ޓެކްސީ ޑްރަވައިރު ގާސިމް ޙަސަން މަރާލި މައްސަލައިގައި ހެކިބަސް ނަގައި ނިންމާލައިފިއެވެ.
ދިގުމިނުގައި ހަ އިންޗި ހުރި ވަޅިއަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ޙަސަން މަރާލީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގައެވެ.
އެ މައްސަލައިގައި ޅ. ހިންނަވަރުު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައެވެ. އޭނާ، ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދައްކަން އުޅުމުގެ ތެރޭގައި ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
ދެހާސް ވިހިވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ދައުވާއަށް އިއުތިރާފުވިއެވެ. އެއީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭގެ ހަ ދުވަސް ފަހުން ބޭއްވި އަޑުއެހުމުގައި، އިއުތިރާފުވީ ފުލުހުން އަނިޔާކުރުމުން ކަމަށް ބުނެ އޭނާ ދައުވާއަށް އިންކާރުކުރި އެވެ. އެއާއެކު، ކުރިން ހެދި އިއުތިރާފު އެއްބަސްވުން ވަނީ އުވިފައެވެ.
ޝަރީއަތުގެ މަޖިލީހުގައި އަދުހަމް ވަނީ ގާސިމަށް ހަމަލާ ދިން ކަމަށް އެއްބަސްވެފައެވެ. އަދި ކަން ހިނގައިދިޔަގޮތް ވަރަށް ތަފްސީލްކޮށް ކިޔައި ވެސް ދިނެވެ. އަދި އެއީ އޭނާ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް ބުނެ ކުށުގެ ނިޔަތަށް އިންކާރު ކުރިއެވެ. އޭނާ ބުނި ގޮތުގައި އެކަން ހިނގި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައެވެ. އެހެންކަމުން އޭނާއަށް ލުއި އަދަބެއް ދިނުމަށް އެދުނެވެ. އަދި ގާސިމްގެ އާއިލާގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ބުންޏެވެ.
ކުށައް އިއުތިރާފްވި ނަމަވެސް ދައުލަތުން ވަނީ އަދުހަމާ ދެކޮޅަށް ހެކި ހުށަހަޅާފައެވެ.
ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރެއިން ދެ މީހެއްގެ ހެކިބަސް ފިޔަވައި އެހެން މީހުންގެ ހެކިބަސް ވަނީ ނަގާފައެވެ. އެ ދެ މީހުންގެ ތެރޭގައި ހިމެނެނީ ފުލުހަކާއި އާންމު މީހެކެވެ.
އޭގެ ތެރެއިން އާންމު މީހާއާ ގުޅޭ ގޮތެއް ނުވުމުން އޭނާގެ ހެކިބަސް ވަނީ ނެގޭ ގޮތް ނުވެފައެވެ. ފުލުސް މީހާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށްވުމުން އޭނާގެ ހެކިބަސް ނެގުމަށް ދަތިތަކެއް ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލް މިއަދު ވަނީ ކޯޓުގައި ބުނެފައެވެ. އެހެން ކަމުން އެ ދެ މީހުންގެ ހެކިބަސް ނުނަގައި މައްސަލައިގައި ކުރިއަށް ދިއުމަށް ދައުލަތުން ވަނީ ނިންމައިފައެވެ.
އެ މައްސަލައިގައި އަދުހަމްގެ ފަރާތުން އެއްވެސް ހެއްކެއް ހުށައަޅާފައެއް ނުވެއެވެ.
މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވިދާޅުވީ, އެ މައްސަލައިގައި ހެކިބަސް ނަގައި ނިމުނީ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ.