އެމްޕީއެލްއިން އޮރެކަލް ކްލައުޑް ބޭނުންކުރަން ފަށައިފި: ޚިދުމަތަށް ބޮޑު ކުރިއެރުމެއް

އެމްޕީއެލް އިން އޮރެކަލް ކްލައުޑް ބޭނުން ކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސީއީއޯ ޝާހިދު އަލީ ވާހަކަދައްކަވަނީ --- ފޮޓޯ/ އެމްޕީއެލް

އެމްޕީއެލްގެ ޕޯޓް ޑިޖިޓަލައިޒޭޝަން ޕްރޮގުރާމްގެ ދަށުން އެ ކުންފުނީގެ މަސައްކަތްތަކުގައި އޮރެކަލް ކްލައުޑް ބޭނުންކުރަން ފަށައިފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކަން ފައްޓަވައިދެއްވީ ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.

އޮރެކަލް ކްލައުޑަކީ އެންޓަޕްރައިޒް ރިސޯސް ޕްލޭނިން (އީއާރުޕީ) ކްލައުޑް ސިސްޓަމެކެވެ. މި ސިސްޓަމް ބޭނުންކޮށްގެން އެ ކުންފުނީގެ މަސައްކަތަށް ބޭނުންކުރާ ހުރިހާ ސޮފްޓްވެއާއެއް އެއް ވިޔުގައަކުން ގުޅާލެވޭނެއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ބަދަލުގެ ސަބަބުން އެ ކުންފުނީގެ މަސައްކަތް އިތުރަށް ހަލުވިވެ، އޭގެ ނަފާ ހިދުމަތް ހޯދާ ފަރާތްތަކަށް ލިބޭނެކަމަށެވެ.

"އަޅުގަނޑުމެންގެ އެތެރޭގެ ފަސޭހަވެގެން އަވަސްވެގެން ދިޔައީމަ އަޅުގަނޑުމެން ހިދުމަތް ފޯރުކޮށްދޭ ކަސްޓަމަރުންނަށް، ފޯރުކޮށްދޭ ޚިދުމަތްތައް އަވަސްވެގެންދާނީ" އޭނާ ވިދާޅުވިއެވެ.

އެ ކުންފުނީގެ ތާރީހުގައި ހިނގި ޚިޔާނާތުގެ ބައެއް މައްސަލަތަކަށް އިޝާރާތް ކުރައްވާ ޝާހިދު ވިދާޅުވީ އޮރެކަލް ކްލައުޑު ބޭނުންކުރަން ފެށުމުން ކުންފުނީގެ ނަޒާހަތްތެރިކަން ކަށަވަރުކުރެވޭނެކަމަށެވެ.

"މިފަދަ ކަންކަން ހުއްޓުވުމަށް އެޅިގެން ދިޔަ ވަރަށް މުހިއްމު ފިޔަވަޅެއް މިއީ. އޮރެކަލް ކްލައުޑް އިމްޕްލިމެންޓޭޝަންގެ ސަބަބުން އަޅުގަނޑުމެންގެ އިންޓާނަލް ކޮންޓްރޯލާއި، ފައިނޭންސާއި، ޕްރޮކިއުމެންޓް ވަރަށް ބޮޑުތަނުން ހަރުދަނާ ވެގެންދާނެ"

އެ ކުންފުނީގެ ޕޯޓް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމުގެ ދަށުން މީގެ ކުރިން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، މައި ބަނދަރު ޕޯޓަލް، އީގޭޓް ފާސް އަދި ޕޭމަންޓް ގެ އިތުރުން އެ ކުންފުނީގެ ގިނަ ހިދުމަތްތަކެއް މިހާރުވަނީ ޑިޖިޓަލައިޒްކޮށްފައެވެ.

comment ކޮމެންޓް