އިމްރާން ޚާން އިސްވެ ހުންނަވައި، ޕާކިސްތާން ސަރުކާރާ ދެކޮޅަށް ބޮޑު މުޒާހަރާއެއް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މުޒާހަރާގެ ބައިވެރިންނާއެކު --- ފޮޓޯ/ ޓްވިޓާ

ޕާކިސްތާނުގައި މިހާރު އޮތް ސަރުކާރު އިސްތިއުފާދީ، ވަގުތުން އާންމު އިންތިޚާބެއް ބޭއްވުމަށް ގޮވާލާ ބޮޑު މުޒާހަރާއެއް ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިސްކޮށް ހުންނަވައިގެން ފައްޓަވައިފިއެވެ.

"އާޒާދީ މާޗް" ނުވަތަ މިނިވަންކަމަށް ބާއްވާ ހިނގާލުމުގެ ނަމުގައި އިމްރާން ޚާންގެ ތަހްރީކީ އިންސާފް (ޕީޓީއައި) ޕާޓީގެ މެމްބަރުން ވަނީ ގައުމުގެ އެކި ސަރަަހައްދުތަކުން، ވެރިރަށް އިސްލާމްއާބާދަށް މިސްރާބު ޖަހާފައެވެ.

އިމްރާން ޚާން ވިދާޅުވީ އެ އެއްވުން ވެގެން ދާނީ ޕާކިސްތާނުގެ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ބޮޑު އެއްވުމަކަށް ކަމަށެވެ.

"ގާނޫނު ހަދާ މަޖިލިސް އުވާލަން ސަރުކާރުން ނިންމައި، އިންތިޚާބު ބާއްވާނެ ތާރީޚެއް އިއުލާންކުރަންދެން އަޅުގަނޑުމެން އިސްލާމްއާބާދުގައި ތިބޭނަން،" ޚާން ވިދާޅުވިއެވެ.

އެ މުޒާހަރާ ކުރިއަށްދާ ގޮތާ ބެހޭ މައުލޫމާތު ޚާން ގެންދަވަނީ ޓުވީޓާ މެދުވެރިކޮށް ހިއްސާކުރައްވަމުންނެވެ. އެގޮތުން އޭނާއާއި މުޒާހަރާގެ ބައިވެރިން ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުން ޕަންޖާބު ޕްރޮވިންސަށް ވަދެ، އިސްލާމްއާބާދަށް މިސްރާބު ޖަހާފައިވާ ކަމަށް ދާދި ފަހުން ޚާން ކުރެއްވި ޓުވީޓެއްގައިވެއެވެ.

މުޒާހަރާ ރޫޅާލުމަށް ޓަކައި ފުލުހުން ވަނީ ކަރުނަ ގޭސް ޖަހާފަ -- ފޮޓޯ/ އޭޕީ

އެ މުޒާހަރާއާ ދިމާކޮށް ފުލުހުން ވަނީ އިސްލާމްއާބާދަށް ދެވެން އޮންނަ މަގުތަކުގައި ކޮންޓެއިނަރުތައް ޖަހައި ބަންދުކޮށްފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ދަނީ ކޮންޓެއިނަރުތައް ދުރަށް ޖައްސަމުންނެވެ.

އޭގެ ސަބަބުން މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ހިނގާފައިވެއެވެ. އެގޮތުން ފުލުހުން ކަރުނަ ގޭސް ޖަހާފައިވާ އިރު މުޒާހަރާގެ ބައިވެރިން ދަނީ ގަލާއި ކަރުނަ ގޭސް ހުސްކުރި ކެނިސްޓަރުތައް ފުލުހުންނާ ދިމާލަށް އުކަމުންނެވެ.

އެ މުޒާހަރާތައް ފެށުމުގެ ކުރިން ވެސް ޕީޓީއައިގެ ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ. އެގޮތުން ރޭ އެ ޕާޓީގެ 1،100 މީހުންގެ ގެ ބަލައިފާސްކޮށް، 400އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ޚާންގެ ސަރުކާރުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗޯދުރީ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ފުލުހުން ގެތައް ބަލައިފާސްކުރި ކަމަށް އެއްބަސްވި ނަމަވެސް މީހުން ހައްޔަރު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ދެހާސް އަށާރަ ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް އިންތިޚާބުވި އިމްރާން ޚާން މަގާމުން ދުރުކުރީ މިދިޔަ މަހުގެ 10ގައި އެގައުމުގެ ގާނޫނު ހަދާ މަޖިލީހުންނެވެ. އެގޮތުން ޚާންގެ އިތުބާރު އޮތްތޯ ބެލުމަށް އެ މަޖިލީހުގައި ނެގި ވޯޓުގައި 342 މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެންބަރުން ވޯޓު ދިނީ އޭނާގެ އިތުބާރު ނެތް ކަމަށެވެ. އެއީ 174 މެންބަރުންނެވެ.

އިމްރާން ޚާން ތުހުމަތު ކުރައްވާ ގޮތުގައި އޭނާގެ ވެރިކަން ވައްޓާލީ އެމެރިކާ އަޑީގައި އޮވެގެންނެވެ. އަދި އެއީ އޭނާގެ ސަރުކާރުން މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅޭތީ ކަމަށް ވެސް ޚާން ވިދާޅުވެއެވެ.

އިމްރާން ޚާނަށް އިތުބާރު އޮތްތޯ ބެލުމުގެ މައްސަލަ ޕާލަމެންޓަށް ހުށަހެޅީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީ، ޕާކިސްތާން މުސްލިމް ލީގް ނަވާޒް (ޕީއެމްއެލް-އެން) އިސްކޮށް އޮވެގެންނެވެ. އަދި ފަހުން ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ނަވާޒް ޝަރީފްގެ ކޮއްކޯފުޅު ޝެހްބާޒް ޝަރީފް އެވެ.

އޭރު އިދިކޮޅުން ބުނީ ސަރުކާރު ބަދަލު ކުރަން ޖެހުނީ ކޮރަޕްޝަނުގެ އަމަލުތައް އިތުރުވެ، ގައުމުގެ އިޤްތިޞާދު ނަގަހައްޓަން ސަރުކާރު ނުކުޅެދިފައިވާތީ ކަމަށެވެ.

comment ކޮމެންޓް