ހޯނޑެއްދޫ މަސްފެކްޓްރީގެ މަސައްކަތް ނުކުރާނަމަ ވެފައިވާ އެއްބަސްވުން ބާތިލު ކުރުމަށް ގޮވާލައިފި

ގދ. ހޯނޑެއްދޫ

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް އިން 2005 ވަނަ އަހަރު ގދ. ހޯނޑެއްދޫގައި ހަދަން ފަށާއިވާ މަސްފެކްޓަރީގެ މަސައްކަތް ނުކުރާނަމަ އެ ކުންފުންޏަށް ދެވިފައިވާ ބިމުގެ އެގްރިމަންޓު ބާތިލުކޮށް ދިނުމަށް ގދ. އަތޮޅު ކައުންސިލުން ގޮވާލައިފިއެވެ.

އެ ކައުންސިލުން މިކަމާ ގުޅިގެން ގަރާރެއް ފާސްކޮށްފައިވާއިރު އަތޮޅު ކައުންސިލްގެ މެންބަރު އަދި ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ މިއަދު 'ސަން' އަށް ވިދާޅުވީ މި ގަރާރު ފާސްކުރުމުގެ މައިގަނޑު ބޭނުމަކީ ފެކްޓްރީގެ މަސައްކަތް ނުކުރެވި އޮތް އޮތުން ބަދަލު ކުރުން ކަމަށެވެ.

ގަރާރުގައި ވަނީ ހުވަދު އަތޮޅަކީ މަސްވެރިން ގިނަ އަތޮޅަކަށް ވާއިރު މިވަގުތު ހުވަދު އަތޮޅުގައި މަސްކިރުމަށް ހެދިފައިވަނީ ކޫއްޑޫ މަސް ފެކްޓްރީ ކަމުގައިވާތީ މަސްވެރިކަން އާދައިގެ ދުވަސްވަރުވެސް މަސްކިރުމަށް އެތަކެއް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހަދަން ފަށާފައިވާ މަސްފެކްޓަރީ ހުޅުވި މަސްކިރުމުގެ މައްސަލައަށް ހައްލެއް ލިބުމަކީ ހުވަދުއަތޮޅުގެ މަސްވެރިން ދެކެމުން އަންނަ ވަރަށް ފޮނި އުއްމީދެއް ކަމަށް ވެސް އެ ގަރާރުގައި ބަޔާން ކޮށްފައިވެއެވެ.

"16 އަހަރު ވީއިރުވެސް ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަން ނުގެނެވި އޮތުމަކީ މަސްވެރިންނަށް ބޭއިންސާފެއް،" ގަރާރުގައި ވެއެވެ.

ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޮޑުބައި ނިމިފައިވުމުގެ ސަބަބުން އެތަން އޮޕަރޭޝަނަށް ގެނެވިއްޖެނަމަ އަވަސް މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް ދިމާވެފައިވާ މަސްކިރުމުގެ މައްސަލައަށް ހައްލެއް ލިބޭނެކަމަށް ގދ. އަތޮޅު ކައުންސިލުގެ ހުރިހާ މެންބަރުން ދެކޭ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

comment ކޮމެންޓް