މި ދައުރަށް ހުށަހަޅަން ގަސްތުކޮށްފައިވާ 22 ބިލުގެ ތެރެއިން ހުށަހެޅުނީ އެންމެ ދެ ބިލު: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވާ 22 ބިލުގެ ތެރެއިން 20 ބިލު އަދިވެސް ނުލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ 22 ބިލުގެ ތެރެއިން ހުށަހެޅިފައިވަނީ ދެ ބިލު ކަމަށެވެ. އެއީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ކުނި ނައްތާލުމާއި މެނޭޖް ކުރުމުގެ ބިލެވެ.

ރައީސް ނަޝީދު ވިދާޅުވީ ވަރަށް މުހިއްމު އަދި ފަހަގަކޮށްލެވޭ ބިލުތަކެއް އަދިވެސް ހުށަނޭޅޭ ކަމަށެވެ. އޭގެ ތެރޭގައި ކޯޓްތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ހަތަރު ބިލާއެކުގައި ޝަރުޢީ ނިޒާމަށް ދިމާވެފައިވާ ކަންކަމާ ގުޅޭ ގޮތުން ބަހުސް ކުރެވި މުޠާލިއަ ކުރެވި، އިސްލާހު ހުށަހެޅި، ކަންކަން ރަނގަޅު ކުރުމަށް މި ދައުރުގައި އަދި ބޮޑު މަސައްކަތެއް ކުރުމުގެ ފުރުސަތު އެބައޮތް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދައުރަށް ހުށަހެޅުމަށް ނިންމާފައިވާ މުހިއްމު ބިލްތައް

  • ދައުލަތުގެ މާލިއްޔަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
  • ފަނޑިޔާރުންގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު
  • ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު

މުޅިން އަލަށް ހުށަހަޅާ ބިލުތައް

  • ކުނި ނައްތައިލުމާއި މެނޭޖްކުރުމުގެ ބިލު
  • މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު
  • ދިވެހިރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ ބިލު
  • މޯލްޑިވެސް ހެލްތް ސާވިސަސްގެ ބިލު
  • ކެމިކަލް ހަތިޔާރު މަނާ ކުރުމުގެ ބިލު

އެ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޖިލީހަށް ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

ފާއިތުވި ހަފްތާ އަދި މި ހަފްތާގައި ވެސް މަޖިލީސް ކުރިއަށް ގެންގޮސްފފައިވަނީ ކުޑަ ވަގުތުކޮޅަކަށެވެ. ކުރާނެ މަސައްކަތެއް ނެތި މަޖިލީހުގެ ޖަލްސާތައް ނިންމާލަމުންދާއިރު މީގެ ކުރިން ހުށަހެޅިފައިވާ ގިނަ ބިލުތަކެއް ވަނީ ކޮމިޓީ މަރުހަލާގައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ މި ދައުރުގައި މަޖިލީހަށް ހުށަހެޅުމަށްޓަކައި ނުވަ ބިލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.

comment ކޮމެންޓް