ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވުމަށް ރައީސް އުކުޅަހަށް

ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އުކުޅަހަށް ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ވިއަވަތި ރާއްޖެ ކޮންފަރެންސް ބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު އއ. އުކުޅަހަށް ވަޑައިގެންފިއެވެ.

މާދަމާ އާއި އޭގެ އަނެއް ދުވަހު ކުރިއަށްގެންދާ އެ ކޮންފަރެންސްގެ މައިގަނޑު އެއް މަޤްޞަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް، ކައުންސިލުތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ މަސައްކަތް އިތުރަށް ހަރުދަނާކުރުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަމައެއާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ސިޓީތަކާއި އަތޮޅުތަކާއި ރަށްތަކުގެ ރައްޔިތުންނަށް ލިބިގެންދާގޮތަށް އެ ނިޒާމު ބައްޓަންކުރުމާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހްތަކާއެކު ކައުންސިލްތަކަށް ލިބިފައިވާ ބާރުތައް، ތަންފީޒުކުރުމުގެ ކަންކަން ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަކީ ވެސް އެއް މަގުސަދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން ކައުންސިލްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ގޮތުން ކައުންސިލަރުންނާ ރައީސާއި ކަމާބެހޭ ވަޒީރުންނާއި މަޝްވަރާކުރައްވައި ހައްލުތައް ހޯއްދެވުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ވެސް އެ ކޮންފަރެންސްގެ މުހިންމު ބޭނުމެއް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

އެ ކޮންފަރެންސް ފެށުމުގެ ކުރިން ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން ގުޅުންބަދަހިކުރުމުގެ ގޮތުން މިއަދު ސްޕޯޓްސް ފެސްޓިވަލްއެއް އުކުޅަހުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

އެ ކޮންފަރެންސްގައި ޖުމްލަ ހަތަރު ސެޝަނެއް ބާއްވާނެއެވެ. އަދި އެ ސެޝަންތަކުގައި މިހާރު ގައުމުގައި ހުރި އެންމެ މުހިންމު މައްސަލަތަކާމެދު މަޝްވަރާކޮށް ޚިޔާލުބަދަލުކުރުމާއި ޕްރެޒެންޓޭޝަން ހުށަހެޅުން ކުރިއަށްގެންދާނެއެވެ. އަދި އެ ކޮންފަރެންސްގެ ތެރެއިން ކައުންސިލަރުން ހުށަހަޅުއްވަން ބޭނުންވެލައްވާ ކަންކަން ރައީސަށް ހުށަހަޅުއްވައި މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެއެވެ.

comment ކޮމެންޓް