މެލޭޝިއާގައި ކުރެވޭ މެޑިކޯ-ލީގަލް އަދި ކްލިނިކަލް އޮޓޮޕްސީ

"އޮޓޮޕްސީ" ގެ ބަހަވީ މާނައަކީ؛ މަރުވާ މީހާ މަރުވާ ސަބަބު ހޯދުމަށް ނުވަތަ ދެނެގަތުމަށް ކުރާ ސާޖިކަލް އިޖްރާއަތެއް -- ފޮޓޯ/ މެޑިސިންނެޓް

ޞިއްޙީ ޚިދުމަތުގައި، "އޮޓޮޕްސީ" ގެ ބަހަވީ މާނައަކީ؛ މަރުވާ މީހާ މަރުވާ ސަބަބު ހޯދުމަށް ނުވަތަ ދެނެގަތުމަށް ކުރާ ސާޖިކަލް އިޖްރާއަތެކެވެ. އޮޓޮޕްސީއަށް އިޝާރާތްކުރުމުގައި އާންމުކޮށް ބޭނުންކުރާ އެހެން ބަސްތަކަކީ ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ނުވަތަ ޕޯސްޓްމޯޓަމް އާއި ނެކްރޮޕްސީ އެވެ. އޮޓޮޕްސީ އުފެދިފައިވަނީ ޔޫނާނީ ބަހެއްކަމުގައިވާ "އޮޓޮޕްސިއާ" އެވެ. މާނައަކީ "ދެކުން" (އަމިއްލައަށް ބަލާލުން) އެވެ. މެލޭޝިއާގެ މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން ޕޯސްޓްމޯޓަމްގެ މާނައަކީ؛ މަރުވެފައިވާ ހަށިގަނޑުގެ މައްޗަށް ސަރުކާރުގެ މެޑިކަލް އޮފިސަރު ކުރާ އިންސްޕެކްޝަނެކެވެ. މި އިންސްޕެކްޝަންގައި މަރުވާ ސަބަބާއި ގޮތް ނުވަތަ ބައްޔާއި، ކެމިކަލް، ރޭޑިއޭޝަން، އެކްސިޑެންޓްތަކާއި، އަނިޔާތައް ފަދަ ކަންކަމުން އަންނަ ބަދަލުތައް ދެނެގަތުމަށް އެތެރޭގެ އަދި ބޭރުގެ ތަހުލީލުތަކުން ބެލުން ހިމެނެއެވެ. އެއީ ފަރުދެއް މަރުވެދާނެ ގޮތާއި، މަރުވީ ކީއްވެގެންތޯ އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމެވެ.

މެލޭޝިޔާގެ ޤާނޫނުތައް

މެލޭޝިޔާގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި މިކަމަށް ޚާއްޞަ މާއްދާތަކެއް ހުރެއެވެ. ޖިނާއީ އިޖްރާއަތުގެ ޤާނޫނުގެ 329 ވަނަ މާއްދާގެ ދަށުން ފުލުހުންގެ އޮފިސަރަކަށް ރިޕޯޓް ކުރެވޭ މަރުތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންދެއެވެ. ރިޕޯޓްކޮށްފައިވާ މަރުތަކާ މެދު ޝައްކެއް ނުވަތަ ޖިނާއީ އަމަލެއް ހުރިނަމަ ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން ހެދުމަށް އެންމެ ކައިރީގައި ހުންނަ ސަރުކާރުގެ މެޑިކަލް އޮފިސަރަށް ރިފަރ ކުރުމުގެ ބާރު 330 ވަނަ މާއްދާގައި ދީފައިވެ އެވެ. އަދި 331 ވަނަ މާއްދާގެ (1) ގައި ބުނެފައިވަނީ ފުލުހުންގެ އިންވެސްޓިގޭޓިންގ އޮފިސަރުގެ ފަރާތުން މަޢުލޫމާތު ލިބުމާއެކު ވީހާވެސް އަވަހަކަށް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހަދަންޖެހޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހޮސްޕިޓަލްތަކުގައި ތިއްބަވާ ސަރުކާރުގެ މެޑިކަލް އޮފިސަރުންގެ ވާޖިބަކީ ތަހުގީގުކުރާ ފުލުސް އޮފިސަރު އެދިވަޑައިގަތުމުން ޕޯސްޓް މޯޓަމް އެގްޒެމިނޭޝަން ހެދުމެވެ.

އިސްލާމީ ޝަރީޢަތް

ޙަދީޘެއްގެ މާނައިގައިވެއެވެ. "މަރުވެފައިވާ މީހާގެ ކަށިތައް ބިންދުމަކީ އޭނާ ދިރިހުއްޓާ އެ ކަށިތައް ބިންދާ ފަޅާލުމެއް ފަދަ ކަމެކެވެ." އެހެންކަމުން އިސްލާމީ ޝަރީއަތުގައި ޢާންމުކޮށް އޮޓޮޕްސީ ހެދުމަކީ އެކަށީގެން ނުވާ، ހުއްދަ ނޫން ޢަމަލެއް ކަމަށް ބެލެވުނު ނަމަވެސް، ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާނަމަ "އިސްލާމީ ނަޒަރުން ޕޯސްޓް މޯޓަމްއާ ބެހޭ ގައިޑްލައިންސް" ގެ ނަމުގައިވާ ގައިޑްލައިންތައް ފުރިހަމަވާނަމަ، މެލޭޝިއާގައި އޮޓޮޕްސީ ހަދައެވެ. ގައިޑްލައިން ޝާއިޢުކޮށްފައިވަނީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު މެލޭޝިއާގެ ފަތުވާދޭ ޤައުމީ މަޖިލީހުން ނެރުނު ދެ ޤަރާރަކަށްފަހު އެވެ.

ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން

މަރުވެފައިވާ މީހާގެ މައްޗަށް ކުރެވޭ ޕޯސްޓްމޯޓަމް ގެ އަސާސީ އުޞޫލަކީ މަރުވާން މެދުވެރިވި އެންމެ އެކަށީގެންވާ ގޮތާއި، ސަބަބާއި ބެހޭ މަޢުލޫމާތު ހޯދުމެވެ. އެހެންކަމުން މަރުވާ ސަބަބު ކަނޑައެޅުމުގެ ބޭނުން އެބައޮތެވެ. މިސާލަކަށް؛ މީހަކު މަރިވީ ބައްޔެއްގެ ސަބަބުންތޯ ނުވަތަ އިހުމާލަކުންތޯ ނުވަތަ ޖިނާއީ ޢަމަލެއްގެ ސަބަބުންތޯ ކަނޑައެޅުމައްޓަކައެވެ.

ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން އާންމުކޮށް ބަހާލެވިފައިވަނީ ކްލިނިކަލް އަދި މެޑިކޯ-ލީގަލް މި ދެ ވައްތަރަކަށެވެ. މި ދެ ކެޓަގަރީގެ ޕޯސްޓްމޯޓަމް ހެދެނީ ތަފާތު ފެންވަރުގެ ތަޖުރިބާ ލިބިފައިވާ ސަރުކާރުގެ ޤާބިލް މެޑިކަލް އޮފިސަރަކަށެވެ. ބޭސްވެރިކަމުގެ ދާއިރާއިން ޢިލްމު ހޯދުމާއި، ތަރައްޤީ ކުރުމަށް ކްލިނިކަލް ޕޯސްޓްމޯޓަމް ކުރެވޭއިރު، މެޑިކޯ-ލީގަލް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހެދެނީ ޤާނޫނީ ނިޒާމުގެ ޒިންމާތައް ފުރިހަމަ ކުރުމަށެވެ.

ޕޯސްޓްމޯޓަމްގެ ބޭނުންތެރިކަން

އާންމު ގޮތެއްގައި މެލޭޝިއާގެ ރައްޔިތުން ޕޯސްޓްމޯޓަމް އެގްޒަމިނޭޝަންގެ ބޭނުންތަކާ މެދު ވިސްނުންތައް ތަފާތެވެ. އެއްބަޔަކު އިޖާބީކޮށް ދެކޭއިރު އަދި އަނެއް ބަޔަކު ސަލްބީކޮށް ދެކެއެވެ. ކޮންމެ ގޮތެއް ވިޔަސް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ގެ ބޭނުންތަކާއި މަޞްލަޙަތުތައް ހުރިއިރު އޭގެ ތެރޭގައި ބަޔާންކުރާ ކަންކަން ހިމެނެއެވެ. އެއީ ޤާނޫނީ މަސްއޫލިއްޔަތު ފުރިހަމަކުރުމާއި، މަރުވި މީހާގެ ވަނަވަރު ކަށަވަރު ކުރުމަށައި، މަރުވާ ސަބަބާއި، ގޮތާއި، ވަގުތު ދެނެގަތުމަށާއި، މަރުވި ސަބަބާމެދު ޝައްކެތް އޮތްނަމަ، ޝައްކު ދުރުކުރުންފަދަ ސަބަބުތަކަށްޓަކައެވެ.

ކްލިނިކަލް ޕޯސްޓް މޯޓަމް އެގްޒަމިނޭޝަން

ކްލިނިކަލް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ގެ މައިގަނޑު މަޤްޞަދަކީ، އެކަށީގެންވާ ފަރުވާތަކާއި ދީފައިވާ އިންޓަރވެންޝަންތަކުން އެމީހަކު ރަނގަޅު ނުވެ ނުވަތަ ސަލާމަތްނުވެ، ފަރުދަކު މަރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ދިރާސާކޮށް ދެނެގަތުމެވެ. ކްލިނިކަލް ޕޯސްޓްމޯޓަމް ހަދަނީ ޢާންމުކޮށް ފުލުހުންގެ ތަޙްޤީގުގެ ތެރޭގައި ނުހިމެނޭ މައްސަލަތަކުގައެވެ.

މަރުވި ސަބަބު އެނގުނު ނަމަވެސް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހަދަންޖެހޭ މުހިއްމު ޙާލަތްތައް ވެސް އެބަހުއްޓެވެ. މިއީ މައިގަނޑު ގޮތެއްގައި ބައްޔާއި ދިމާލަށް މެޑިކަލް ދާއިރާގެ ޢިލްމާއި ވިސްނުން އިތުރުކުރުމަށްޓަކައި ބަލީގެ ސިފަތަކާ ބެހޭގޮތުން އިތުރު ދިރާސާތައް ކުރަންޖެހޭތީއެވެ. އަދި ޕޯސްޓްމޯޓަމް ގެ ޒަރީޢާއިން ލިބޭ މަޢުލޫމާތާއި ޢިލްމުގެ ބޭނުން ކޮށްގެން ކުރިއަށް އޮތްތަނުގައިވެސް ހަމަ އެފަދަ މައްސަލަ ދިމާވާ ބަލިމީހުންނަށް ފަރުވާ ދިނުމުގެ މަޤްޞަދަށްޓަކައެވެ.

ކްލިނިކަލް ޕޯސްޓްމޯޓަމް ތަޙުލީލު ކުރެވޭނީ ގާތްތިމާގެ ނުވަތަ ގާތް އާއިލާގެ މެމްބަރުން ލިޔުމުން ރުހުން ދިނުމުންނެވެ. ފަރުވާދޭ ޑޮކްޓަރުގެ ފަރާތުން މަޢުލޫމާތު ދިނުމުން ނުވަތަ ބްރީފިންގ ލިބުމުން އޮޓޮޕްސީ ހެދުމަށް ހޮސްޕިޓަލުގެ މެނޭޖްމަންޓަށް ރުހުން ދިނުމަށްޓަކައި ޚާއްޞަ ފޯމުގައި ގާތްތިމާގެ މީހުން ސޮއިކުރަންޖެހެއެވެ.

އޮޓޮޕްސީ ހެދުމަށް ހުއްދަ ދިނުމުގެ ބޭނުމެއް ނެތްނަމަ ނުވަތަ ޝައުގުވެރިކަމެއް ނެތް ކަމަށް ހީވާނަމަ އޮޓޮޕްސީ ހެދުމަށް ހޮސްޕިޓަލުން ހުށަހެޅި ހުށަހެޅުން ބާޠިލް ކުރުމުގެ ހުރިހާ ޙައްގެއް ގާތްތިމާގެ މީހުންނަށް ލިބިގެންވެއެވެ. ގާތްތިމާގެ މީހުން ކަމާބެހޭ ހުރިހާ ކަންކަމަށް ރިޢާޔަތްކޮށް ފުރިހަމައަށް ވަޒަންކުރުމަށްފަހު ފައިޞަލާކުރަނިވި ނިންމުމެއް ނިންމަން ޖެހެއެވެ. އަދި ގާތްތިމާގެ މީހުންގެ ރުހުމަކާ ނުލައި އަދިވެސް ޕޯސްޓްމޯޓަމް ތަޙްލީލެއް ކުރިއަށް ގެންދާނެ ޙާލަތްތައް އުފެދިދާނެ ކަމަށާއި، މިކަމަށް ތަބާވަނީ ހަމައެކަނި މަރުވުމަކީ ބަލިޖެހޭ ނުވަތަ މަރުވާ ބަލިތަކުގެ ސަބަބުން ދިމާވި ކަމެއްކަން ސާބިތުވެއްޖެނަމަ މަޞްލަޙަތަށް ބަލައިގެންނެވެ. ޢާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، މިސާލަކަށް؛ އިންފެކްޝަސް ޑިޒީޒްތައް ހުއްޓުވުމާއި ކޮންޓްރޯލް ކުރުންފަދަ ޙާލަތްތަކުގައި ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހެދުމުގެ ހުއްދަ ލިބެނީ ކަމާބެހޭ ޤާނޫނުތަކުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު އަށް ދީފައިވާ ބާރަކުންނެވެ.

މެލޭޝިޔާގައި ކްލިނިކަލް ޕޯސްޓްމޯޓަމް ހަދަނީ ޕެތޮލޮޖިސްޓެކެވެ. އެހީތެރިވެދެނީ ބަލިމީހާއަށް ފަރުވާ ދިން ޑޮކްޓަރަކު ނުވަތަ ސާޖަންއެކެވެ. މިގޮތުން ބޭނުންކުރާ ފެސިލިޓީތަކަކީ ފޮރެންސިކް މެޑިސިން ޑިޕާޓްމަންޓް ނުވަތަ ޔުނިޓް އޮފް ފޮރެންސިކް މެޑިސިން ގެ ފެސިލިޓީތަކެވެ. އަދި ފޮރެންސިކް މެޑިސިން ޑިޕާޓްމަންޓުގެ ސަޕޯޓް ސްޓާފުން ވެސް ޕޯސްޓް މޯޓަމް އެގަޒަމިނޭޝަން ގައި ބައިވެރިވެއެވެ.

މެޑިކޯ-ލީގަލް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން

މެޑިކޯ ލީގަލް ޕޯސްޓްމޯޓަމް ކުރެވޭނީ ފުލުހުންގެ ތަޙްޤީގަށް އެހީތެރިވުމުގައި ޑިޕާޓްމަންޓް ނުވަތަ ޔުނިޓް އޮފް ފޮރެންސިކް މެޑިސިންއާ ހަވާލުވެ ހުންނަ މެޑިކަލް އޮފިސަރަށް އޮޓޮޕްސީ އެޕްލިކޭޝަން ހުށަހެޅުމުންނެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޤާނޫނުގައިވާ ކަންކަމަށް ރިޢާޔަތްކޮށް، ޤާބިލު އަދި ރަޖިސްޓްރީކޮށްފައިވާ މެޑިކަލް އޮފިސަރަކަށް ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދަ ދިނުމުގެ ބާރު މެޖިސްޓްރޭޓަށާއި، ފުލުހުންނަށް ލިބެއެވެ.

މެޑިކޯ-ލީގަލް ޕޯސްޓްމޯޓަމްގައި ހިމެނޭ މައްސަލަތައް ގިންތިކުރެވިދާނެ މަރުތަކުގެތެރޭގައި، އެކްސިޑެންޓްތަކާ ގުޅިގެން މަރުވުމާއި، އަމިއްލައަށް މަރުވުމާއި، ޤަޞްދުން މެރުމާއި، ގުދުރަތީގޮތުން މަރުވުމާއި، ޝައްކުކުރެވޭ ގޮތް ނޭގޭ މަރުތަކާއި، ކުއްލި މަރުތައް ހިމެނެއެވެ.

ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ކެންސަލް ކުރުން

އާންމުން ފޮރެންސިކް މެޑިކަލް ޚިދުމަތްތަކާ ދިމާލަށް އަމާޒުކުރާ ސުވާލެއް އޮވެއެވެ. ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހަދަން ނިންމުމަށްފަހުވެސް ކެންސަލް ކުރެވިދާނެތޯއެވެ؟ ޕޯސްޓްމޯޓަމް ހެދުމަށްއެދި ހުށަހަޅާނީ މަރުގެ މައްސަލަ ތަޙްޤީގުކުރި ފުލުހަކަށް ނުވަތަ މެޖިސްޓްރޭޓަކަށް އެކަށީގެންވާ ސަބަބުތަކެއް އޮވެގެންނެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނު ގައިވާ ގޮތުގެ މަތިންނެވެ.

ސަބަބުތަކަށް ނުވަތަ ދީނީ ޢަޤީދާއަށް އިޙްތިރާމްކުރުމުގެ ގޮތުން ނުވަތަ އެއަށް ޢަމަލުކުރުމުގެ މައްޗަށް ބިނާކޮށް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ނުހެދުމަށް މަރުގެ މައްސަލަތަކުގެ މަޞްލަޙަތު އޮތް ފަރާތުން ނިންމިނަމަ، މެޖިސްޓްރޭޓަށް ރިފަރކޮށް ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ކެންސަލް ކުރުމަށް އެޕްލިކޭޝަނެއް ހުށަހެޅިދާނެއެވެ. މިގޮތުން އެ ނިންމުން ފުލުހުން ނުވަތަ މެޖިސްޓްރޭޓް ކެންސަލް ކުރުމަށް ނުވަތަ އަނބުރާ ގެންދިއުމަށް ނިންމިނަމަ، ދެން އެފަރާތުން ޒިންމާވާނީ މަރުވި ސަބަބާއި، މަރުވީ ކިހިނެއްކަން އަދި ކޮން އިރަކުކަން ބަޔާން ކޮށްދިނުމަށެވެ.

ޕޯސްޓްމޯޓަމް އެގްޒަމިނޭޝަން ހަދަނީ މަރުވާ ޙާދިސާ ދެނެގަނެ މައްސަލައަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް، އެކަށީގެންވާ ސަބަބެއް އޮތްނަމައެވެ. މަރުވާ ކޮންމެ ސަބަބެއް އެނގެން މުހިއްމެވެ. ހާއްޞަކޮށް އެއީ އަނިޔާވެރިކަމެއް ނުވަތަ ކުށެއް ހިމެނޭ ކަމެއް ނަމައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް