ހިލްޓަންއިން އަމީންގިރީގައި ތަރައްގީކުރި ރިސޯޓު ޖުލައި މަހު ހުޅުވަނީ

ހިލްޓަން މޯލްޑިވްސް އަމިންގިރި --

ދުނިޔޭގެ މަޝްހޫރު ހޮޓެލް ޗެއިން ހިލްޓަންއިން އަމީންގިރީގައި ތަރައްގީކުރި ރިސޯޓު ޖުލައި މަހު ހުޅުވަން ތައްޔާރުވެއްޖެއެވެ.

މި ރިސޯޓަކީ ކ. ކޮއްދިއްޕަރު ފަޅު ހިއްކައިގެން ތަރައްގީކުރި ރިސޯޓެކެވެ. ހިލްޓަންގެ ޕޯޓްފޯލިއޯގައި ހިމެނޭ އެހެން ބްރޭންޑުތަކުގެ ރިސޯޓުތައް މިހާރުވެސް ރާއްޖޭގައި ހިންގާއިރު އަމީންގިރީގައި ތަރައްގީ ކުރާ ރިސޯޓު ހިންގާނީ ސީދާ "ހިލްޓަން" ބްރޭންޑުގެ ދަށުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑު ބޯޓުގައި 15 މިނެޓުން ދެވޭ ދުރުމިނުގައި ތަރައްގީކުރަމުންދާ އަމީންގިރި ރިސޯޓުގައި 109 ވިލާ ހުންނާނެއެވެ. ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ހުންނަ އިރު، ރިސޯޓުގައި ހަ ރެސްޓޯރެންޓު ހުންނާނެއެވެ. އަދި ސްޕާއާއި ފިޓްނެސް ސެންޓަރާއި ސެލޫން ވެސް ރިސޯޓުގައި ހުންނާނެއެވެ.

އަމީންގިރި ރިސޯޓުގައި ހަ ކޮޓަރީގެ އެކްސްކްލޫސިވް ވިލާއެއް ވެސް ހުންނާނެއެވެ. އެއީ އާއިލާ އާއި ގާތް މީހުންނާއެކު ޗުއްޓީ ހޭދަކުރަން އަންނަ މީހުންނަށް ހާއްސަ ވިލާއެކެވެ.

އެ ރިސޯޓާ ބެހޭ ގޮތުން ހިލްޓަންގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ބްރޭންޑް މެނޭޖުމެންޓް އޭޝިއާ ޕެސިފިކް، އެލެގްޒެންޑްރާ ޖެރީޓް މީގެ ކުރިން ވިދާޅުވީ، ހިލްޓަންގެ ފްލެގްޝިޕް ބްރޭންޑުގެ ދަށުން ފުރަތަމަ ރިސޯޓު ރާއްޖޭގައި ހުޅުވާއިރު ފަތުރުވެރިންނަށް އެންމެ ފުރިހަމަ ހިދުމަތެއް އެތަނުން ލިބޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގައި ހޭދަކުރާ ޗުއްޓީގެ ހަނދާންތައް އިތުރަށް ފުރިހަމަކޮށްދޭނެ ރިސޯޓަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ހިލްޓަން ޕޯޓްފޯލިއޯ ބްރޭންޑުތަކުގެ ދަށުން ރާއްޖޭގައި މިހާރުވެސް ހިންގާ ރިސޯޓުތަކުގެ ތެރޭގައި ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓާއި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް އަދި ސައި ލެގޫން މޯލްޑިވްސް ހިމެނެއެވެ.

comment ކޮމެންޓް