މުއްދަތު ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންނަށް ދިން ކަމުގެ ތުހުމަތެއް މިނިސްޓްރީން ބަލަނީ

މުއްދަތު ހަމަވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ވެކްސިން -- ފޮޓޯ/ ސޯޝަލް މީޑިއާ

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ވިލިމާލޭ ކުޑަކުދިންނަށް ދިން ކަމުގެ ތުހުމަތެއް ފެންމަތިވެ، ހެލްތު މިނިސްޓްރީން އެކަން ބަލަން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވިލިމާލޭ ހޮސްޕިޓަލުގައި، ދުވަސް ހަމަވެފައިވާ ވެކްސިނެއް ކުޑަކުދިންތަކަކަށް ދީފައިވާ ކަމުގެ ޝަކުވާ ވިލިމާލޭގެ ގިނަ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

" މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިފަދަ ކަމެއް ހިނގާފައިވާ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭ،" އުޝާމް ވިދާޅުވިއެވެ.

އުޝާމްގެ ހިއްސާކުރެއްވި ފޮޓޯއިން ފެންނަ ފުޅީގައި އުފެއްދި ތާރީޚުގެ ގޮތުގައި އޮތީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހެވެ. މުއްދަތު ހަމަވާ ތާރީޚަކަށް އޮތީ މި އަހަރުގެ ޖެނުއަރީ މަހެވެ.

ނަމަވެސް އެއީ ކޮން ބާވަތެއްގެ ވެކްސިނެއްކަން އެ ފޮޓޯއިން ސާފެއް ނުވެއެވެ.

މިކަމާ ގުޅިގެން ހެލްތު މިނިސްޓްރީން ބުނީ، އެ ޝަކުވާ ލިބުމުން، އެކަން ބަލަމުންދާ ކަމަށެވެ.

"އެކަން ބެލުމަށްފަހު އެ މައުލޫމާތު އާންމު ކުރާނެ،" ހެލްތް މިނިސްޓްރީން ބުންޏެވެ.

އެ ވެކްސިނާ ބެހޭ އިތުރު މައުލޫމާތެއް އެ މިނިސްޓްރީން ހާމަނުކުރެއެވެ.

comment ކޮމެންޓް