ސަރުކާރު އިސްތިއުފާ ދެންދެން މުޒާހަރާތައް ކުރިއަށްދާނެ: އިމްރާން ޚާންގެ ސަޕޯޓަރުން

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މުޒާހަރާގެ ބައިވެރިންނާއެކު// ފޮޓޯ:ރޮއިޓާސް

ކުރިއަށް އޮތް ހަ ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި އާންމު އިންތިޚާބެއް ބޭއްވުމަށް އެގައުމުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވައިފިއެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި އިއްޔެ ހެނދުނު މި މޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ޚާން ވިދާޅުވެފައި ވަނީ ހަ ދުވަހުގެ ތެރޭގައި އާ އިންތިޚާބެއް ނުބާއްވައިފިނަމަ އޭނާގެ ތަހްރީކީ އިންސާފު (ޕީޓީއައި) ޕާޓީން ބާއްވަމުންދާ ހިިނގާލުންތަައް އަނެއްކާވެސް ކުރިއަށް ގެންދާނެކަމަށެވެ.

ޕާކިސްތާނުގައި ހަމަނުޖެހުންތައް ފެށިފައިވަނީ މިދިޔަ މަހުގެ ތިނެއްގައި އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރުމުންނެވެ. އަދި މިހާރު ސިލްސިލާ މުޒާހަރާތައް ކުރިއަށްގެންދަނީ ބޮޑުވަޒީރު ޝެހްބާޒް ޝާރިފް އިސްތިއުފާ ނުދެއްވާ ނަަމަ ހަޅުތާލު ކުރަމުންގެންދާނެ ކަމަށް ބުނެއެވެ.

މިދިޔަ ބުދަ ދުވަހު ޕީޓީއައިއިން އެ މުޒާހަރާތައް ފެށި އިރު އިމްރާން ޚާން ވެސް މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މުޒާހަރާތަކުގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި އިމްރާން ޚާންގެ ސަޕޯޓަރުންގެ ތެރެއިން ފަސް މީހަކު މަރުވެފައިވާކަމަށް ޚާން ވިދާޅުވެފައިވެއެވެ. ނަމަވެސް އެކަމާ ބެހޭ ގޮތުން ސަރުކާރުން އަދި އެއްޗެކޭ ބުނެފައިނުވެއެވެ.

އެ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ފުލުހުން ކަރުނަ ގޭސް ޖެހިއެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ކަރުނަ ގޭސް ކެނިސްޓަރު އުކާފައިވެއެވެ.

މުޒާހަރާ ރޫޅާލުމަށް ޓަކައި ފުލުހުން ވަނީ ކަރުނަ ގޭސް ޖަހަނީ -- ފޮޓޯ/ އޭޕީ

ދެހާސް އަށާރަ ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވި އިމްރާން ޚާން މަގާމުން ދުރުކުރީ މިދިޔަ މަހުގެ 10ގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެގޮތުން ޚާންގެ އިތުބާރު އޮތްތޯ ބެލުމަށް އެ މަޖިލީހުގައި ނެގި ވޯޓުގައި 342 މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ވޯޓު ދިނީ އޭނާގެ އިތުބާރު ނެތް ކަމަށެވެ. އެއީ 174 މެންބަރުންނެވެ.

އިމްރާން ޚާނަށް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިސްކޮށް އޮވެގެންނެވެ.

އިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާ މަގާމުން ދުރުކުރުމަށް ޝެހެބާޒް ޝަރީފް މަސައްކަތް ކުރެއްވީ އެމެރިކާއާ ގުޅިގެންނެވެ. ނަމަވެސް ޕާކިސްތާން ސަރުކާރާއި އެމެރިކާ ސަރުކާރުން ވެސް ވަނީ އެ ތުހުމަތު ދޮގުކޮށްފައެވެ.

comment ކޮމެންޓް