ސްޓްރެޓީޖިކް ބޮންބާ ބޭނުންކޮށްގެން ޗައިނާއާއި ރަޝިއާ، އެމެރިކާއަށް ދިން ވަރުގަދަ މެސެޖު

އޭޝިއާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާއާއި ރަޝިއާ ގުޅިގެން ބޭއްވި އަސްކަރީ ބޮންބާ ފްލައި މިޝަންގައި ބައިވެރިވި އެދެގައުމުގެ ސްޓްރެޓީޖިކް މަތިންދާބޯޓުތައް

ހަނގުރާމައިގެ ސްޓްރެޓީޖިކް މަތިންދާބޯޓުތައް ބޭނުންކޮށްގެން ޖަޕާން ކަނޑުގެ މަތިންނާއި ދެކުނު ޗައިނާ ކަނޑުގެ މަތިން ރަޝިއާއާއި ޗައިނާ ގުޅިގެން މިިދިޔަ އަންގާރަދުވަހު ވަނީ އޭޝިއާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ސްޓްރެޓީޖިކް އަސްކަރީ ޖޮއިންޓް ޕެޓްރޯލެއް ހިންގާފައެވެ.

މުހައްލިލުން ވިދާޅުވާގޮތުގައި މިއީ އެދެގައުމުން އެމެރިކާއަށް ދިން ވަރަށް ވަރުގަދަ އަސްކަރީ މެސެޖެކެވެ. ރަޝިއާއާއި ޗައިނާގެ ޖޮއިންޓް ޕެޓްރޯލްގައި ބޭނުންކޮށްފައިވަނީ ރަޝިއާގެ ސްޓްރެޓީޖިކް ބޮންބާ ކަމަށްވާ "ޓޮޕްލޯވް ޓީޔޫ 95 އެމްއެސް" މަރުކާގެ މަތިންދާބޯޓާއި ޗައިނާގެ ސްޓްރެޓީޖިކް ބޮންބާ ކަމަށްވާ "ހޯން 6 ބީ" މަރުކާގެ މަތިންދާބޯޓެވެ.

މިއިން ކޮންމެ ބޯޓަކީވެސް ނިއުކްލިޔާ ބޮންއެޅުމުގެ ގާބިލްކަން ލިބިފައިވާ އަދި ހުއްޓުމެއްނެތި އެތައް ގަޑި އިރަކަށް އުދުހުމުގެ ގާބިލްކަން ލިބިފައިވާ އަސްކަރީ ބޮންއަޅާ އެންމެ ބިޔަ މަތިންދާބޯޓުތަކެވެ. މިއީ އެމެރިކާގެ ސްޓްރެޓީޖިކް ބޮންބާޑު ކަމަށްވާ ބީ 52 މަރުކާގެ ބިޔަ ބޮންއަޅާ ބޯޓުތަކާ އެއްފަދަ ބޯޓުތަކެވެ.

ޗައިނާއާއި ރަޝިއާގެ ބޮންބާ ފްލައި މިޝަން ބޭއްވީ ބައިޑެން ޖަޕާނުން ފުރާވަޑައިގެންނެވި ވަގުތާ ދިމާކޮށް

ރަޝިއާއާއި ޗައިނާ ގުޅިގެން މިބޯޓުތައް ބޭނުންކޮށްގެން ޖޮއިންޓް ޕެޓްރޯލް ކޮށްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެކުނު ކޮރެއާއަށާއި ޖަޕާނަށް ކުރެއްވި ދަތުރުފުޅު ނިންމާލައްވައި ޖަޕާނުން ފުރާވަޑައިގެންނެވި ވަގުތުގައެވެ. މި ބޯޓުތައް އުދުހިފައިވަނީ ޖަޕާން ކަނޑުގެ އިތުރުން ޓައިވާން ހިމެނޭ ދެކުނު ޗައިނާ ކަނޑުގެ މަތިންނެވެ.

ޗައިނާގެ ސްޓްރެޓީޖިކް ބޮންބާ ކަމަށްވާ "ހޯން 6 ބީ"

ބައިޑެން ޖަޕާނުން ފުރާވަޑައިގެންނެވި ވަގުތު އުތުރު ކޮރެއާ ވެސް ވަނީ އެމެރިކާއަށް ފޯރާވަރުގެ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް (ނިއުކްލިޔާ ވޯހެޑް ހަރުކުރާ) މިސައިލަކާ އެނޫންވެސް ގިނަ އަދަދެއްގެ މިސައިލްތަކެއް ތަޖުރިބާކޮށް އެމެރިކާއަށް އިންޒާރުގެ މެސެޖެއްދީފައެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެންވަނީ ތައިވާން ޗައިނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔުމަށް ޗައިނާ ބާރުގެ ބޭނުންކޮށްފިނަމަ ތައިވާންގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ އަސްކަރީ ގޮތުން ތެދުވާނެކަމަށް ވިދާޅުވެ ޗައިނާއަށް މީގެކުރިން އެމެރިކާ ދީފައިނުވާފަދަ ހަރުކަށި އިންޒާރެއް ދެއްވާފައެވެ.

ބައިޑެންގެ މިއިންޒާރާއެކު ޗައިނާއަށްވެސް އަދި ބައިނަލްއަގްވާމީ މުޖްތަމައަށްވެސް ހީވެގެން ދިޔައީ ތައިވާނާމެދު އެމެރިކާ ގެންގުޅޭ ސިޔާސަތައް ބޮޑު ބަދަލެއް އައީ ކަމުގައެވެ. އެހެން އިބާރާތަކުން ބުނާނަމަ ތައިވާނަކީ ޗައިނާގެ ސަރަހައްދެއްކަމަށް (އެއްޗައިނާގެ ސިޔާސަތަށް) އެމެރިކާ މިހާތަނަށް ދެކެމުންއަންނަ ސިޔާސަތަށް ބޮޑު ބަދަލެއް އައީ ކަމަށާއި ތައިވާންގެ ދިފާއުގައި ޗައިނާއާ ދެކޮޅަށް އެމެރިކާ އަސްކަރީ ގޮތުން ތެދުވާނެކަމީ ހަގީގަތަކަށް ވެގެންދާނެކަމުގައެވެ.

ބައިޑެންގެ އިންޒާރަކީ ފޭކެއް

ސަބަބަކީ ބައިޑެންގެ މިވަރުގަދަ އިންޒާރަކީ މީގެކުރިން އެމެރިކާގެ އެއްވެސް ރައީސަކު ފާޅުކަންބޮޑުގޮތެއްގައި ޗައިނާއަށް ނުދެއްވާ ވަރުގެ ބާރުގަދަ އިންޒާރަކަށް ވާތީއެވެ. ބައިޑެންގެ މިއިންޒާރަށް ރައްދު ދެއްވީ ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވާންގް ވެން ބިންއެވެ. އޭނާވަނީ އަލިފާނާ ނުކުޅުމަށާ އަލިފާނާ ކުޅެން އުޅެފިނަމަ އެންމެ ފުރަތަމަ އެއަލިފާނުގައި އަނދައިގެންދާނީ އެމެރިކާ ކަމަށް ވިދާޅުވެ ރައްދު ދެއްވާފައެވެ.

އޭޝިއާއާއި އޭޝިއާ ޕެސިފިކް ސަރަހައްދުގައި ޗައިނާއާއި ރަޝިއާ ގުޅިގެން ބޭއްވި އަސްކަރީ ބޮންބާ ފްލައި މިޝަންގައި ބައިވެރިވި އެދެގައުމުގެ ސްޓްރެޓީޖިކް މަތިންދާބޯޓުތައް

ނަމަވެސް ކަންތައް ވެގެންދިޔައީ ވަރަށް ވައިކޮށެވެ. ބައިޑެންގެ ހަރުކަށި އިންޒާރު ވެގެންމިދިޔައީ ހީކުރެވުނުގޮތާ މުޅިން ޚިލާފަށް ވަރަށް ވަނދުއެއްޗަކަށެވެ. ޗައިނާގެ ރައްދަށްފަހު ދެއްވި ބަޔާނެއްގައި ބައިޑެން ވަނީ ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް އެމެރިކާ ނުގެންގުޅޭ ކަމަށާއި ތައިވާނަކީ ޗައިނާގެ ސަރަހައްދެއްކަމަށް އެމެރިކާ ގަބޫލުކުރާ ސިޔާސަތަށްވެސް އެއްވެސް ބަދަލެއް ނާންނަކަމަށް ވިދާޅުވެ މައްސަލަ ފިނިކޮށްލައްވާފައެވެ.

ބައިޑެންގެ ބޭނުމަކީ ޗައިނާ ސިއްސުވާލުން

މިކަން ތަހުލީލު ކުރެއްވި ބައިނަލްއަގްވާމީ ސްޓްރެޓީޖިސްޓުން ވިދާޅުވާގޮތުގައި ބައިޑެންގެ އިންޒާރުގެ ބޭނުމަކީ ޗައިނާ ސިއްސުވާލުމެވެ. އަދި ހާސްކަމެއްގެ ތެރެއަށް ޗައިނާ ވައްޓާލުމެވެ. އަދި ބާރުގެ ބޭނުންކޮށްގެން ތައިވާން ޗައިނާގެ ކޮންޓްރޯލްގެ ދަށަށްގެނައުމަށް ޗައިނާ ގެންގުޅޭ ސިޔާސަތަކީ އެމެރިކާ އެމެރިކާ ވަރަށް ކަންބޮޑުވާ ސިޔާސަތެއްކަން ޗައިނާއަށް އެންގުމެވެ. އެއްވެސް ހާލެއްގައި ތައިވާން ދިފާއުކުރުމަށްޓަކައި ޗައިނާއާ އަސްކަރީ ގޮތުން ކުރިމަތިލާން އެމެރިކާ ނިންމި ސްޓްރެޓީޖިކް ނިންމުނެއް ނޫނެވެ.

އެމެރިކާއަކީ އެއްވެސް ގައުމަކާ އެކަނި ކުރިމަތިލާން ކެރޭގައުމެއްނޫން

މިފަރާތްތައް ދެކޭގޮތުގައި އެމެރިކާއަކީ އެއްވެސް އިރެއްގައި ކިތަންމެ ކުޑަގައުމަކާ ދެކޮޅަށްވެސް އެކަނި ހަނގުރާމަކުރާ ގައުމެއްނޫނެވެ. އަސްކަރީ ގޮތުން ގައުމަކާ ކުރިމަތިލާނަމަ އެމެރިކާއާއެކު އެމެރިކާގެ ބައިވެރިން (އާންމު ގޮތެއްގައި ނޭޓޯގެ ގައުމުތައް) ބައިވެރިކުރާނެއެވެ. އިރާގާއި އަފްޣާނިސްތާނާ އަދި ސޫރިޔާއާ ދެކޮޅަށް އެމެރިކާ ހަނގުރާމަ ކުރީވެސް އެކަންޏެއް ނޫނެވެ. އެމެރިކާއަށް އެހީތެރިވާ ނޭޓޯގެ ގައުމުތައް ބޭނުންކޮށްގެންނެވެ.

ތައިވާންގެ މައްސަލާގައި ޗައިނާއާ ކުރިމަތިލުމަށް ނޭޓޯގެ ގައުމުތައް ބޭނުމެއް ނުވާނެއެވެ. އެއީ އެގައުމުތަކާއި ޗައިނާއާ ދެމެދު މައްސަލައެއް ނެތިފައި ތައިވާނުގެ މައްސަލައަކީ ޗައިނާގެ ދާޚިލީ ކަމެއްކަމަށް އެގައުމުތަކުން ދެކޭތީ އޭގެތެރެއަށް ވަންނަން އިނގިރޭސިވިލާތް ފިޔަވައި ނޭޓޯގެ އެހެން ގައުމަކުން ބޭނުންނުވާނެތީއެވެ.

ބައިޑެންގެ އިންޒާރު އަނބުރައި ގެނައުން

ވީމާ، ބައިވެރިންނާ ނުލައި އެކަނިމާއެކަނި ޗައިނާފަދަ ބާރުގަދަ ބިޔަ ގައުމަކާ ދެކޮޅަށް ހަނގުރާމަ ނުކުރެވޭނެކަން އެމެރިކާ ގަބޫލުކުރުމަކީ ބައިޑެން އިންޒާރު އަނބުރައި ގެނަސް މަސްރަހު ފިނިކުރަން އޭނާ ބޭނުންވި މައިގަނޑު ސަބަބެވެ.

މުހައްލިލުން ދެކޭގޮތުގައި ޗައިނާ ސިފައިންގެ 100 ވަނަ އަހަރީ ދުވަސް 2027 ގައި ފާހަގަ ކުރުމުގެ ބޮޑު ރަސްމިއްޔާތުގެ ކުރިން ޗައިނާއިން ސުލްހަވެރި ގޮތުގައި ނޫނީ ބާރުގެ ބޭނުންކޮށްގެން ނަމަވެސް ތައިވާން އެގައުމުގެ ކޮންޓްރޯލްގެ ދަށަށް ގެންދާނެއެވެ. މިހާރުވެސް ކޮންމެ ހަފްތާއަކު ކަހަލަ ގޮތަކަށް ޗައިނާގެ އަސްކަރީ މަތިންދާބޯޓުތައްދަނީ ތައިވާންގެ މަތިން އުދުހެމުން ގެންދެއެވެ.

ޗައިނާއާއި ރަޝިއާގެ މެސެޖު ވަރަށް ސާފު

ބައިޑެން ޖަޕާނުން ފުރާވަޑައިގެންނެވި ވަގުތު ރަޝިއާއާއި ޗައިނާ ގުޅިގެން ޖަޕާން ކަނޑާއި ދެކުނު ޗައިނާ ކަނޑުގެ މަތިން ހިންގި އަސްކަރީ ޖޮއިންޓް ޕެޓްރޯލްއަކީ އެމެރިކާއާ ކުރިމަތިލުމުގައި ޗައިނާއާއި ރަޝިއާ ގެންގުޅެނީ އަސްކަރީ ގޮތުން އެއްގައުމު އަނެއް ގައުމަށް އެއްބާރުލުން ދޭ ސިޔާސަތެއްކަމުގެ މެސެޖު އެމެރިކާއަށް ދިނުމެވެ.

ރަޝިއާގެ ސްޓްރެޓީޖިކް ބޮންބާ "ޓޮޕްލޯވް ޓީޔޫ 95 އެމްއެސް"

މީގެެތެރޭގައި ތައިވާން އާ ދެކޮޅަށް ޗައިނާ އަޅާފިޔަވަޅެއްގެ ފަހަތުގައި ރަޝިއާ އޮންނާނެކަމާއި ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާގެ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ކުރިމަތިވިނަމަވެސް ޗައިނާގެ އެއްބާރުލުން ރަޝިއާއަށް އޮންނާނެކަމުގެ މެސެޖު ހިމެނެއެވެ.

ޑޮލަރުގެ ބިރުވެރިކަންނެތް ބައިނަލްއަގްވާމީ އައު ނިޒާމެއް

މީގެ އިތުރުން އެމެރިކާ އުފައްދާފައިވާ ބައިނަލްއަގްވާމީ މިހާރުގެ ނިޒާމު ބަލިކަށިކޮށް ޑޮލަރުގެ އަޅުވެތިކަމުން މިނިވަންވެފައިވާ ބައިނަލްއަގްވާމީ މުޅިން އައު ނިޒާމެއް އުފެއްދުމަކީވެސް މިދެގައުމުގެ ސިޔާސަތެއްކަން އެމެރިކާއަށް އަންގައި ދިނުމަކީ ޗައިނާއާއި ރަޝިއާގެ މަގްސަދެކެވެ.

އެެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް މާކް މިލޭ ވަނީ އެމެރިކާ އުފައްދާފައިވާ ބައިނަލްއަގްވާމީ މިހާރުގެ ނިޒާމު ރޫޅާލައި ބައިނަލްއަގްވާމީ މުޅިން އައުނިޒާމެއް އުފައްދަން ޗައިނާއާއި ރަޝިއާ އަޑިއަޑިން ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރާކަމަށާއި އެކަމަށް އެމެރިކާއަށް އެޅެން އޮތް ހުރިހާ ހުރަސްތަކެއް އަޅާނެކަމަށް ވިދާޅުވެ މިހަފްތާގައި ވާހަކަ ދައްކަވާފައެވެ.

އެެހެންކަމުން ޗައިނާއާއި ރަޝިއާ ގުޅިފައިވާ އަސްކަރީ ސްޓްރެޓީޖިކް ޕެޓްރޯލްގެ މައިގަނޑު މަގްސަދަކީ އެދެގައުމަކީ އެމެރިކާއާ ކުރިމަތިލާންޖެހޭ ސްޓްރެޓީޖިކް މައްސަލަތަކުގައި އަޑިއަޑިން ގުޅިފައިވާ ދެގައުުމު ކަމުގެ މެސެޖު އެމެރިކާއަށް ދިނުންކަމަށް މުހައްލިލުން ދެކެއެވެ.

comment ކޮމެންޓް