ހަކަތަރި ސާމާނު އަގުހެޔޮކޮށް ގަންނަން ލިބޭނެ ސްކީމެއް އެމްއައިބީން ތައާރަފްކޮށްފި

ހަކަތަރި ސާމާނު އަގުހެޔޮކޮށް ހޯދޭނެ ސްކީމެއްގައި ސޮއި ކުރުމުގެ ތެރެއިން -- ފޮޓޯ/ އެންވައިރަންމެންޓް މިނިސްްޓްރީ

ހަކަތަރި ސާމާނު އާންމުންނަށް އަގުހެޔޮކޮށް ހޯދޭނެ ގޮތް ފަހި ކުރުމަށްޓަކައި ތައްޔާރު ކޮށްފައިވާ ފައިނޭންސިން ސްކީމެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އިން ތައާރަފްކޮށްފިއެވެ.

އެ ސްކީމް ކުރިއަށްގެންދިޔުމާ ބެހޭ ގޮތުން އެމްއައިބީން މިއަދު ވަނީ އެންވައިރަންމެންޓް މިނިސްޓްރިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެކަމަށްޓަކައި މިއަދު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިން ސީއީއޯ އަޙްމަދު ރިޒާއެވެ.

މި އެއްބަސްވުމުގެ ދަށުން، ހަކަތަރި ސާމާނު ބޭނުންކުރުމަށް ބާރުއެޅުމަށްޓަކައި ފައިނޭންސިން ސްކީމެއް އެމްއައިބީން ކުރިއަށް ގެންދާނެއެވެ. ސްކީމު ތައްޔާރު ކޮށްފައި ވަނީ ލިސްޓް ބޭސްޑް ފައިނޭންސިން ސްކީމެއްގެ ގޮތުގައެވެ.

މި ސްކީމުން ގަނެވޭނީ ހަކަތަރި ޕްރޮގުރާމުގެ ދަށުން ލޭބަލް ޖަހާފައިވާ ލިސްޓުގައި ހިމެނޭ ތަކެތީގެ ތެރެއިން ތިނެއް، ހަތަރެއް، އަދި ފަސް ތަރީގެ ތަކެއްޗެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ، މި ސްކީމްގެ ދަށުން ހަކަތަރި ލޭބަލްޖެހި ސާމާނު ގަނެދިނުމަށް ހަމަޖެހިފައިވަނީ 10 ޕަސެންޓް ރޭޓުގައި ކަމަށެވެ. އަދި މިއީ މިހާތަނަށް މިފަދަ ސްކީމަކުން ތަކެތި ގަނެދޭ އެންމެ ދަށް ރޭޓު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެންވައިރަންމެންޓް މިނިސްޓްރީގެ ދިރާސާތަކުން ދައްކާގޮތުގައި، ހަކަތަރި ޕްރޮގްރާމު ކާމިޔާބު ކަމާއެކު ހިންގިއްޖެނަމަ، މިފަދަ މަސައްކަތްތަކާނުލާ، 2030 ވަނަ އަހަރާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް އަންދާޒާކުރާ ހަކަތައިގެ މިންވަރުން 16 ޕަސެންޓް މަދު ކުރެވޭނެއެވެ.

އިންޖީނުގެއަށް ބޭނުންވާ ޖެނެރޭޝަން ކެޕޭސިޓީ އަށް ބަލާނަމަ، މިއީ 2030 އަށް ބޭނުންވާނެކަމަށް އަންދާޒާކުރާ ޖެނެރޭޝަން ކެޕޭސިޓީގެ ތެރެއިން 147 މެގަވޮޓެވެ. އޭގެ ސަބަބުން އާ އިންޖީނުތައް ގަނެ، އިތުރު ކަރަންޓުގެ ނިޒާމުތައް ބިނާކުރުމަށް ކުރަންޖެހޭ ޚަރަދުގެ ތެރެއިން 800 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެއެވެ.

ހަކަތަރި ސާމާނު އަގުހެޔޮކޮށް ހޯދޭނެ ސްކީމެއްގައި ސޮއި ކުރުމުގެ ތެރެއިން -- ފޮޓޯ/ އެންވައިރަންމެންޓް މިނިސްްޓްރީ

އިމާރާތްތަކުން ޖައްވަށް ބޭރުކުރެވޭ ވިހަ ގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފްކުރުން މަދު ކުރުމާއި އަދި ތިމާވެއްޓާ ރައްޓެހި ގޮތުގައި ހަކަތަ ބޭނުން ކުރުން އިތުރު ކުރުމަށް ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް)ގެ އެހީއާއެކު އ.ދގެ ތިމާވެއްޓާ ބެހޭ ޖަމްއިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާ ސްޓްރެންތެނިން ލޯ ކާބަން އެނަޖީ އައިލެންޑްސް ސްޓްރެޓަޖީސް ޕްރޮޖެކްޓުން ވަނީ އެ ފައިނޭންސިން ސްކީމަށް 12.3 މިލިއަން ރުފިޔާ ހަމަޖައްސާފައެވެ.

އިސްލާމިކް ބޭންކުން މިފައިސާ ބޭނުންކުރާނީ ސްކީމް ހިންގުމަށް ގެރެންޓީއެއްގެ ގޮތުގައެވެ.

ހަކަތަރި ލޭބަލް ޖެހި ސާމާނު ގަތުމަށް ބޭނުންވާ މީހުންނަށް މި ސްކީމުން އެތަކެތި ގަނެދޭނީ ބޭންކުގެ ފައިސާއިންނެވެ.

ބޭންކުގެ ފަރާތުން 15.4 މިލިއަން ރުފިޔާއާ ހަމައަށް ހަކަތަރި ލޭބަލް ޖެހި ސާމާނު، އެ ސްކީމްގެ ދަށުން ގަނެވޭނެއެވެ.

comment ކޮމެންޓް