ހަމަލާގެ ޝަރީއަތްތައް އޮބްޒާވް ކުރުމުގެ ފުރަސަތަށް ނަޝީދުގެ ވަކީލުން އެދެފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންގެ ޝަރީއަތްތައް އޮބްޒާވްކުރުމުގެ ފުރުސަތަށް އެމަނިކުފާނުގެ ވަކީލުން އެދިވަޑައިގެންފިއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަލްއުސްތާޒް އަޙްމަދު ޝަކީލަށް ރައީސް ނަޝީދުގެ ވަކީލުންގެ ޓީމުން ފޮނުއްވި ސިޓީގައި ބުނީ އެ ހަމަލާގެ އެންމެ ބޮޑު ޝިކާރީއަކީ ރައީސް ނަޝީދު ކަމަށެވެ. އެހެންކަމުން ކަމާގުޅޭ ޝަރީއަތްތަކުގެ އަޑުއެހުންތައް އޮބްޒާވް ކުރުމަށް އެމަނިކުފާނުގެ ހަތަރު ވަކީލުންގެ ތެރެއިން މަދުވެގެން ދެ ވަކީލަކަށް ފުރުސަތު ދިނުމަށް އެދޭ ކަމަށް ސިޓީގައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލައާ ގުޅިގެން 10 މީހެއްގެ ޝަރީއަތް ކުރިއަށް ދާއިރު، އެ އަޑުއެހުންތައް ބާއްވާ ތާރީޚުތަކާއި ކަމާގުޅޭ މައުލޫމާތު ހިއްސާ ކޮށްދިނުމަށް ވެސް ސިޓީގައި އެދިފައިވެއެވެ.

މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަޙްމަދު ރަޝީދަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމްގެ އިތުރުން އެ މައްސަލާގައި ދައުވާކޮށްފައި ވަނީ މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަޙުމަދާއި، ނ. މަނަދޫ، ނޫރީގެ ޢަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ ޢަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްއާއި ދަފްތަރު 6231 (2) ޙަސަން ޔާސީން އާއި ހުޅުމާލެ 07-3-56، މުޙައްމަދު ޒޫމަލް ޒަރީރުގެ މައްޗަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަޙުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.

comment ކޮމެންޓް