މަކުނުވިދުރީގެ ގިނަ ކޭސްތައް ސީރިއަސްއެއް ނޫން، ބަލި ކޮންޓްރޯލް ކުރެވޭނެ: ޑަބްލިޔުއެޗްއޯ

މަކުނުވިދުރި ޖެހުމުން ހަށިގަނޑުގައި ނަގާ ބިހިތަކަށް އަންނަ ބަދަލުތައް -- ފޮޓޯ/ ވިކިމީޑިއާ

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަކުނުވިދުރި ބަލި މިހާތަނަށް ޖެހިފައިވާ ގިނަ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށާއި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނެފިއެވެ.

މަކުނުވިދުރި ވައިރަސް އާންމުކޮށް ފެންނަނީ މެދުތެރޭ އަދި ހުޅަނގު އެފްރިކާއިންނެވެ. ނަމަވެސް މި ދުވަސްވަރު ބަލި ފެންނަމުން ދަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުންނެވެ. އަދި އޮސްޓްރޭލިއާ އާއި އިޒްރޭލުގައި ވެސް މިހާރު ބަލި ޖެހިފައިވާ މީހުން ތިބި އިރު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 100އަށް ވުރެ އިތުރުވެފައެވެ.

އަލަށް ފެތުރޭ ބަލިތަކާ ބެހޭ ކަންތައްތައް ބެއްލެވުމުގައި ޑަބްލިޔުއެޗްއޯގައި އިސްކޮށް ހުންނަވާ މާރިއާ ވާން ކަރްޚޮވް ވިދާޅުވީ މިހާރު ބަލި އޮތީ ކޮންޓްރޯލް ކުރެވޭ ހާލަތެއްގައި ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ އެކަކު ގައިން އަނެކަކު ގަޔަށް އެރުން ހުއްޓުވަން. މި ބަލި އާންމުކޮށް ނުފެންނަ ގައުމުތަކުގައި އެކަން ކުރެވޭނެ،" ކަރްޚޮވް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިހާރު ބަލި ޖެހިފައިވާ ގިނަ މީހުންނަކީ އެކަކު އަނެކަކާ ގާތް ގުޅުމެއް އޮންނަ މީހުން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަށް ބޮޑުވަރު ނުވާ ކަމަށެވެ.

އިނގިރޭސިވިލާތުން މިހާރު މަކުނުވިދުރީގެ 57 ކޭސް ފެނިފައިވާ އިރު އެގައުމުން ވަނީ ބަލި ޖެހިފައިވާ މީހުންނާ ގާތް ގުޅުމެއް އޮންނަ މީހުން 21 ދުވަހަށް އެކަހެރިވާން އަންގާފައެވެ.

މަކުނުވިދުރިއަކީ ކޮބާ؟

މަކުނުވިދުރި ޖައްސާ ވައިރަހާ ބެހޭ ދިރާސާތައް މިހާރުވެސް ކުރަމުންދާއިރު މިއީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖަހާ ވެކްސިނުން މަކުނުވިދުރިއިން ވެސް ރައްކާތެރިކޮށްދެއެވެ.

މި ބަލީގެ އަލާމާތްތަކަކީ ހުން އައުން، ގައިގައި ރިއްސުން، ވަރަށް ބޮޑަށް ވަރުބަލިވުން، ބޮލުގައި ރިއްސުން އަދި ކަރުގައާއި، ކިހިލީގައި ނުވަތަ އުކުޅުގައި ގޮށްލުމެވެ. އެއަށްފަހު އެއް ދުވަހާއި ހަތަރު ދުވަހުގެ ތެރޭގައި ހަށިގަނޑުގައި ބިހިތައް ނަގައެވެ.

މި ބިހިތައް ފުރަތަމަ ނަގާއިރު ހުންނަނީ ފަތިކޮށެވެ. އެއަށްފަހު ފެން ފޮޅަށްވެ، އޭގެ ފަހުން ފޮޅުތަކުގައި ދޮސްލައެވެ. ދެން ފޮޅުތައް ފަޅައިގެންގޮސް ކުރަލައެވެ. އަދި ކުރައިގެ ދަށުން އާ ހަން އުފެދި، ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެއެވެ.

މިބަލި ޖެހުމުން ނަގާ ބިހިތައް ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތްވެދާނެއެވެ. މިބައްޔަށް ސިދާ ފަރުވާއެއް ނެތް ކަމުގައި ވިޔަސް، ބަލީގެ އަލާމަތްތަކަށް ދޭ ފަރުވާއަށްފަހު ގިނަ މީހުން ބަލިން ރަނގަޅުވެއެވެ.

މި ބައްޔަކީ އާންމުކޮށް މި ވައިރަސް ހުންނަ ޖަނަވާރުގެ ފަރާތުން ފެތުރޭ އެއްޗެކެވެ. ނޭވާލާ ނިޒާމުގެ ޒަރީއާއިން ފެތުރޭ އެހެން ގިނަ ބަލިތަކާ ތަފާތުކޮށް، އިންސާނުންގެ ތެރޭގައި މަކުނުވިދުރި އާންމުކޮށް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓް ވެގެންނެވެ.

އިންސާނުންގެ ތެރޭގައި އެކަކު ގައިން އަނެކަކު ގަޔަށް މިބަލީގެ ވައިރަސް ފެތުރެނީ ބަލި ޖެހިފައިވާ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލާނިޒާމަށް ގޮސްގެންނާއި، ބަލި މީހާގެ ހަމުގައިވާ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުންމުންނެވެ. އަދި ބަލިމީހާގެ ހެދުމާއި، ބެޑްޝީޓް، ތުވާލި ފަދަ ތަކެތީގައި ޖެހުމުންނެވެ.

comment ކޮމެންޓް