ޑރ. ޓެޑްރޮސް ޑަބްލިޔުއެޗްއޯގެ އިސްވެރިޔާގެ މަގާމަށް ދެވަނަ ފަހަރަށް އިންތިޚާބުވެއްޖެ

ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް

ޖެނީވާ (25 މޭ 2022): ދުނިޔޭގެ ސިއްހަތާބެހޭ ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރު ޖެނެރަލް ކަމުގެ ދެވަނަ ދައުރަކަށް އެމަގާމުގައި މިހާރުވެސް ހުންނެވި އިތިއޮޕިއާގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. ޓެޑްރޮސް އަދަނޯމް ގެބްރަޔޭސުސް އިންތިޚާބުވެވަޑައިގެންފިއެވެ.

ޖެނީވާގައި ކުރިއަށްދާ ޑަބްލިޔުއެޗްއޯގެ 75 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގެ ތެރެއިން ބޭއްވި އިންތިޚާބުގައި ޓެޑްރޮސް އެމަގާމަށް އިންތިޚާބުވެވަޑައިގެންނެވީ އިތުރުބޭފުޅަކާ ވާދަ ކުރެއްވުމެއް ނެތިއެވެ. ސިއްރިޔާތުގައި ބޭއްވި ވޯޓުލުމުގައި ޑރ. ޓެޑްރޮސްއަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު ރަސްމީ ސިފައެއްގައި ޑަބްލިޔުއެޗްއޯއިން އަދި ހާމަނުކުރިނަމަވެސް އެޖަމްއިއްޔާގެ މެންބަރު ގައުމުތަކުގެ ތެރެއިން އެސެމްބްލީގައި ބައިވެރިވި 160 ގައުމުގެ ތެރެއިން 155 ގައުމުގެ ވޯޓު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށް މައުލޫމާތު ލިބެއެވެ.

ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގަތުމުން ޑރ. ޓެޑްރޮސް ވަނީ އެއީ މެންބަރު ގައުމުތަކުން އޭނާއަށް އިތުބާރު ކުރާކަމުގެ ހެއްކެއް ކަމަށް ސިފަކުރައްވާފައެވެ. ޓެޑްރޮސް ޑަބްލިޔުއެޗްއޯގެ އިސްވެރިޔާ (ޑިރެކްޓަރު ޖެނެރަލް) ކަމަށް ފުރަތަމަ އިންތިޚާބު ކުރީ 2017 ވަނަ އަހަރުގައެވެ.

ޑރ. ޓެޑްރޮސްގެ ފުރަތަމަ ދައުރުގެ ކުރީކޮޅު އޭނާގެ ހިންގުންތެރިކަމާ މެދު އެމެރިކާއިން ވަރަށް ބޮޑަށް ސުވާލު އުފައްދައި އޭނާއާ ޖައްސާލިއެވެ. އަދި ޓެޑްރޮސް އަކީ ޗައިނާއާ މާގާތް ގުޅުންތަކެއް ބާއްވައި ޗައިނާއަށް އިސްކަންދޭ ބޭފުޅެއްކަމަށް އެމެރިކާއިން ތުހުމަތުކޮށް އެމެރިކާ ޑަބްލިޔުއެޗްއޯގެ މެންބަރުކަމުން ވަކިވެ އެޖަމްއިއްޔާއަށް ދޭ އެހީވެސް ކަނޑާލިއެވެ.

ނަމަވެސް ޑރ. ޓެޑްރޮސްވަނީ އެމެރިކާގެ ބިރުދެއްކުންތަކާށާއި ނުުފޫޒާއި ބޮޑާހޭކުންތަކަށް ބޯނުލަނބައި އޭނާގެ ގޮތުގައި ކުރިޔަށް ވަޑައިގެންފައެވެ. އަދި އެމެރިކާގެ އެހީތެރިކަމާނުލައި ޓެޑްރޮސްވަނީ ކޮވިޑް-19ގެ ބަލިމަޑުކަން ދުނިޔޭގެ ފެންވަރުގައި މެނޭޖުކުރުމުގައި ޑަބްލިޔުއެޗްއޯގެ މެންބަރު ގައުމުތަކުގެ އެއްބާރުލުމާ އެގައުމުތަކުގެ އިތުބާރު ހޯއްދަވާފައެވެ. ޚާއްސަކޮށް ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް އޭނާގެ ޒައާމަތުގެ ދަށުން ހިންގި ކޮވެކްސް ޕްރޮގްރާމަކީ ވަރަށް ކާމިޔާބު ޕްރޮގްރާމެކެވެ.

އެމެރިކާ އާއި ޔޫރަޕް ހިމެނޭގޮތަށް ހުޅަނގުގެ މުއްސަނދި ގައުމުތަކުން ކޮވިޑް ގެ ވެކްސިން މޮނޮޕޮލީކޮށް އަމިއްލަ އެދުން އިސްކުރުމަށް ކުރި މަސައްކަތާ ދެކޮޅަށް ޓެޑްރޮސްގެ ޒައާމަތުގެ ދަށުން ޑަބްލިޔުއެޗްއޯ އިން ހިންގި ކޮވެކްސް ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފަގީރު ގައުމުތަކަށް ކޮވިޑް ވެކްސިން ލިބޭނެގޮތް ފަހިވެގެން ދިޔުމަކީ ވަރަށް ބޮޑު ކާމިޔާބީއެކެވެ.

ނަތީޖާއަކަށްވީ ހުޅަނގުގެ މޮނޮޕޮލީ ފޫއަޅުވާލުމަށްފަހު އެމެރިކާގެ މާލީ އެހީއާނުލައިވެސް ޑަބްލިޔުއެޗްއޯ އަށް މަގްސަދުތައް ހާސިލްވެގެން ދިޔުމެވެ. ކޮވިޑް-19ގެ ބޮޑުވަބާ އެމެރިކާގެ އެހީއާ ނުލައި މެނޭޖުކުރުމުގައި ކާމިޔާބު ލިބިގެން ދިޔުމެވެ. އެހެންކަމުން ޑަބްލިޔުއެޗްއޯ ގެ މައްޗަށް އެމެރިކާ ހިންގަން އުޅުނު ނުފޫޒު ހިންގުމުގައި އެމެރިކާވަނީ ނާކާމިޔާބުވެފައެވެ.

މިއާއެކު އެމެރިކާވަނީ ޑަބްލިޔުއެޗްއޯ އިން ވަކިވިތާ އެއްއަހަރުފަހުން އަނެއްކާ އަމިއްލައަށް އެދިގެން އެޖަމްއިއްޔާގައި ބައިވެރިވެފައެވެ. އެމެރިކާއަކީ ކޮވިޑް މެނޭޖުކުރުމުގައި އެންމެ ބޮޑަށް ފޭލްވެގެންދިޔަ ގައުމެވެ. އެމެރިކާއަކީ ކޮވިޑްގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ގައުމެވެ. ކޮވިޑް ކޮންޓްރޯލް ކުރުމުގައި އެންމެ ބޮޑަށް ނާކާމިޔާބުވެސް ވި ގައުމެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި އެމެރިކާގެ މިލިޔަނެއްހާ މީހުން މަރުވިއެވެ.

ޑަބްލިޔުއެޗްއޯގެ މައްޗަށް ބާރާއި ނުފޫޒު ހިންގުމަށް އެމެރިކާ ރޭވި ކަންތައްގަނޑު ނާކާމިޔާބުވެ އެމެރިކާގެ މަގްސަދު ހާސިލްނުވެ އެމެރިކާ އެކަހެރިވާ ގޮތް ވުމުން މިދިޔައަހަރު އެމެރިކާ އަމިއްލައަށް އަނެއްކާވަނީ ޑަބްލިޔުއެޗްއޯ އާ ގުޅިފައެވެ.

ޑރ. ޓެޑްރޮސްވަނީ އޭނާގެ ވެރިކަމުގައި ޑަބްލިޔުއެޗްއޯގެ މައްޗަށް ބާރާއި ނުފޫޒު ހިންގުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެކަމަށް ވިދާޅުވެފައެވެ. މިއީ ނުސީދާ ގޮތެއްގައި އެމެރިކާއަށް ކުރެއްވި އިޝާރާތެއްކަމަށްވަނީ ބެލެވިފައެވެ.

ޓެޑްރޮސްއަކީ މެޑިކަލް ޑޮކްޓަރެކެވެ. އޭނާވަނީ އިތޮއޮޕިއާގެ ޚާރިޖީ ވަޒީރު ކަމުގެ އިތުރުން އެގައުމުގެ ސިއްހަތާބެހޭ ވަޒީރުކަންވެސް ކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު