ސްރީލަންކާގައި އަނެއްކާވެސް ތެލުގެ އަގު ބޮޑުކޮށްފި

ސްރީލަންކާގެ ޕެޓްރޯލް ޝެޑެއް ގެ ކައިރީގައި އާންމުން ކިޔު ހަދައިގެން

ކޮލަންބޯ (24 މޭ 2022): ސްރީލަންކާ ވެއްޓިފައިވާ އިގްތިސާދީ ވަޅުގަނޑުން ސަލާމަތްވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ ދަށުން ތެލުގެ އަގު ބޮޑުކުރުމަށް ރައީސް ގޮތަބަޔަ ރާޖަޕަކްސަ ނިންމަވައިފިއެވެ.

ސްރީލަންކާގެ ނޫސްތައް ބުނާގޮތުން ގޮތަބަޔަ މިނިންމުން ނިންމެވީ އައު ސަރުކާރުގެ މާލީ ވަޒީރުގެ ހައިސިއްޔަތުންނެވެ. ގޮތަބަޔަ ވަނީ ބޮޑުވަޒީރުކަމަށް އޭނާ އައްޔަންކުރެއްވި ރަނިލް ވިކްރަމަސިންހަގެ ސަރުކާރުގެ މާލީ ވަޒީރަކީ އޭނާކަމަށް ނިންމަވާފައެވެ.

ނަމަވެސް ރަނގަޅު ބޭފުޅަކު މާލީ ވަޒީރުކަމަށް ލިބިއްޖެނަމަ ގޮތަބަޔަ މާލީ ވަޒީރުކަން ދޫކޮށްލައްވާނެކަމަށާއި ރައީސްކަމުގައި ހުންނަވައިގެން މާލީ ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ވަގުތީގޮތުންކަމަށް ސްރީލަންކާ ސަރުކާރުގެ ތަރުޖަމާނު ކަންޗަނާ ވިޖެސެކަރަ ވަނީ ވިދާޅުވެފައެވެ.

ރަނިލްގެ ސަރުކާރުގެ މާލީ ވަޒީރުކަމަށް އައްޔަން ކުރަން އުޅުނީ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި މާލީ ވަޒީރުކަން ކުރެއްވި އަލީ ސަބްރީއެވެ. ސަބްރީއަކީ ސްރީލަންކާއަށް ބޭނުންވާ ލޯނު އައިއެފްއެމް އިން ހޯދުމަށް އައިއެމްއެފްއާއެކު ކުރިން މަޝްވަރާތައް ކުރިއަށްގެންދެވި ވަޒީރެވެ. އޭނާ ވަނީ ރަނިލްގެ ސަރުކާރުގެ މާލީ ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ތަކުރާރުކޮށް ދެކޮޅު ހައްދަވާފައެވެ.

ތެލުގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމުގެ ދަށުން ސްރީލަންކާގައި މިހާރު ޕެޓްރޯލުގެ އަގުވަނީ 20 އިންސައްތައިން 24 އިންސައްތައަށް ބޮޑުކޮށްފައެވެ. ޑީސަލުގެ އަގުވަނީ 35 އިންސައްތައިން 38 އިންސައްތައަށް ބޮޑުކޮށްފައެވެ. މީގެއިތުރުން ތެޔޮ ކޮންޓްރޯލް ކުރުމަށްޓަކައި ކޮންމެ ފަރުދަކަށްވެސް ވަކި މިންވަރަކަށް ތެޔޮ ވިއްކާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ސްރީލަންކާއަށް ބޭނުންވާ ތެޔޮ ހިފައިގެން އައި ތިން ބޯޓު ގެންދަނީ ތެޔޮހުސްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެތެލަށް ފައިސާ ދެއްކޭނެ ގޮތެއް އަދި ނެތްކަަމަށް އައު ބޮޑުވަޒީރު ރަނިލްވަނީ ވިދާޅުވެފައެވެ.

ސްރީލަންކާގެ ރައީސް ގޮތަބަޔަ އާއި ބޮޑުވަޒީރު ރަނިލް

ދާދި ފަހުން ވޯލްޑްބޭންކުން ސްރީލަންކާއަށް ދިން ކުއްލި ހާލަތުގެ ލޯނުގެ ބޮޑުބައެއް ތެޔޮގަތުމަށް ޚާއްސަކުރަންޖެހޭ ކަމަށް ރަނިލްވަނީ ވިދާޅުވެފައެވެ. ވޯލްޑްބޭންކުން ދީފައިވަނީ 160 މިލިއަން ޑޮލަރުގެ ލޯނެކެވެ. މިއީ ތެޔޮ ގަންނަން ދިން ލޯނަކަށް ނުވާތީ ރަނިލްގެ ސަރުކާރުން ގެންދަނީ މިފައިސާ ބޭނުންކޮށްގެން ސްރީލަންކައަށް ބޭނުންވާ ތެޔޮ ގަތުމުގެ ހުއްދަ ވޯލްޑް ބޭންކުން ހޯދުމަށް އެބޭންކާ ވާހަކަ ދައްކަމުންނެވެ.

މިކަން ހަމަޖެހިއްޖެނަމަ ކުރުމުއްދަތަކަށް ތެލުގެ މައްސަލަ ހައްލުވެގެންދާނެކަމަށް ރަނިލްވަނީ ވިދާޅުވެފައެވެ. ނަމަވެސް ތެލުގެ އަގު އަނެއްކާވެސް ބޮޑުކުރަން ރައީސް ގޮތަބަޔަ ނިންމެވުުން ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ ހަމަނުޖެހުންތަކަށް މަގިފަހިވެދާނެކަމުގެ ބިރުވަނީ ހީވެފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމާއެކު ފައިސާގެ އަގު ވެއްޓި އިންފްލޭޝަން މަތިވުމުން އާންމުންގެ އަތްމަތިވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ. މިހާލަތުގައި އާންމުން އުންމީދު ކޮށްގެންތިބީ ތެލުގެ އަގު ބޮޑުނުވާނެގޮތަކަށް ތެލުގެ ކަންތައް ސަރުކާރުން މެނޭޖުކުރާނެކަމަށެވެ. ނަމަވެސް އަނެއްކާވެސް ތެލުގެ އަގު މިވަނީ ބޮޑުވެފައެވެ. ތެލުގެ އަގު އިތުރަށް ބޮޑުވުމުން ސްރީލަންކާގައި އަނެއްކާވެސް ތަކެތީގެ އަގު އިތުރަށް ބޮޑުވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމާއެކު ތެލުގެ އިތުރުން ބޭސް ވެސް ވަނީ ވަރަށް ބޮޑަށް ހުސްވެފައެވެ. ސްރީލަންކާއަކީ ކޮންމެވެސް ވަރަކަށް ބޭސް އުފައްދާ ގައުމެކެވެ. ނަމަވެސް އެގައުމަށް އުފެއްދެނީ ބޭނުންވާ ބޭހުގެ ގާތްގަނޑަކަށް 20 އިންސައްތައެވެ. ބާކީ 80 އިންސައްތަ ބޭސް ގަންނަންޖެހެނީ ބޭރުންނެވެ.

ސްރީލަންކާއަށް ބޭސް އެތެރެކުރާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އަދި ޕާކިސްތާން ހިމެނެއެވެ. ބޭނުންވާ ބައެއް ބޭސްތައް ލިބެން ނެތުމުން ސްރީލަންކާގެ ސިއްހަތާބެހޭ ދާއިރާވެސްވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.

comment ކޮމެންޓް