ރާއްޖެ އެތެރެ ކުރަން އުޅުނު ބައި ކިލޯ ކެނަބިސް އަތުލައިގެންފި

ރާއްޖެއަށް އެތެރެ ކުރާން އުޅެނިކޮށް، ކަސްޓަމުން އަތުލައިގަތް ކެނަބިސް --- ފޮޓޯ/ ކަސްޓަމްސް

ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރާން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.

ކަސްޓަމުން ބުނީ މި ތަކެތި އަތުލައިގެންފައި ވަނީ ކުރިއާ ޚިދުމަތް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައި ފާސް ކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ފެނުމުން އެތަކެތި އިތުރަށް ބަލައި ފާސް ކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން މި މަހުގެ 18 ވަނަ ދުވަހު ބަލައި ފާސް ކުރި ޕާރުސަލްގެ ތެރެއިން ފެނުނު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި، އެންމެ ފުރަތަމަ ތަހުލީލު ކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކަސްޓަމްސް އިން ބުނީ މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 0.537 ކިލޯ ހުރި ކަމަށެވެ.

ކަސްޓަމްސް އިން ވަނީ މި ތަކެތި ފުލުހުންނާ މިހާރު ހަވާލުކޮށްފައެވެ.

މި އަހަރުގެ މިހާތަނަށް ކަސްޓަމުން ވަނީ ކުރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރާން އުޅުނު 6.374 ކިލޯގެ މަސްތުވާތަކެއްޗާއި އެއާ ކާގޯ ޝިޕްމެންޓެއްގައި ފޮރުވައިގެން ރާއްޖެއަށް އެތެރެ ކުރާން އުޅުނު 17 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައެވެ.

comment ކޮމެންޓް