އޭސީސީއަށް ހުށަހަޅާ މައްސަލަތައް ތަޙުގީގުކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައިފި

އޭސީސީގެ މެންބަރުން

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާ މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކަންދޭނެ ގޮތުގެ މިންގަނޑުތައް އެކަށައަޅައިފިއެވެ.

އޭސީސީން ވަނީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަރުތީބުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެކުލަވާލައި މިއަދު އެ އުސޫލަށް އަމަލުކުރަން ފަށައިފައެވެ.

އެ ކޮމިޝަނުން ބުނީ އެ އުސޫލުގެ ދަށުން ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ތަހުގީގު ކުރަމުންދާ މައްސަލައަކަށް އިސްކަންދެވޭނެ މަރުހަލާތަކާއި އާންމު އުސޫލެއްގެ ގޮތުން ޚާއްޞަ އިސްކަމެއް ދީގެން މައްސަލަ ތަހުގީގު ކުރަން ނިންމާނެ ހާލަތްތައް ކަނޑައެޅިގެން ދާނެ ކަމަށެވެ.

އެ އުސޫލަކީ ކޮމިޝަނުން މައްސަލަ ތަހުގީގު ކުރުމުގައި އަމަލުކުރަނީ އެއްހަމައަކުން، ދެފުށްފެންނަ ގޮތުގައިކަން ޔަގީންކުރުމާއެކު މައްސަލަތައް ތަހުގީގު ކުރުމުގައި އަމަލުކުރެވެނީ ޖަވާބުދާރީ ކުރެވެނިވި ނިޒާމެއްގެ ތެރެއިންކަން ކަށަވަރު ކުރާނެ އުސޫލެއް ކަމަށް އޭސީސީން ބުނެއެވެ.

"ވަކި މައްސަލައަކަށް އިސްކަންދީގެން ތަހުގީގު ކުރުމަށް ނިންމާ ނިންމުމަކީ ޒާތީ ތަޢައްސުބުންނާއި ނުފޫޒުން އެއްކިބާވެ ތިބެ ނިންމާ ނިންމުމެއްކަން ކަށަވަރުކުރުމުގެ މަގްސަދުގައި އެކުލަވާލާފައިވާ އުސޫލެއް،" އޭސީސީން ބުނެފައިވެއެވެ.

އެ އުސޫލުގައި ބުނީ މައްސަލައަކަށް އިސްކަން ދިނުމަށް ނިންމޭނީ ޕްރިލިމިނަރީ އިންވެސްޓިގޭޝަން މަރުހަލާގައި ނުވަތަ ތަހުގީގު ކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި މައްސަލައަކަށް އިސްކަން ދިނުމާ ގުޅޭ ގޮތުން އުސޫލުގައި ބަޔާން ކޮށްފައިނުވާ ކަމެއް ދިމާވެއްޖެނަމަ ނުވަތަ އުސޫލުގައި ވާ ކަމެއް މާނަ ކުރުމުގައި ދެބަސްވުން އުފެދިއްޖެ ހާލަތުގައި އެކަމާމެދު ގޮތް ނިންމާނީ ކޮމިޝަނުން ކަމަށެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް ނުވަތަ ތަހުގީގު ކުރަމުންދާ މައްސަލައެއް އާންމު އުސޫލެއްގެ ގޮތުން ޚާއްޞަ އިސްކަމެއް ދީގެން ތަހުގީގު ކުރުމަށް ނިންމޭނީ 14 ހާލަތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށް ވެސް އޭސީސީގެ އުސޫލުގައި ބަޔާން ކޮށްފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް