ފޭސްބުކާއި އިންސްޓަގްރާމުން ސިޔާސީ އިޝްތިހާރުތަކާ ބެހޭ އިތުރު މައުލޫމާތު ހާމަކުރަނީ

އިންސްޓަގްރާމް -- ފޮޓޯ/ އޭޕީ

ފޭސްބުކާއި އިންސްޓަގްރާމްގައި ސިޔާސީ އިޝްތިހާރުތައް ޖަހާ މީހުންނާއި ކުންފުނިތަކުން އެ އިޝްތިހާރުތައް ވަކި ބަޔަކަށް އަމާޒުކޮށް، ދައްކާ ގޮތާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހާމަ ކުރަން ނިންމާފައިވާ ކަމަށް ފޭސްބުކުގެ ބެލެނިވެރި ކުންފުނި މެޓާއިން ބުނެފިއެވެ.

މެޓާއިން އެފަދައިން ބުނީ، ސިޔާސީ ކެމްޕޭންތަކާ ދިމާކޮށް ސޯޝަލް މީޑިއާގައި މީހުން ބައިބައިވުމަށް މަގުފަހިވާ ފަދަ ޕޯސްޓުތައް ބައެއް ސިޔާސީ ލީޑަރުންނާއި ގުރޫޕުތަކުން ހިއްސާކުރާ ގޮތްތަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މައުލޫމާތު ހިއްސާނުކުރާ ކަމަށް ބުނެ އެފަދަ ޕްލެޓްފޯމްތަކަށް ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އިންސްޓާގްރާމްގެ ވެސް ވެރި ފަރާތް ކަމަށްވާ މެޓާއިން ބުނީ އިންސްޓަގްރާމާއި ފޭސްބުކްގައި ސިޔާސީ އިޝްތިހާރުތައް ދައްކާނެ މީހުން ހޮވާ ގޮތާ ބެހޭ މައުލޫމާތާއި އެ މީހުންނަށް ހާއްސަކޮށް އިޝްތިހާރުތައް ދެއްކުމަށް ކެމްޕޭންތަކުން ޚަރަދު ކުރާ މިންވަރު ވެސް އަންނަ ޖުލައި މަހުގެ ތެރޭގައި ހާމަ ކުރަން ފަށާނެއެވެ.

މެޓާއިން އެ މައުލޫމާތު ހިއްސާ ކުރުމުން، ބައެއް ސިޔާސީ ފަރާތްތަކުން ވަކި ބައެއްގެ މެދުގައި ޚިޔާލުތަފާތުވުން އުފެދޭ ސިޔާސީ މެސެޖުތައް ފަތުރާ ގޮތްތައް ހާމަވެގެންދާނެއެވެ. އެގޮތުން ސްޕެނިޝް ބަހުން ވާހަކަ ދައްކާ މީހުންނަށް ހަގީގަތާ ޚިލާފު މައުލޫމާތު ހިމެނޭ ސިޔާސީ އިޝްތިހާރުތައް ދައްކާ މިންވަރު ގިނަ ކަމަށް އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީން ވަނީ މީގެ ކުރިން ތުހުމަތުކޮށްފައެވެ.

އެމެރިކާގައި އެންމެ ފަހުން ރިޔާސީ އިންތިޚާބު ބޭއްވި އަހަރު ކަމަށްވާ 2020 ވަނަ އަހަރު މެޓާއަށް 86 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެއެވެ. އެ އާމްދަނީ ލިބުނު މައިގަނޑު އެއް ގޮތަކީ ވަކި ބަޔަކަށް އަމާޒުކޮށް ސިޔާސީ އިޝްތިހާރުތައް ދެއްކޭނެ ގޮތް ހަދައި، ބޮޑު އަގުގައި އިޝްތިހާރުތައް ވިއްކުމެވެ.

ފޭސްބުކްގެ އިޝްތިހާރުތަކާ ބެހޭ ގަވާއިދުތައް ހަދާފައިވާ ގޮތުން، އެ ޕްލެޓްފޯމް ބޭނުން ކުރާ އެތައް ބިލިއަން މީހުންގެ ތެރެއިން ވަކިވަކި މީހުންނަށް އަމާޒުކޮށްގެން، ހަމައެކަނި އެމީހުންނަށް އިޝްތިހާރު ދެއްކޭނެ ގޮތް އެ ކުންފުންޏަށް ހެދޭނެއެވެ.

comment ކޮމެންޓް