ކާޓު ޒޫމާ ބުޅަލަށް އަނިޔާ ކުރިކަމަށް އިއުތިރާފު ވެއްޖެ، ހުކުމް އިއްވުން އަންނަ މަހު އެކެއްގައި

ވެސްޓުހަމްގެ ކާޓު ޒޫމާ

އިނގިރޭސި ޕްރިމިއާ ލީގުގެ ވެސްޓުހަމްއަށް ކުޅެމުން އަންނަ ޑިފެންޑަރު ކާޓު ޒޫމާ ބުޅަލަކަށް އަނިޔާކުރިކަމަށް އިއުތިރާފުވެއްޖެއެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު އޭނާގެ ގޭގައި ގެންގުޅޭ ބުޅަލަކަށް އަނިޔާކުރާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑީއޯގައި ޒޫމާގެ ގޭގެ ބަދިގޭގައި އޭނާ އެ ބުޅާ އުފުލާލައިގެން ހުންނަތަން ފެނެއެވެ. އެއަށްފަހު އިރުކޮޅަކުން އެ ބުޅާ ދުއްވައިގަތުމުން ފަހަތުން ދުވެ ބޫޓު ކިބައަކުން ދެ ފަހަރު ޖަހާތަން ވެސް ފެނެއެވެ.

އެ ވީޑިއޯއަކީ ޒޫމާގެ ބޭބެ ކޮށްފައިވާ ވީޑިއޯއެކެވެ. އެ ވީޑީއޯ ސްނެޕުން މީހުންނަށް ފޮނުވުމާއެކު މުޅި ސޯޝަލް މީޑިއާގައި ޒޫމާއަށް ފާޑުކިޔައި އެ ވީޑީއޯ ވަނީ އާންމު ކޮށްފައެވެ.

އިނގިރޭސި ވިލާތުގައި ދިރޭތަކެތި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ދިރޭ ތަކެއްޗަށް ޖިސްމާނީ ގޯނާ ކުރުމަކީ އަދަބު ލިބޭނެ ކުށެކެވެ.

ބުޅަލަކަށް ޖިސްމާނީ އަނިޔާކުރުމުގެ ތުހުމަތުގައި އުމުރުން 27 އަހަރުގެ ޒޫމާ އިއްޔެ ހެނދުނު އިރުމަތީ ލަންޑަންގެ ތޭމްސް މެޖިސްޓްރޭޓް ކޯޓަށް ވަނީ ހާޒިރުކޮށްފައެވެ. އަދި އެ ޤައުމުގެ ޖަނަވާރު ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން ދެ ދައުވާއަކަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެ މައްސަލައާ ގުޅިގެން ޖަނަވާރު ހިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުން އޭނާއަށް ހުކުމް އިއްވުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ވަނީ ފަސްކޮށްފައެވެ.

އެ ހާދިސާއާ ގުޅިގެން ވެސްޓް ހޭމް އިން ވަނީ ޒޫމާ ޖޫރިމަނާކޮށް އެ ފައިސާ ބޭރު ގައުމުތަކުގައި ހިންގާ ނުވަ ޖަނަވާރު ބަލަހައްޓާ ޗެރިޓީއަކަށް ހަދިޔާކޮށްފައެވެ. ނަމަވެސް އެ ހާދިސާއަށް ފަހު ޒޫމާއަށް އެ ޓީމުން ފުރުސަތު ދިނުމުން ސަޕޯޓަރުން ވަނީ ފާޑުކިޔާފައެވެ.

ފްރާންސްގެ ޤައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޒޫމާ ވަނީ ޤައުމީ ޓީމަށް ގޯލެއް ވެސް ކާމިޔާބު ކޮށްފައެވެ. އޭނާ ފުރަތަމަ ކެރިއަރު ފެށީ ފްރާންސްގެ ސެއިންޓް އެޓިއެން އިން 2011 ވަނަ އަހަރުގައެވެ. އަދި އޭނާ 2014 ވަނަ އަހަރު ޗެލްސީއަށް ބަދަލުވެ އެ ޓީމަށް 99 މެޗު ކުޅެދީ ހަ ގޯލު ޖަހައިދީފައިވެއެވެ. އަދި މިދިޔަ އަހަރު އޭނާ ވަނީ ވެސްޓްހަމްއަށް ބަދަލުވެ އެ ޓީމަށް 24 މެޗު ކުޅެދީފައެވެ.

comment ކޮމެންޓް