާ ބެނާ ނެގުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޣައިރު ޤާނޫނީ އަމުރެއްކަމަށް ޕީޕީއެމްގެ މެންބަރުން ދަނީ ބުނަމުންނެވެ.

އިދިކޮޅު ޕީޕީއެމްއިން އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ބޮޑު ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ހިންގާ ކެމްޕޭނެކެވެ.

"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައަޅާފައިވުމުން، އެފަދަ ހަރަކާތްތައް ހުއްޓުވުމަށް އަންގަވައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ގަރާރެއް ވެސް ނެރުއްވައިފައެވެ.

"އިންޑިއާ އައުޓް" ހުއްޓުވުމަށް ރައީސް ނެރުއްވި އެ ގަރާރަކީ ޣައިރު ގާނޫނީ ގަރާރެއް ކަމުގައި އިދިކޮޅު ފަރާތްތަކުން ގަބޫލު ކުރަނީ، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަން ކަމާއި ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އެ ގަރާރުން ހަނިވާ ކަމަށް ބުނެއެވެ.

comment ކޮމެންޓް