ގަނާގެ ހާދިސާއާއެކު މިލަންދޫގައި އެޅި ފިޔަވަޅުތަކުން ހެޔޮ ބަދަލެއް

ށ. މިލަންދޫ ----

ށ. މިލަންދޫގައި ކުޑަ ފިރިހެން ކުދިންތަކެއް އެ އުމުރުގެ އެހެން ކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެން، ކުދިން އުޅޭ ނޫޅޭގޮތް މޮނިޓާ ކުރުމަށް ކައުންސިލުން ކަނޑައެޅި އުސޫލުތަކުގެ ސަބަބުން، ހަފްތާއެއްގެ ތެރޭގައި ވެސް ހެޔޮ ބަދަލެއް ފާހަގަކުރެވިފައިވާ ކަމަށް މިލަންދޫ ކައުންސިލުން ބުނެފިއެވެ.

އެ ހާދިސާ ހިނގާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ހާދިސާގެ ވީޑިއޯއިން ފެންނަނީ ގިނަ އަދަދެއްގެ ކުދިންތަކެއް ބައިވެރިވެގެން ފިރިހެންކުއްޖަކު އެ ރަށު ފުޓުބޯޅަ ދަނޑާ ދިމާލުގައި އޮންނަ ވަލަށް ވައްދާ އަނިޔާކުރާ މަންޒަރެވެ.

އެކަމާ ގުޅިގެން ކައުންސިލުން ނިންމާފައި ވަނީ އެ ރަށުގެ ކުދިންގެ ހަރަކާތްތައް މޮނިޓާ ކުރުމަށެވެ. އަދި އެކަމަށްޓަކައި ކުދިންނަށް ބޭރުގައި އުޅެވޭ ވަގުތުތަކާއި ހާލަތްތައް ބަޔާންކޮށް އުސޫލެއް އެކުލަވާލިއެވެ.

އުސޫލު އާންމުކުރިތާ ހަފްތާއެއް ވީއިރު، ރަށުން އެކަމުގެ ހެޔޮ ބަދަލު ފެންނަ ކަަމަށް އެރަށު ކައުންސިލްގެ ރައީސް ޢަބްދުﷲ އާތިފް ވިދާޅުވިއެވެ.

"ސަން"އަށް މައުލޫމާތު ދެއްވަމުން އާތިފް ވިދާޅުވީ، ހާދިސާ އަށްފަހު އެންމެ ބޮޑަށް ބެލީ ފިޔަވަޅެއް ނާޅާ، ނަސޭހަތް ދީގެން ކަންކަން ރަނގަޅު ކުރެވޭތޯ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން، ޕޮލިހުންނާއި މުއައްސަސާތަކުގެ ވެރިން ގޮސް ބަލާއިރު، ވަރަށް ނޫޅޭ ކުދިން [ބޭރުތެރޭ]،" އާތިފް ވިދާޅުވިއެވެ.

ނަމަވެސް މުސްތަގުބަލުގައި ވެސް ކުދިން މޮނިޓާ ކުރުން ކުރިއަށް ގެންދާނެ ކަމަށާއި، އުސޫލުތައް އެއްކޮށް އުވާލާނީ އަދި އިތުރަށް ބެލުމަށްފަހުގައި ކަމަށް އާތިފް ވިދާޅުވިއެވެ.

https://sun.mv/164942

"އަޅުގަނޑުމެން ޓީމަށް، [ހުރިހާ ކަމެއް] ރަނގަޅު ކަމަށް ފާހަގަ ކުރެވޭ ހިސާބުން ދެން [އުސޫލަށް އަމަލު ކުރުން] ހުއްޓާލާނީ،" އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ އެފަދަ ހާދިސާތައް ހިނގަން މެދުވެރި ވަނީ، ސްކޫލު ނިމުމަށްފަހު ބައެއް ކުދިން ފުޓްބޯޅަ ދަނޑު ސަރަހައްދާއި އަތިރިމައްޗަށް އެއްވެ، ސަކަރާތް ޖެހުމުގެ ތެރެއިން، ކުދިކުދި ކަންތައްތައް ހިނގާތީ ކަމަށެވެ.

އެ އުސޫލު އާންމު ކުރުމުގެ ކުރިންވެސް ހުރިހާ ބެލެނިވެރިންނާއެކު ބައްދަލުވުން ބާއްވައި، ބެލެނިވެރިންނަށް އެ މައުލޫމާތު ދީފައިވާނެ ކަމަށް އާތިފް ވިދާޅުވިއެވެ. އަދި އުސޫލު ފާސްކުރީ ބެލެނިވެރިންނަށް ފެންނަނީ ކޮންކަހަލަ އުސޫލުތަކެއް ކަނޑައެޅުމުންތޯއާއި، ކައުންސިލުން ނިންމާފައިވާ ގޮތް ހުށަހެޅުމަށްފަހުގައި ކަމަށް އާތިފް ފާހަގަ ކުރެއްވިއެވެ.

"އެ ބޭފުޅުން [ބެލެނިވެރިން] ހަމަ 100 ޕަސެންޓް ތާއީދު ކުރެއްވި. އެބޭފުޅުންވެސް ބުނީ ހަމަ ރަނގަޅު ނިންމުންތަކެކޭ ނިންމާފަ ތިހިރީ،" އާތިފް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޖެންޑާ މިނިސްޓްރީން ބެލެނިވެރިންނަށް މައުލޫމާތު ސެޝަންތަކެއް ކުރިއަށް ގެންގޮސް، ސްކޫލު ކުދިންނަށް ވެސް ސެޝަންތަކެއް ވަނީ ނަގައިދީފައެވެ.

ހާދިސާގައި ހިމެނުނީ ސްކޫލު ކުދިންތަކެއް ކަމުން، ސްކޫލުގެ ފަރާތުންވެސް އަދަބު ދިނުމުގެ ބަދަލުގައި ނަސޭހަތް ދީގެން އެކަން ހައްލު ކުރުމަށް މަސައްކަތް ކުރި ކަމަށް އާތިފް ވިދާޅުވިއެވެ.

މީގެ އިތުރުން އާތިފް ވިދާޅުވީ، އެ ކުދިންނާއި ކުދިންގެ އާއިލާއާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރީ ކަމަށާއި މާފަށް އެދި، އެކަހަލަ ކަމެއް ނުކުރާނެ ކަމަށް ވާހަކަ ދެކެވުނު ކަމަށެވެ.

comment ކޮމެންޓް