މަހާނަތައް ޒީނަތްތެރިކުރުން ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ސިޓީ ކައުންސިލަށް އަންގައިފި

ޒީނަތްތެރިކުރުމުގެ ގޮތުން ރާނާފައިވާ މަހާނައެއް -- ފޮޓޯ/ މިހާރު

މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް މިއަދު އަންގައިފިއެވެ.

އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއެއްގައި ވަނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް, މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވަނީ ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް ކަމަށެވެ. އަދި މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ވެސް އެ ސިޓީގައިވެއެވެ.

ޒީނަތްތެރިކަމުގެ ގޮތުން މަހާނަތައް ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުންޏެވެ.

"މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ޚިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި ދަންނަވަމެވެ،" އެ މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ވެއެވެ.

comment ކޮމެންޓް