ރާއްޖެއާއި އެމެރިކާގައި ދެ ގައުމުގެ އެމްބަސީ ގާއިމް ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޜޭ ޑެފެއާރ މިޒް އަންޑްރެއާ އަޕެލް--- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއާއި އެމެރިކާގައި ދެ ގައުމުގެ އެމްބަސީ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާކޮށްފައިވަނީ އެމެރިކާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޝާޜޭ ޑެފެއާ މިޒް އަންޑްރެއާ އަޕެލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ ފިޔަވަޅަކީ އެމެރިކާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރާނެ ކަމެއް ކަމަށެވެ.

ރައީސް ވަނީ އެމެރިކާއިން ރާއްޖޭގެ އެކި ދާއިރާތަކަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވައި ޚާއްޞަ ގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާ، ޝުކުރުއަދާކުރައްވަފައެވެ.

މިޒް އަޕެލް ދެއްކެވި ވާހަކަފުޅުގައި މީގެ 60 އަހަރު ކުރިން ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށް، ދެ ގައުމުގެ ދެމެދު އޮތް ދުވަސްވީ ގާތްގުޅުމަކީ އެމެރިކާ ސަރުކާރުން ފަޚުރުވެރިވާ ގުޅުމެއްކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަކީ ނިސްބަތުން ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ހޯދާފައިވާ ކުރިއެރުން އެކަމަނާ ފާހަގަކުރެއްވިއެވެ.

އެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞާދާއި ދިފާއީ އަދި ސަލާމަތީ ކަންކަން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

comment ކޮމެންޓް