"ޔޫ އޯކޭ؟" މާކިން މިޝްޔާއާ ސުވާލުކޮށްލިއެވެ. މިޝްޔާ މަޑުމަޑުން ބޯ ޖަހައިލިއެވެ. މިޝްޔާގެ ހިކިފައިވީ ހަށިގަނޑަށް ބަލައިލި މާކިންގެ ހިތުގައިވެސް ރިއްސައިލިއެވެ. އެއީ މުޅިން އެެހެން މިޝްޔާއެކެވެ. އޭނާއަށް ދުވަހަކުވެސް ސިފަ ނުކުރެވޭފަދަ މިޝްޔާއެކެވެ.

"އާ ޔޫ ޝުއާރ ޔޫއާ އޯކޭ؟ މާކިން ބެލީ ވީހާވެސް އޯގާތެރިކަމާއެކު މިޝްޔާއާ ވާހަކަ ދެއްކޭތޯއެވެ. އަނެއްކާވެސް މިޝްޔާ ބޯޖަހައިލިއެވެ. މިޝްޔާ އޭނާގެ ގަޔާ ލައްކޮށްލައިގެން ހުރެ މާކިން ގޮސް އެނދުގައި މިޝްޔާ ބެއިންދިއެވެ. އަދި އެއަށްފަހު އޭނާ ވެސް އެއްފަރާތުގައި އިށީނދެލިއެވެ.

"މިޝޫއަށް ތި ފަދަ ބޮޑު ބަދަލެއް އަންނަން ޖެހުނު ސަބަބެއް ދޮންބެއަކަށް ނޭނގުނު."މާކިންގެ ހިތުގައި ރިއްސައިލިއެވެ. އެފަދަ ގޮތަކަށް މިޝްޔާ ފެނުމުން އޭނާއަށް ވެސް ލިބިފައިވަނީ ނުހަނު ބޮޑު ހައިރާންކަމެކެވެ.

"މިޝޫ ބޭނުމެއް ނޫންތަ ރަނގަޅުވާކަށް." މާކިން މިޝްޔާއަށް ބަލައިލިއިރުވެސް މިޝްޔާ އިނީ އިސްޖަހައިލައިގެންނެވެ. އޭނާ އެއްޗެއް ނުބުނެއެވެ. ކުޑަމިނުން ބޯޖަހައިވެސް ނުލިއެވެ.

"މިޝޫ..." މާކިން އަނެއްކާވެސް މިޝްޔާއަށް ގޮވައިލިއެވެ.

"ކީކުރަން ރަނގަޅުވާންވީ. ކާކު އަހަންނަށް އޯގާތެރިވާނީ..." މިޝްޔާ ލަސްލަހުން ބުނެލިއެވެ.

"ކީއްވެ ތިހެން ތި ވިސްނަނީ؟" މާކިންއަށް ސުވާލުކޮށްލެވުނެވެ.

"ދޮންބެ ދިޔައިމަ އަހަރެން އެކަނިވީވަރު ދޮންބެއަށް ނޭނގޭނެ." މިޝްޔާ އަނެއްކާވެސް ބުނެލިއެވެ.

"މާނައަކީ ދޮންބެ ދިޔައިމައޭތަ މިޝޫ ޑްރަގްއަށް..." މާކިންއަށް އެ ހިސާބަށް ބުނެފައި ހުއްޓައިލެވުނެވެ. އޭނާއަށް އަމިއްލަ ނަފްސު ކޮންމެވެސް ވަރަކަށް ކުށްވެރިކުރެވުނެވެ. އޭނާ ފުރަން އޮތް ދުވަހު މިޝްޔާ ރުއި ރުޔުން އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. ނުގޮސްނުވާނެހޭ ކިޔާ އާދޭސްކުރި ހަނދާންވެސް އޭނާ ވެއެވެ. މިޝްޔާ ޑްރަގްގެ އަވައިގައި ޖެހުނު މައިގަނޑު ސަބަބަކީ އޭނާ ދިޔުން ހެއްޔެެވެ؟ މިޝްޔާ އެއްޗެއް ނުބުނުމުން މާކިން އިތުރަށް ދެރަވިއެވެ.

"ދެން ނުދާނަން. މިޝޫ ކައިރީ ހުންނާނަން. އެކަމަކު މިޝޫ ޖެހޭނެ ކަމަކަށް ޕްރޮމިސް ކުރަން." މާކިން މިޝްޔާގެ އަތުގައި ހިފައްޓައިލިއެވެ. އޭނާ އެދުނީ އޭނާގެ ލޮލަށް ބަލައިލުމަށެވެ. މިޝްޔާ އިސް އުފުލައިލިއެވެ. މާކިން އެދޭނީ ކޮންކަމަކަށްކަން މިޝްޔާއަށް އެނގެއެވެ. އެހެންކަމުން އޭނާ ތުންފަތުގައި ދަތް އަޅައިލިއެވެ. އެތަކެއް އިޙްސާސްތަކަކުން އޭނާ ބަނދެވި ހައްޔަރުވަމުން ދިޔަ ނަމަވެސް، މިޝްޔާއަށް އެއިން އެއްވެސް އިޙްސާސްއެއް ފާޅުކުރާކަށް ނުކެރުނެވެ.

"މިޝޫ. ޕޮރޮމިސް ކުރާނަންތަ؟" މާކިން ސުވާލުކޮށްލިއެވެ.

"ކޮން ކަމަކަށް؟" މިޝްޔާ މާކިންއަށް ބަަލައިލިއެވެ.

"މިޝޫ ޖެހޭނެ ޑްރަގް ހުއްޓައިލަން. އައި ވިލް ހެލްޕް ޔޫ..." މާކިން ބުނެލިއެވެ. މިޝްޔާއަށް އަނެއްކާވެސް އިސްޖަހައިލެވުނެވެ. ޑްރަގަކީ މިހާރު އޭނާގެ ދިރިއުޅުމުގެ އެއްބަޔެވެ. އެއާ ނުލާ އޭނާއަށް މިހާރު ނޫޅެވޭނެއެވެ. އެ ނުލިބިއްޖެނަމަ އޭނާއަށް ވާ އުނދަގޫތަކަކީ މީހަކަށް ކިޔައިދޭން ފަސޭހަ ވާހަކަ ތަކެއް ނޫނެވެ.

"ބުނެބަލަ!" މާކިން އަނެއްކާވެސް ބުނެލިއެވެ. މިޝްޔާ އެއްޗެއް ނުބުންޏެވެ.

"އިނގޭ އުނދަގޫވާނެކަން ވެސް. އެކަމުވެސް ޓްރައި ކުރެވޭނެއެއްނު. ކިތައް މީހުން ރަނގަޅުވެގެން އަލުން މުޖްތަމައުއަށް ނިކުންނަނީ. ކީއްވެ މިޝޫއަށް ވަކި ނުވާންވީ..." މާކިން ބުނެލިއެވެ. މިޝްޔާ އިން ގޮތަށް އިންދާ މާކިންގެ ފޯނު ރިންގްވިއެވެ. އޭނާ ފޯނު ނަގާ ބަލައިލުމާއެކު ފެނުނު ނައިރާގެ ނަމާއެކު ކުޑަހިނދުކޮޅަކަށްވެސް މާކިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ފޯނެއް އަންނަނީނު. އަހަރެން ބޭނުން އެކަނިވެލަން." މިޝްޔާ ބުނެލިއެވެ. އެވަގުތު މިޝްޔާގެ މޫނުމަތިން ފެނުނު އަސަރުތަކުން މާކިންވެސް މިޝްޔާއަށް ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައި ކޮޓަރިން ނުކުމެލިއެވެ. ދޮރު ލައްޕައިލުމަށްފަހު މާކިން އޭނާގެ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހައި މާކިން..." ނައިރާ ގޮވައިލިއެވެ.

"ޔާ ހައި ނައިރާ..." މާކިން ބުނެލިއެވެ.

"ނާޒިލް ބުނި މާކިން މާލެއައި ވާހަކަ ދެންމެ މެސެޖް ކޮށްފަ. އެހެންވެ މި ގުޅީ." ނައިރާ ބުނެލިއެވެ.

"އާނ. މިރޭ އައީ..." މާކިން ބުނެލިއެވެ. ކޯހުގައި އެކޮޅުގައި ފުރިހަމަ ކުރަން ޖެހޭ ބައި ފުރިހަމަކޮށްފައި ނައިރާ މާލެއައީ މީގެ އެއްމަސްކުރިންނެވެ. މާކިން ކޯސް ނިމުނު ނަމަވެސް މަޑުކުރީ އޭނާއަށް ފުރިހަމަ ކުރަން ލިބުނު ކުރު މުއްދަތުގެ ތަމްރީނު ކޯހެއްގައެވެ. އެކުގައި ހޭދަލުރެވުނު ދުވަސްކޮޅު ނާޒިލްގެ އިތުރުން މާކިންއާއި ނައިރާގެ މެދުގައިވެސް ވަނީ ވަރުގަދަ އެކުވެރިކަމެއް އުފެދިފައެވެ. މާކިންގެ ހިތުގައި ނައިރާއަށްޓަކައި ވި އިޙްސާސްތައް އޭނާ ހިފައްޓީ އެ އެކުވެރިކަން ގެއްލިދާނެ ކަމުގެ ބިރަށްޓަކައެވެ. އޭނާގެ ހިތުގައިވާ އިޙްސާސްތައް ފާޅުކުރާ ދުވަހު ނައިރާ ގެއްލިދާނެޔޭ މާކިންއަށް ހީވަނީއެވެ. ކިތަންމެ ފަހަރަކު އެ ހިތުގެ އިޙްސާސްތައް ނައިރާ ކައިރީގައި ފާޅުކުރަން ނާޒިލް އެދުނު ނަމަވެސް އެ ހިތްވަރެއް މާކިން އަކަށް ނުލިބުނެވެ.

"ދިމާވާން ވާނެ ދޯ... މާދަން ރޭ. އަަހަރެމެން..." ނައިރާ ބުނެލިއެވެ. މާކިން އެއްބަސްވިއެވެ.

"އެ ނާޒިލް ގުޅި؟" ނައިރާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"އެއާރޕޯޓުގައި ހުއްޓާ ގުޅި. އޭގެ ފަހުން ހަބަރެއް ނުވޭ..." މާކިން ބުނެލިއެވެ.

ނައިރާއާ ވާހަކަ ދައްކަމުން ދައްކަމުން ގޮސް މާކިން ވަނީ އޭނާގެ ކޮޓަރިއަށެވެ. އެނދުގައި ޖައްސައިލުމާއެކު އޭނާ ދެލޯ މަރައިލިއެވެ. ހިތަށް ސިފަވި ނައިރާގެ ސޫރައާއެކު މާކިންއަށް ހިނިތުންވެވުނެވެ.

"މާކް... މާކިން..." ނައިރާ ދެފަހަރަކު ގޮވައިލިއެވެ. އެހެންނަމަވެސް، އޭނާގެ ޚިޔާލީ ދުނިޔޭގައި އޮވެ ހިނިތުންވަމުން ދިޔަ މާކިންއަށް އެކަން ނޭނގޭ ފަދައެވެ. އޭނާއަށް ހަމަހޭވެރިކަންވީ ނައިރާ ވަރަށް ބާރަށް ގޮވައިލުމާއެކުގައެވެ.

"އާނ. ކީކޭ ނައިރާ..." މާކިން ބުނެލިއެވެ.

"އަހަރެން ބުނީ ވަރަށް ޓަޔަރޑް ވެފައެއް ނޫންހޭ ހުންނާނީ... އިހަށް ރެސްޓްކޮށްލާށޭ. މާދަން ހަބަރެއް ވާނަން އަހަރެން. " ނައިރާ އެހެން ބުނުމުން މާކިންވެސް ފޯނު ބާއްވާފައި އަވަސްވެގަތީ ފެންވަރާ ތާޒާ ވެލަން ދިޔުމަށެވެ.

ފޮށި ހުޅުވައިލުމަށްފަހު އެވަގުތަށް ބޭނުންވާއެއްޗެހި ނެގުމަށްފަހު މާކިން ވަނީ ފާޚާނާއަށެވެ. ރޭގަނޑުގެ އެވަގުތު ހޫނުފެނުން ފެންވަރާލުމުން ކުރެވުނީ އަރާމު އިޙްސާސްއެކެވެ. މާކިން އޭނާ ގޭގައި ލާއުޅޭ ސޯޓެއްލައިގެން އައިސް އެނދުގައި އޮށޯވެލިއެވެ. ލޮލަށް ނިދި ބަރުވާން ފެށިނަމަވެސް، އޭނާއަށް މިޝްޔާގެ މަތިން ހަނދާންވުމާއެކު ނިތުގައި އަތް ހިންގައިލެވުނެވެ. މާކިންއަށް ނިދުނީވެސް މިޝްޔާގެ އެފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ.

*****

ޖެހިގެން އައި ދުވަހު މިޝްޔާ ތެދުވިއިރު އޭނާގެ ބޮލުގައި ކޮންމެެވެސް ވަރެއްގެ ބަރުކަމެއް ހުއްޓެވެ. ކުޑަކޮށް ރީތިވެލައިގެން މިޝްޔާ ބޭރަށް ދާން ވެގެން ތިރިއަށް ދިޔައެވެ. އޭރު މާކިންއާއި ރިފްއަތާ ދެމީހުން ސޯފާގައި ތިއްބެވެ. ރިފްއަތުވެސް އޮފީހުން ޗުއްޓީ ދުވަހެއް ނެގީ އެހާ ދުވަސްކޮށްފައި މާކިން އައީތީ އެ ދުވަހު ގޭގައި ހޭދަކޮށްލުމުގެ ބޭނުމުގައެވެ.

"މިޝޫ..." ބޭރު ދޮރާ ދިމާލަށް ހިނގައިގަތް މިޝްޔާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މާކިން އޭނާއަށް ގޮވައިލުމާއެކުގައެވެ.

"ކޮންތާކަށް ތި ދަނީ؟" އެއްފަހަރު ރިފްއަތަށް އަނެއްފަހަރު އޭނާއަށް ފުރަގަސް ދީގެން ހުރި މިޝްޔާއަށް ބަލައިލަމުން މާކިން ސުވާލުކޮށްލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު