އަންހެނުންގެ ކޮމިޓީގެ ފޯމިއުލާ ބަދަލުކުރަން ޖެހޭ

އޭޕްރީލް 10، 2021: ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ އިންތިހާބުގެ ވޯޓު ގުނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ފެށުމާއެކު އިހުނަށްވުރެ ބޮޑަށް އަންހެނުންގެ ކުރިއެރުމަށް މަސައްކަތްތަކެއް ކުރެވެން ފެށުނެވެ. ގާނޫނީ ބާރު އެކަމަށް ލިބިގެންނެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ވުޖޫދުވި ކޮމިޓީތަކެކެވެ. 2011 ވަނަ އަހަރު ލާމަރުކަޒީ ގާނޫނު ވުޖޫދުވިއިރު އެ ކޮމިޓީތައް އިންތިޚާބު ކުރާގޮތާއި މިހާރު އެކަން ކުރާ ގޮތް ވަރަށް ބޮޑަށް ތަފާތެވެ.

ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރި ގާނޫނު ބުނާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް ވޯޓު ދެވޭނީ އެރަށެއްގެ ނުވަތަ އެ ސިޓީއެއްގެ އަންހެނުންނަށް އެކަންޏެވެ. އަދި އެ އިންތިޚާބު ބާއްވަމުން އައީ ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަޝްވަރާއާ އެކު އެ ކޮމިޓީއެއް ނިސްބަތްވާ ކައުންސިލުންނެވެ.

ނަމަވެސް މި ސަރުކާރުން ހުށަހެޅި އިސްލާހުތަކާއެކު މަޖިލީހުން ވަނީ އެ އުސޫލު ބަދަލުކޮށްފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން ހޮވުމަށް 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކަށް ވެސް ވޯޓު ދެވޭގޮތް ހެދިއެވެ. އެ އިންތިޚާބު ބޭއްވުން އިލެކްޝަންސް ކޮމިޝަނަށް މަތިކުރިއެވެ. ނަމަވެސް މި ގެނެވުނީ އެންމެ ރަނގަޅު ބަދަލުތޯ މިއަދު ސުވާލު އުފައްދަންޖެހެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ކޮންމެ މަހަކު ކަހަލަގޮތަކަށް އޮންނަނީ ބާއްވަންޖެހިފައެވެ. އެކަން ހުއްޓުވުމަށްޓަކައި ސަރުކާރުން ވަނީ އެ ކޮމިޓީގެ މެންބަރުންގެ މުސާރަ ވެސް ބޮޑުކޮށްދީފައެވެ. މުސާރަ ބޮޑުކޮށްގެން ވެސް ހައްލެއް ނުލިބުނެވެ. ކޮންމެ މަހަކު މަދުވެގެން ތިން މެންބަރުން އެ ކޮމިޓީތަކުން އަންނަނީ އިސްތިއުފާދެމުންނެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރި ފަހުން، މިދިޔަ އަހަރު އެކަނިވެސް 11 ބައި އިލެކްޝަން ބާއްވައިފައިވެއެވެ. އަދި މިއަހަރުގެ މިހާތަނަށް 10 ބައި އިލެކްޝަން ވަނީ ބާއްވާފައެވެ. މީގެ އިތުރުން އަންނަ ޖޫން މަހުގެ ފަހެއްގައި ބައި އިލެކްޝަނެއް ބާއްވަން ދަނީ ތައްޔާރުވަމުންނެވެ. އަދި އިތުރަށް ތިން ބައި އިލެކްޝަނެއް ބާއްވަން ވަނީ ޖެހިފައެވެ. ކޮންމެ ބައި އިލެކްޝަނަކީ ދައުލަތުގެ ބަޖެޓުން ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާ ކަމެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ބައި އިލެކްޝަންތަކާ ހެދި ޚަރަދު ބޮޑުވެ އެ ކޮމިޝަނުގެ ބަޖެޓް ހުސްވުމުގެ ބިރު ވަނީ ހީވެފައެވެ. ކޮންމެ ބައި އިލެކްޝަނަކަށް ގާތްގަނޑަކަށް 150،000 ރުފިޔާ ޚަރަދުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މިހާތަނަށް 1.4 މިލިއަން ރުފިޔާ ބައި އިލެކްޝަންތަކަށް ޚަރަދުވެއްޖެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަށް މި ކުރާ ހޭދަ އާއި ނުކުންނަ ނަތީޖާ ބައްދަލުތޯއެވެ. ފެންނަންހުރި ކަންކަން ބުނެދެނީ ކުރެވޭ ހޭދައާ ކައިރިކުރާ ވަރަކަށް ވެސް ނަތީޖާ ނުނެރެވޭ ކަމެވެ.

އެލްޖީއޭގެ ކުރީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވިގޮތުގައި މިވަރުގެ ބޮޑު ހޭދައެއް ނުކޮށް ވެސް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރެވޭނެއެވެ. މި އުސޫލުގެ މަތީގައި ދެމި ތިބެއްޖެނަމަ މާ ގިނަ ދުވަހަށް ދައުލަތަށް ހިފަހައްޓާ ނުލެވޭނެ ކަމަަށް އޭނާ ވިދާޅުވިއެވެ.

"މިއީ ހަގީގަތުގައި ވަރަށް އިންއެފިޝިއެންޓް ކަމެއް. އެއްވެސް ވަރަކަށް ނަތީޖާއެއް ނުފެނޭ. މިހާރުވެސް ލޯކަލް ގަވަމެންޓުގެ ނިޒާމު މާ އަގުބޮޑު. މިހާވަރަކުން ދައުލަތަކަށް ހިފަހައްޓައެއް ނުލެވޭނެ. މިހާރުވެސް އެ ދިއްލުނީ ރަތް ބޮތްކެއް،" އުމަރު ވިދާޅުވިއެވެ.

ވިލިމާލެ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސް އަޙްމަދު އުޝާމް ވެސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބު މިހާރު ބާއްވާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އިލެކްޝަންސް ކޮމިޝަނުން މި އިންތިޚާބު ބާއްވާގޮތަށް އޮންނަ ނަމަ ޚަރަދުތައް ކުޑަނުކުރެވޭނެއެވެ.

"އިލެކްޝަންސް ކޮމިޝަނުން އިންތިޚާބެއް ބާއްވާނަމަ ވޯޓު ކަރުދާހުގައި ހުންނަންޖެހޭ ސްޓޭންޑަޑްތަކެއް އެބަހުރި. މިހާ ބޮޑު ޚަރަދުކޮށްގެން މިކަން ކުރާއިރު، ބައެއް ފަހަރަށް އެބަހުރި އެއްވެސް ގޮތަކަށް ވޯޓުލާން މީހަކު ނާންނަ ހާލަތްތައް ވެސް. ވޯޓުލާން ނައެއްކަމަކު ދާއިރާގެ ވޯޓުލެވޭ އެންމެނަށް ވާވަރަށް ވޯޓު ކަރުދާސް ޗާޕްކުރަންޖެހޭ. އެހެންވީމަ އެބަޖެހޭ ކޮންމެވެސް ކަހަލަ ބަދަލުތަކެއް މިކަމަށް ގެންނަން،" އުޝާމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަކުރަމް ވިދާޅުވިގޮތުގައި މި މައްސަލަ ހައްލުކުރުމަށްޓަކައި އަތޮޅު ފެންވަރުގައި ވެސް އިންތިޚާބުތައް ބޭއްވިދާނެއެވެ. އޭގެއިތުރުން ހަރުދަނާ އުސޫލުތަކެއް ހަދައި، ދައުރު ހަމަ ނުވަނީސް އިސްތިއުފާ ނުދެވޭނެ ގޮތްތަކެއް ކަނޑައެޅުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް އޭނާ ދެކެއެވެ.

"އީސީއިން މޮނިޓާ ކުރާ ގޮތަށް އަތޮޅު ފެންވަރުގައި ވެސް އިންތިޚާބުތައް ބޭއްވޭނެ. ކުރިމަތިލާ ކެންޑިޑޭޓުން ޒިންމާދާރު ކުރުވިދާނެ. އެމީހުން ހޭލުންތެރި ކުރެވިދާނެ. ބޭނުންވާ އިރަކު އިސްތިއުފާ ނުދެވޭނެކަން ވިސްނައިދެވިދާނެ. އެކަމަށް ހަރުކަށި ގަވައިދުތަކެއް ހެދިދާނެ،" އަކުރަމް ވިދާޅުވިއެވެ.

އެލްޖީއޭއީން ވަނީ މިކަމަށް ހޯދިދާނެ ހައްލެއް މަޖިލީހަށް ހުށަހަޅާފައެވެ. އެއީ އަތޮޅު ކައުންސިލުން އެ އިންތިޚާބުތައް ބާއްވާ ގޮތަށް ހަމަޖެއްސުމެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ފެންނަ ނަތީޖާއަށް ވުރެ އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ގިނައެވެ. އަދި ދައުލަތުން ކުރަން ޖެހޭ ޚަރަދުތައް ގިނައެވެ.

ދައުލަތުގެ މާލިއްޔާއަށް ލުއިވާގޮތަކަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު ބޭއްވޭނެ ގޮތްތަކެއް އެކަށައަޅަންޖެހޭ ކަމަށް އެންމެން ވެސް އިއްތިފާގުވެއެވެ. އެހެންކަމުން ކަމާގުޅުންހުރި އިދާރާތަކުގެ ޚިޔާލުތަކާއެކު ސަރުކާރުން ލަސްނުކޮށް ގާނޫނަށް އިސްލާހު ހުށަހަޅަންޖެހެއެވެ.

comment ކޮމެންޓް