ހިޔާ ފްލެޓު ސަރަހައްދުގައި އެޗްޑީސީން އަށް ފުޑް ސްޓޯލް ބަހައްޓަނީ

ހިޔާ ފްލެޓު ސަރަހައްދުގައި އާންމުން ކާއެއްޗެހި ވިއްކަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލެ ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކާބޯތަކެތީގެ ހިދުމަތް ފަސޭހައިން ފޯރުކޮށްދިނުމަށް ޓަކައި ފުޑް ސްޓޯލްތަކެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

އެޗްޑިސީގެ މީޑިއާ އޮފިޝަލް އަލީ މަޝާރު "ސަން"އަށް ވިދާޅުވީ އެ ފުޑް ސްޓޯލްތައް ގާއިމްކުރުމުގެ މަގްސަދަކީ، ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އެއްގޮތަށް، ސިއްހީ ގޮތުން ރައްކާތެރި ގޮތަކަށް އެ ސަރަހައްދުގައި ކާބޯތަކެތީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެގޮތުން އެ ސަރަހައްދުގައި އަށް ފުޑް ސްޓޯލް ބަހައްޓާނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ފުޑް ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ދެ މޮޑެލްއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަތަރު ފުޑް ސްޓޯލެއް ހާއްސަ ކުރާނީ ހެދިކާ ވިއްކުމަށެވެ. މި ހަތަރު ސްޓޯލަކީ ގޭގައި ތިބެގެން މަސައްކަތް ކުރާ މީހުންނަށް ހެދިކާ ވިއްކަން މަގު ފަހިކޮށްދިނުމުގެ ގޮތުން ގާއިމްކުރާ ސްޓޯލްތަކެކެވެ.

އަނެއް ހަތަރު ސްޓޯލްގައި ވިއްކާނީ ތައްޔާރީކާނާއާއި ލުއިބުއިންތަކެވެ.

މަޝާރުވިދާޅުވީ އެ ފުޑް ސްޓޯލްތައް އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހަދައި، އެ ތަންތަން އެ ކުންފުނިން މޮނިޓާ ވެސް ކުރާނެ ކަމަށެވެ.

މީގެ ކުރިން ހިޔާގެ އެކި ޓަވަރުތަކުގެ ބޭރުގައި މޭޒު ބަހައްޓައިގެންނާއި ފިލައިން ތަންތަން ހަދައިގެން އެކި ބާވަތްތަކުގެ ކާބޯތަކެތި ވިއްކާފައިވެއެވެ. ނަމަވެސް އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރާތީއާއި ކާބޯތަކެތި ވިއްކަން ސާފުތާހިރު ކަމުގެ މިންގަނޑަށް ނުފެތޭތީ އެ މޭޒުތައް ނަގަން އެޗްޑީސީން އެންގީއެވެ.

comment ކޮމެންޓް