މި ހިނގާ 2022 ވަނަ އަހަރަކީ މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ)ގެ މުޅި ހަޔާތުގައި ވެސް އެއް ފަހަރާ ފެނާއި ނަރުދަމާގެ އެންމެ ގިނަ މަޝްރޫއު ހިނގަމުންދާ އަހަރު ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑްސްގައި ރޭ އޮތް އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަހުގެ ޚާއްޞަ ޖަލްސާގައި ޝާހު ވިދާޅުވީ ފާއިތުވި އަހަރު ފެށުނު މަޝްރޫއުތަކާއެކު ފެނާއި ނަރުދަމާގެ 31 މަޝްރޫއެއް މިހާރު ހިނގަމުންދާ ކަމަށެވެ.
"މީގެ ތެރެއިން ހަތަރު މަޝްރޫއެއް މިހާރު ވަނީ ނިންމާލެވިފައި. އަޅުގަނޑުމެންގެ ޓީމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި އިތުރު 20 މަޝްރޫއު ނިންމުން،" ޝާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގެ ފެނުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމަކީ މިއަދު ކޮންމެހެން ވެސް ކުރަންޖެހިފައިވާ ކަމަކަށް ވާއިރު އެކަމަށް ބޭނުންވާ ބިން 2020 ވަނަ އަހަރު ސަރުކާރުން ހަމަަޖައްސަވައިދެއްވި ކަމަށް ޓަކައި ޝުކުރު އަދާ ކުރާ ކަމަށެވެ.
މިހާރު 13،000 ކިއުބިކް މީޓަރަށް ވުރެ ބޮޑު ދެ ތާންގީ އެ ބިމުގައި ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ދާ ކަން ފާހަގަ ކުރައްވާ ޝާހު ވިދާޅުވީ މާލޭގެ ނަރުދަމާ ނިޒާމަކީ އަންދާޒާ ކުރި އާބާދީއަށް ވުރެ މާ ބޮޑު ލޯޑެއް އުފުލަން ޖެހިފައިވާ ނިޒާމެއް ކަމަށެވެ.
މިހާރު އަޅާފައިވާ ހޮޅިތައް ސާފުކުރުމާއި އިތުރު ޕަމްޕު ސްޓޭޝަންތަކުން މާލޭގެ ނަރުދަމާ ނިޒާމަށް ވަރަށް ބޮޑު ލުޔެއް ހޯދައިދީފައިވާއިރު ދާދި ފަހަކާ ޖެހެންދެން މަގުތަކަށް ނަޖިސް ލީކުވަމުން ދިއަދިއުމަށް ވަރަށް ބޮޑު ހައްލެއް މިހާރު ހޯދިފައިވާ ކަމަށް ވެސް ޝާހު ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ދިމާވި އެތަކެއް ގޮންޖެހުންތަކާ އެކު ވެސް 2020 ވަނަ އަހަރު މައިގަނޑު ދާއިރާތަކުން ހާސިލު ކުރުމަށް ކުންފުނިން ބޭނުންވި ހުރިހާ އަމާޒެއް ހާސިލު ކުރެވުނު ކަމަށެވެ.
"ގޮންޖެހުންތައް ގިނަވި ނަމަވެސް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދެވޭ ކަމީ އެންމެ ބޮޑު ކާމިޔާބީ،" ޝާހު ވިދާޅުވީއެވެ.
އޭނާ ވިދާޅުވީ ހުޅުމަލޭ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކާ އެ ކުންފުނިން ހަވާލުވިއިރު އެތަނުގައި ބޭނުންވާ އެއްވެސް ޚިދުމަތެއް، ވަސީލަތެއް ނެތް ކަމަށެވެ. ނަމަވެސް 7،000 ހައުސިން ޔުނިޓުގެ ބޮޑު އާބާދީގެ ފެނާއި ނަރުދަމާ ސުންގަޑިއަށް ނިންމާލެވުނު ކަން ޝާހު ފާހަގަކުރެއްވިއެވެ.