އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދީފި

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ)ގެ މެމްބަރު ގައުމަކަށް ވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ލަފާދީފިއެވެ.

ރައީސް އޮފީހުން ބުނީ އައިޓީއެފްސީގެ މެންބަރު ގައުމަކަށްވުމަށް ރައްޔިތުން މަޖިލީހުގެ ފަޔަކަށް އެދި ހުށަހެޅުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އައިޓީއެފްސީ އަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެމްބަރު ގައުމުތަކުގެ މެދުގައި ވިޔަފާރި ކުރިއެރުވުމުގެ ތެރެއިން ރައްޔިތުންގެ އިގްޞާދީ އަދި އިޖްތިމާއީ ހާލަތު ރަނގަޅުކުރުމަށް މަގުފަހިކުރުމަށް އުފައްދާފައިވާ ކޯޕަރޭޝަނެކެވެ.

އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެހީތެރިކަން ލިބޭނެއެވެ. އަދި އޯއައިސީގެ މެމްބަރު ގައުމުތަކުގެ މެދުގައި އިންޓްރާ ޓްރޭޑިންގެ ފުރުސަތުތައް ތަނަވަސްވެ، އާންމު ވިޔަފާރިތަކަށް ޓްރޭޑް ޕޮލިސީތަކާ ބެހޭގޮތުންނާއި އަމަލުކުރާ ގޮތްތަކާ ގުޅޭގޮތުން ލަފާ ލިބޭނެއެވެ.

މީގެ އިތުރުން އައިޓީއެފްސީގެ މެންބަރު ގައުމަކަށް ވުމުން އާންމު ރޭޓުތަކަށް ވުރެ އަގުހެޔޮކޮށް މުދާ އިމްޕޯޓު ކުރުމުގެ މަގުފަހިވެ، އާންމު އަދި އަމިއްލަ ވިޔަފާރިތަކަށް ހެޔޮ އަގުގައި ފައިނޭންސް ލިބޭނެއެވެ.

ރާއްޖެއަކީ އައިޓީއެފްސީގެ މެންބަރަކަށް ނުވި ނަމަވެސް 2005ވަނަ އަހަރުން ފެށިގެން އެ ކޯޕަރޭޝަނުގެ އެހީ އެކިފަހަރުމަތިން ރާއްޖެއަސް ލިބިފައިވެއެވެ. އެގޮތުން 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ވެސް ރާއްޖެއަށް ވަނީ އެ ކޯޕަރޭޝަނުގެ އެހީތެރިކަން ލިބިފައެވެ.

comment ކޮމެންޓް