ވިސާގެ މުއްދަތު އިތުރު ކުރަން އެދޭނަމަ މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭ: އިމިގްރޭޝަން

އިމިގްރޭޝަނުން ހިދުމަތް ހޯދާ ކައުންޓަރެއް--- ފޮޓޯ/ އިމިގްރޭޝަން

ވިސާގެ މުއްދަތު ހަމަވެ، މުއްދަތު އިތުރުކުރަން ބޭނުން ނަމަ، މި 31 ވަނަ ދުވަހުން ފެށިގެން މެޑިކަލް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ މެޑިކަލް ރިޕޯޓުގެ އިތުރުން ވިސާ ހައްދަން އެދޭއިރު ހެލްތް އިންޝުއަރެންސް ޕޮލިސީ ވެސް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ވޯކް ވިސާ އާއި ބިޒްނަސް ވިސާ ނޫން އެހެން ވިސާއެއް ހޯދަން އެދޭއިރުވެސް މި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭ ގޮތަށް އިމިގްރޭޝަންގެ ގަވައިދު ވަނީ ބަދަލު ކޮށްފައެވެ.

ހުށަހަޅާ މެޑިކަލް ރިޕޯޓަކީ ހެލްތު މިނިސްޓްރީން އެފަދަ ރިޕޯޓެއް ހެއްދުމަށް ހުއްދަ ދީފައިވާ މަރުކަޒަކުން ހައްދާފައިވާ ރިޕޯޓަކަށް ވާން ވާނެއެވެ. އަދި އިންޝުއަރެންސް ޕޮލިސީއަކީ ރާއްޖެއިން އިންޝުއަރެންސް ދޭ ކުންފުންޏެއްގެ ޕޮލިސީއަކަށް ވާން ޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ވިސާގެ މުއްދަތު އިތުރުކުރަން މި ލިޔެކިޔުންތައް ހުށަހަޅަން ޖެހުނު ނަމަވެސް ޓޫރިސްޓު ވިސާގެ މުއްދަތު އިތުރުކުރުމަށާއި ސްޕޮންސާޝިޕް ޑިކްލަރޭޝަން ހުށަހަޅާއިރު މި ލިޔެކިޔުންތައް ބޭނުމެއްނުވާނެ ކަމަށެވެ.

comment ކޮމެންޓް