މީޑިއާ ކައުންސިލްގެ ބައްދަލުވުން ބޮއިކޮޓް ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލުން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން--- ފޮޓޯ/ އެމްއެމްސީ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މެންބަރުން އެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުން ބޮއިކޮޓް ކޮށްފިއެވެ.

އެމްއެމްސީގެ މެންބަރު މުޙައްމަދު ޝަފާއު ޙަސަން 'ސަން' އަށް ވިދާޅުވީ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އަށް ކުރެވުނު މަނީ ލޯންޑަރިންގެ ތުހުމަތުގެ ސަބަބުން އޭނާ އެ މަގާމުގައި ހުންނަވައި ބައްދަލުވުން ކުރިއަށް ގެންދިއުމަށް މެންބަރުން ބޭނުން ނުވީ ކަމަށެވެ.

"އަޅުގަނޑުމެން އެންމެން ވެސް މި ބުނަނީ އެހާބޮޑު ތުހުމަތެއް ކުރެވޭއިރު ދައުލަތުގެ މިހާ ބޮޑު މުއައްސަސާއެއްގެ އެފަދަ މަގާމެއްގައި ހުރުމަކީ ގަބޫލު ކުރާ ކަމެއް ނޫނޭ،" ޝަފާއު ވިދާޅުވިއެވެ.

ޝަފާއު ވިދާޅުވީ މިއަދުގެ ބައްދަލުވުމަށް ފަހު ޝަހުބާން އެ މަގާމުން އިސްތިއުފާދެއްވުމަށް ކައުންސިލްގެ ނުވަ މެންބަރުން އެދިފައިވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި މުހިއްމު ކަންކަން ހުރި ކަމަށާއި ކައުސިލް ހިންގަން ބޭނުންވާ ކަން ޝަހުބާން އަށް ދަންނަވާފައިވާނެ ކަމަށެވެ.

ފާއިތުވި ހޯމަ ދުވަހު ޝަހުބާން މަގާމުން ވަކިކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ވަނީ ނަގާފައެވެ. ނަމަވެސް އެކަށީގެންވާ މިންވަރަށް ވޯޓު ނުލިބުމުގެ ސަބަބުން އެކަން ފާސްވެފައެއް ނުވެއެވެ.

އެކަމާ ގުޅިގެން "ސަން" އާ ވާހަކަދައްކަވަމުން ޝަހުބާން ވިދާޅުވީ އެރޭ ކުއްލި މައްސަލައެއްގެ ގޮތުގައި މީޑިއާ ކައުންސިލުން އޭނާއާ ދެކޮޅަށް ވޯޓު ނެގިއިރު އޭނާއަށް އެކަން އެންގީ ޖަލްސާ ފަށަން ވަރަށް ކައިރި ވެފައި ވަނިކޮށް ކަމަށެވެ. އަދި ޖަލްސާގެ ތެރެއިން ޖަވާބުދާރީވުމަށް ފުރުސަތު ދިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާގެ މައްޗަށް ނެގުނު އިތުބާރު ނެތްކަމުގެ ވޯޓުގައި ޝަހުބާންއާ އެއްކޮޅަށް ވޯޓުދިނީ ހަތަރު މެމްބަރުންނެވެ. އަދި އޭނާގެ އިތުބާރު ނެތްކަމަށް ވޯޓުދިނީ އަށް މެމްބަރުންނެވެ.

މީޑިއާ ކައުންސިލްގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ގޮތެއް ގާނޫނުގައި ނޯވެއެވެ. ނަމަވެސް ރައީސް މެންބަރުކަމުން ވަކިކުރަން ވޯޓު ނެގިދާނެއެވެ. ގާނޫނު ބުނާގޮތުން މީޑިއާ ކައުންސިލްގެ މެންބަރަކު މަގާމުން ވަކިކުރެވޭނީ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންނެވެ.

މީޑިއާ ކައުންސިލްގެ ގާނޫނު ބުނާ ގޮތުން އެ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރެވޭނީ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓު ލިބިގެންނެވެ.

މީޑިއާ ކައުންސިލްގެ މެމްބަރުންގެ އަދަދަކީ 15އެވެ. އެހެންކަމުން އޭނާ މަގާމުން ވަކިކުރުމަށް 10 މެންބަރުންގެ ވޯޓު ބޭނުންވާނެއެވެ.

ޝަހުބާން ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކަކީ އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް ކުރެވޭ ތުހުމަތެއް ކަމަށެވެ. އަދި އެ ތުހުމަތަކީ އޭނާ އަދާކުރަމުންދާ މަގާމާ ގުޅޭ ތުހުމަތެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް