ވިލިމާލޭގައި ވެކްސިން ޖެހުން ހުއްޓާލައިފި، އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅާނަން: އައިޖީއެމްއެޗް

ވިލިމާލެ ހޮސްޕިޓަލް: އެ ހޮސްޕިޓަލްގައި ކުޑަކުދިންތަކަކަށް މުއްދަތު ހަމަވެފައިވާ ވެކްސިންތަކެއް ޖެހި މައްސަލައެއް ވަނީ ފެންމަތިވެފައި -- ފޮޓޯ/ ވިލިމާލެ ހޮސްޕިޓަލް ފޭސްބުކް ޕޭޖް

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ވިލިމާލޭ ކުޑަކުދިންނަށް ދިން ކަމުގެ ތުހުމަތެއް ފެންމަތިވެ, އެ ހޮސްޕިޓަލުން ވެކްސިން ޖެހުން ހުއްޓާލާފައިވާ ކަމަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ މުއްދަތު ހަމަވެފައިވާ ވެކްސިން އެ ހޮސްޕިޓަލުން ދިން މައްސަލައެއް އައިޖީއެމްއެޗްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާއިރު އެ މައްސަލަ އައިޖީއެމް ހޮސްޕިޓަލާ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައިވެއެވެ. އަދި އެ މައްސަލައިގައި އިހުމާލުވާ މީހުންނާމެދު ފިޔަވަޅުއަޅާނެ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ އެފަދަ ކަމެއް ކުރިމަގުގައި ނުވާނެކަން ކަށަވަރު ކުރުމަށް ޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ރޭ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަޙުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގައި، ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އުޝާމްގެ ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ފުޅީގައި ވެކްސިން އުފެއްދި ތާރީޚުގެ ގޮތުގައި އޮތީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މި އަހަރުގެ ޖެނުއަރީ މަހެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަން އެ ފޮޓޯއިން ސާފެއް ނުވެއެވެ.

comment ކޮމެންޓް