މިހާރު އިސްރަށްވެހިންނަކީ ނިކަމެތި ބައެއް، އެމީހުން ފުދުންތެރި ބަޔަކަށް ހަދާނަން: ނާޒިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުހައްމަދު ނާޒިމް --- ފޮޓޯ/ އެމްއެންޕީ

މިހާރު އިސްރަށްވެހިން ވަނީ ވަރަށް ބޮޑަށް ނިކަމެތި ވެފައި ކަމަށާއި އެމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން "ރައްޔިތުންގެ އުދާސް"ގެ ނަމުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ނާޒިމް ވިދާޅުވީ، ދުވަސްވީ މީހުންނަށް އަޅާލައި އެމީހުންގެ ބަސް އިއްވާނެ މީހަކު މިއަދު ނެތްކަމަށެވެ. އަދި އެމީހުންނަކީ ފުދުންތެރިކަން ދަށް ބައެއް ކަމަށާއި އިސްރަށްވެހިން ވަނީ ވަރަށް ބޮޑަށް ބާކީކޮށްލާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހިންނަކީ އެހެން ބަޔަކަށް ބަރޯސާނުވެ އަދި އުފާފާގަތިކަން މަތީ އުޅެވޭނެ ބަޔަކަށް ހަދައިދިނުން ކަމަށެވެ. އެގޮތުން އިސްރަށްވެހިންނާއެކު މަސައްކަތް ކުރުމަށާއި އެމީހުން އުފަލުގައި ބޭތިއްބުމުގެ މަގުސަދުގައި "މިނިސްޓްރީ އޮފް ހެޕިނެސް"ގެ ނަމުގައި މިނިސްޓްރީއެއް އުފައްދާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އެމްއެންޕީގެ އުފެއްދުމުގެ ބޭނުންތަކުގެ ތެރެއިން އެއް ބޭނުން އެއީ. އިސްރަށްވެހިންނަށް އަޅާލުން. ދިވެހިން އުފަލުގަ ބެހެއްޓުން. އެކަމު މިއަދު އިސްރަށްވެހިން ވަނީ ނިކަމެތި ހާލުގަ. އެކަން ބަދަލުކޮށް، އިސްރަށްވެހިންނަށް ހައްގު މަގާމް ދޭން ޖެހޭ. އަޅުގަނޑުމެންގެ ވެރިކަމެއްގަ މިނިސްޓްރީ އޮފް ހެޕިނެސް އުފައްދާނަން،" އޭނާ ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ހާލަތު ދެނެގަތުމަށް ޓަކައި، އިސްރަށްވެހިންގެ ޖަމިއްޔާއާ ބައްދަލުކޮށް އެމީހުންގެ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ވާހަކަދައްކާފައި ވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ބަޖެޓުގެ ދަތިތަކާ ހުރެ އިސްރަށްވެހިންގެ އުދާސްތަކަށް ހައްލެއް ލިބެން ނެތްކަމަށް ކަމާބެހޭ ފަރާތްތަކުން އަންގާފައިވާ ކަންވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ބައްދަލުކުރިން އިސް ރަށްވެހިންގެ ޖަމިއްޔާއާ. ރައްޔިތުންނާ ބައްދަލުކޮށް އަދި ކަމާބެހޭ ހުރިހާ އިދާރާއަކާ ބައްދަލުކޮށްފިން. އެހެންނަމަވެސް ވިދާޅުވަނީ ބަޖެޓްގެ ދަތިކަމާ ހުރެ އެކަން ވާކަށް ނެތޭ. މީތޯ މިއަދު ބޭނުންވާ ޖަވާބަކީ،" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ، އެމްއެންޕީގެ ވެރިކަމެއްގައި އިސް ރަށްވެހިންނަށް ހައްގު މަގާމު ހޯދައިދީ، އިނާޔަތްތައް ވެސް ދޭނެކަމަށެވެ.

މި ޖަލްސާ ބާއްވާފައިވަނީ ޕެންޝަން ސްކީމާ ބެހޭ ގޮތުން ހެދި ދިރާސާއަކުން ފާހަގަވި މައްސަލަަތައް ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ހުށަހެޅުއްވި ނަމަވެސް އެ މައްސަލައަށް ބަހުސް ކުރުމެއް ނެތި މައްސަލަ ބޭރުކޮށްލައިފައި ވަނިކޮށެވެ.

އެ މައްސަލާގައި ބުނެފައި ވަނީ، ޕެންޝަނާ ބެހޭ ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ޕެންޝަންގެ ޙައްގުވެރިންނަށް ލިބިމުން ނުދާކަމަށެވެ. އަދި ޕެންޝަނާ ބެހޭ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުތަކާއެކު އަސާސީ ޕެންޝަނުގެ ގޮތުގައި ލިބެންޖެހޭ 5000 ރުފިޔާ، ޕެންޝަންގެ ހައްގުވެރިންނަށް ފުރިހަމައަށް ލިބުމަށް ހުރަސްއެޅިފައިވާކަމަށް ވެސް މައްސަލާގައިވެއެވެ.

މި ކަންކަމުގެ ސަބަބުން ޕެންޝަނާ ބެހޭ ގާނޫނު އަލުން މުރާޖާ ކުރަން ޖެހޭ ކަމަށް މައްސަލާގައި ބުނެފައިވެއެވެ.

މި މަހުގެ 18ގައި އެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ ވޯޓުގައި ބައިވެރިވި 29 މެންބަރުންގެ ތެރެއިން 19 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މައްސަލަ ބަލައިގަތުމަށް ފަސް މެންބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓުދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވިދާޅުވިއެވެ.

comment ކޮމެންޓް