އެމެރިކާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 19 ކުޑަކުދިން މަރާލައިފި

ހަމަލާދިން ޓެކްސަސްގެ އެލެމެންޓްރީ ސްކޫލް

ޓެކްސަސް (25 މޭ 2022): އެމެރިކާގެ ޓެކްސަސްގެ އެލެމެންޓްރީ ސްކޫލެއްގެ ކުދިންނާ ދެކޮޅަށް މީހަކު ބަޑިން ހަމަލާދީ 19 ކުޑަކުދިންނާއި ދެމީހުން މަރާލައި އެތައް ބަޔަކު ޒަަޚަމްކޮށްލައިިފިއެވެ.

ޓެކްސަސްގެ ގަވަރުނަރު ގްރެގް އަބޫޓް ވިދާޅުވިގޮތުގައި ކުދިންނަށް އަމާޒުކޮށް ބަޑިން ހަމަލާދިނީ ބަޑިއެއް ހިފައިގެން އެސްކޫލަށް ވަން އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އެޒުވާނާ ދިން ބަޑީގެ ހަމަލާތަކުގައި 21 މީހުން މަރުވެފައިވާއިރު މީގެތެރޭގައި ހިމެނެނީ 19 ކުޑަކުދިންނާއި ބޮޑު ދެމީހުންނެވެ. ބޮޑު ދެމީހުންގެ ތެރެއިން އެކަކީ އެސްކޫލްގެ މުދައްރިސެކެވެ. ފުލުހުން ވަނީ ބަޑިން ހަމަލާދިން ޒުވާނާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ.

މަރުވި ހުރިހާ ކުޑަކުދިންނަކީވެސް އެސްކޫލްގެ ދަރިވަރުންނެވެ. އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ވަނީ މިއީ ގަތުލުއާންމެއް ކަމަށް ސިފަކޮށް އެމެރިކާގައި ހިނގަމުންދާ މިފަދަ ހަމަލާތަކާމެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ.

މީގެ އިތުރުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ މިއީ ގައުމަށް ކުރިމަތިވި ބޮޑު ހިތާމައެއްކަމަށް ސިފަކުރައްވައި ހިތާމަ ފާޅުކުރުމުގެ ގޮތުން އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ބޭރު ގައުމުތަކުގައިވާ އެންބަސީތަކާ އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި ބޭސްތަކާ އަދި އަސްކަރީ އުޅަނދުތަކުގައިވާ އެމެރިކާގެ ދިދަތައް ބައިދަނޑިއަށް ތިރި ކުރުމަށް އަމުރު ކުރައްވާފައެވެ. ބައިޑެން ވަނީ މިއީ ބޮޑުވެގެންވާ ގަތުލުއާންމެއްކަމަށް ސިފަކުރައްވާފައެވެ.

ޓެކްސަސްގެ ސްކޫލަށް ދިން ހަމަލާގެ ތެރެއިން

މި ހާދިސާއާ ބެހޭގޮތުން ދެއްވި ބަޔާނުގައި ބައިޑެން ވަނީ އެމެރިކާގައި މިބާވަތުގެ އަމަލުތައް ހިނގާވަރަށް ދުނިޔޭގެ އެއްވެސް ގައުމެއްގައި މިގޮތަށް މީހުން މެރުމުގެ އަމަލުތައް ނުހިނގާކަމަށް ވިދާޅުވެ މިއީ އެމެރިކާ ލަދުގަންނަންޖެހޭ ކަމެއްކަމަށް ވިދާޅުވެ ވަރަށް އަސަރުގައި ވާހަކަ ދައްކަވާފައެވެ. ބަޑި ބޭނުންކޮށްގެން ސްކޫލްތަކާއި އާންމު ތަންތަނަށްވަދެ މީހުން މެރުން އެމެރިކާގައި ވަރަށް ގިނަކަން ވަރަށް އަސަރާއެކު ބައިޑެން ފާހަގަ ކުރެއްވިއެވެ.

"ކުޑަކުއްޖެއްގެ ގަޔަށް ބަޑިޖަހައި މަރާލުމަކީ މީހަކަށް އަނިޔާ ދިނުމަށްޓަކައި އެމީހެއްގެ ހަށިގަނޑުން ބައެއް ކަނޑައިގެން ނެގުމުން ލިބޭފަދަ ވޭން ލިބޭކަމެއް،" ބައިޑެން ސިފަކުރެއްވިއެވެ.

އެމެރިކާގައި ސްކޫލްތަކާއި އާންމު ތަންތަނަށްވަދެ މީހުން ބަޑިހިފައިގެން ވަދެ އާންމުން މެރުމަށް ހިންގާ ޖަރީމާތައް އާންމުވަމުންދާއިރު ހަތިޔާރު ގެންގުޅޭ ލޮބީތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ބައިޑެން ގޮވާލެއްވިއެވެ. އެމެރިކާގައި ބަޑިހިފައިގެން އުޅޭ މީހުން އާންމު ތަންތަނަށް ވަދެ ބަޑިޖަހައި މީހުންމެރުމުގެ ޖަރީމާއެއް ނުހިނގާ ހަފްތާއެއް މިހާރަކަށް އައިސް ވަރަށް މަދެވެ.

މިފަދަ ގިނަ ހާދިސާތައް ބައިނަލްއަގްވާމީ މީޑީއާގެ ސަމާލުކަމަށް ނާންނަ ނަމަވެސް އެމެރިކާގެ ލޯކަލް މީޑީއާތަކުގައި މިޚަބަރުތައް ވަރަށް ގިނައެވެ. އެމެރިކާގައި އާންމުންނަށް ހަތިޔާރު ވިއްކުމުގެ ހުއްދަ އޮވެއެވެ. އަދި ލައިސަންސެއް ހޯދައިގެން ކޮންމެ މީހަކަށްވެސް ހަތިޔާރު ގެންގުޅެވެއެވެ.

ހަތިޔާރު ގެންގުޅުން ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ކޮންގްރެސް އިން ދެކޮޅު ހެދުމުން އެކަންނުވީއެވެ. އެމެރިކާގައި ހަތިޔާރު ގެންގުޅުމަށް ތާއީދުކުރާ ލޮބީ ގުރޫޕުތައް ވަރަށް ގިނައެވެ. އަދި އެގުރޫޕްތަކުގެ ބާރާއި ނުފޫޒު އެމެރިކާގެ މުޖްތަމައުގައި ވަރަށް ބޮޑެވެ. ޚާއްސަކޮށް ކޮންގްރެސްގައި އެމީހުންގެ ނުފޫޒު ވަރަށް ގަދައެވެ.

ޓެކްސަސްގެ އެލެމެންޓްރީ ސްކޫލަށް ބަޑިން ހަމަލާ ދިން ޒުވާނާ

މިހިނގާ މޭ މަހުގެ ކުރީކޮޅު އެމެރިކާގެ ކެލިފޯނިއާގެ ފައްޅިއަކަށް މީހަކުވަދެ ބަޑިޖަހައި މީހަކު މަރާލައި އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. އަދި މިދިޔަ އެޕްރީލްމަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އާންމުންނަށް އަމާޒުކޮށް ބަޑިޖެހުމުގެ އަމަލެއް ހިންގާފައިވެއެވެ.

އަދި އެޕްރީލްމަހުގެ މެދުތެރޭގައި އެމެރިކާގެ ކޮލަންބިޔާ ސަރަހައްދުގެ ޝޮޕިންމޯލަކަށް ބަޑިހިފައިގެން މީހަކު ވަދެ ބަޑިން ހަމަލާދީ އެތައް ބަޔަކު ޒަޚަމްކޮށްލާފައިވެއެވެ. އަދި އެޕްރީލްމަހުގެ ފުރަތަމަ ހަފްތާގައި ނިއުޔޯކުގެ ރޭލްވޭ ސްޓޭޝަނަކަށްވެސް ބަޑިހިފައިގެން ހުރިމީހަކުވަދެ ހަމަލާދީ އެކަކު މަރާލައި 16 މީހުން ޒަޚަމްކޮށްލާފައި ވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް