"އަހަންނަށް ދަރިފުޅު ނުކިޔާ... އަހަރެންގެ މަންމައަށް އެހާ އިހާނެތިވި މީހަކަށް އަހަންނަކަށް މަޢާފެއް ނުދެވޭނެ... އެއީ އަހަރެންގެ ބައްޕައަށް ވިޔަސް..." ޒިވިއަން ތެދުވެގެން މުހައިމިނަށް ފުރަގަސްދިނެވެ. "އަހަރެން މިއަދު އެހެން މީހުންގެ ކުރިމައްޗަށް އަރަންވެސް ޖެހިލުންވޭ..."

********

"ދަރިފުޅާ... މީހަކު ދައްކާހާ ވާހަކައަކަށް ނުހެއްލިބަލަ..." މުހައިމިނަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.

މުހައިމިނު ހުރީ ގޮތް ހުސްވެފައެވެ. ޒިވިއަން ހީވަނީ މުޅީން ތަފާތު މީހެއް ހެންނެވެ. ބައްޕަ އާއި މެދު ބެހެއްޓި އަދަބުވެރިކަމާއި ގާތްކަމެއް މިއަދަކު ޒިވިއަންގެ ކިބައިގައި ނެތެވެ. މުހައިމިނުގެ ހިތަށް ތޫނު ކަށިތަކެއް ހެރެމުންދިޔަ ކަހަލަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އެއީ އައިސްދާނެކަމަށް އޭނާ ކުޑަކޮށްވެސް ތައްޔާރުވި ދުވަހެއް ނޫނެވެ. އައިޒަކާއި ޒިވިއަން ބައްދަލުވިޔަ ނުދޭން އޭނާއަށް ކުރެވުނު ހުރިހާ ކަމެއް ކުރިއެވެ. ހަގީގަތުގައި މުހައިމިނު އައިޒަކްދެކެ ޖެހިލުންވެއެވެ. އައިޒަކްގެ ދިރިއުޅުން ބަރުބާދުކޮށްލައިގެން ނޫނީ މުހައިމިނަށް ހަމަޖެހުމެއް ނެތެވެ. އޭނާ ޒިވިއަން ރާއްޖެ ނުފޮނުވަން އުޅުނު ސަބަބަކީވެސް އައިޒަކެވެ. އައިޒަކްގެ ފަރާތުން އެނގޭ ހަގީގަތެއްގެ ސަބަބުން އޭނާއަށް ޒިވިއަންގެ ސުވާލުތައް ކުރިމަތިވާނެކަން އެނގޭތީއެވެ. އެހެނަސް، މާޒީގައި ފަސްލައި ފޮރުވާފައިވާ ބޮޑު ސިއްރެއްގެ ވާހަކަ އެތައް ދުވަހެއް ފަހުން އެނގުމުން، ޒިވިއަން އެހާ ފަސޭހައިން ހަގީގަތް ގަބޫލުކޮށްފާނެކަމަށް އޭނާ ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ. އޭނާ ގަބޫލުކުރީ، އެއަށްވުރެ ބޮޑަށް ބައްޕައަކާއި ދަރިއަކާއި ދެމެދު އޮތް ގުޅުން މާ ވަރުގަދަވާނޭ ކަމަށެވެ.

"ބައްޕަ ތިބުނީ ރަނގަޅު ވާހަކައެއް..." ޒިވިއަން ދޫކޮށްލީ ފުން ނޭވާއެކެވެ. "އަހަންނަށް ކުރެވުނުހާވެސް ކުށަކީ، ބައްޕަ ދެއްކި ވާހަކަތަކަށް ހެއްލުން..."

ޒިވިއަންގެ އަޑުގައިވި މަޑުމައިތިރިކަމުން އެކަނިވެސް މުހައިމިނުގެ ހިތް ރޫރޫއަޅައިގަންނަވަރު ވިއެވެ. އެ އަޑުގައިވި ރިހުމާއި، ކެކުޅުން އެންމެ ރަނގަޅަށް އިހުސާސްވާނެ އެކަކީ ހަމަ ޔަގީނުންވެސް މުހައިމިނެވެ. އަދަބުވެރިކަމާއިއެކު ވާހަކަ ދެއްކި ނަމަވެސް، ޒިވިއަންގެ އަޑުގައިވީ ދުރުކަމެވެ. މުހައިމިނުގެ ހިތުގައި ޖަހަމުންދިޔަ ބިރުވެރިކަމުގެ ރަނގަބީލުގެ އަޑު ގަދަވިއެވެ. އޭނާއަށް ޒިވިއަން ގެއްލެން އުޅެނީ ހެއްޔެވެ؟ އެހުރިހާ ދުވަހު އޭނާ ވީ ގުރުބާނީގެ އެއްވެސް އަގެއް ނެތީ ހެއްޔެވެ؟ ތަނަވަސްކަމާއި، އުފާވެރި ދިރިއުޅުން ދޫކޮށްފައި ޒިވިއަން އައިޒަކްގެ ކައިރިއަށް ހިނގައިދާނެ ހެއްޔެވެ؟ މުހައިމިނު ގަބޫލުކުރާ ގޮތުގައި ހުރިހާ ކަމަކަށް އޮތް ހައްލަކީ ފައިސާއެވެ. ފައިސާއިން ނުވާނެ ކަމެއް ނޯންނާނެއެވެ. އެކަމަކު، ޒިވިއަން ދާންއުޅެފިނަމަ، ފައިސާގެ އެހީގައި އޭނާއަށް ޒިވިއަން ހުއްޓުވިދާނެ ހެއްޔެވެ؟

ފާއިތުވެގެންދިޔަ ހިމޭންކަމުގެ ވަގުތުކޮޅު އެތައް ހާސް އަހަރަކަށް ދިގުދެމިގެން ދިޔަހެން މުހައިމިނަށް ހީވިއެވެ. ޒިވިއަން ތެދުވެ، އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން އިންނަމަވެސް، އޭނާ އިނީ އިސްޖަހާލައިގެންނެވެ. މިލާފައިވާ ދަރިފުޅުގެ މޫނަށް ބެލުން ނޫންކަމެއް މުހައިމިނަކަށް ނުކުރެވުނެވެ. އޭނާއަށް ވެގެންވާނަމަ، މާޒީ އިއާދަކުރީހެވެ. ޒިވިއަން އާއި އައިޒަކް ބައްދަލުވާނެ ހުރިހާ ދޮރެއް ބަންދުކުރީހެވެ. އެހެނަސް، ތަގްދީރުގެ ނިޔާ ވަނީ މާކުރިން ކަނޑައެޅި ނިމިފައެވެ.

"އަހަރެން ހަމަ އެންމެ ސުވާލެއް ބައްޕައާ ކޮށްލަންތަ؟..." ޒިވިއަން ސުވާލުކުރީ އިސްއުފުލައި މުހައިމިނުގެ މޫނަށް ބަލައިލަމުންނެވެ.

"ދަރިފުޅު ކީއްވެ ވާހަކައެއް ބުނަން ބައްޕަ ކައިރިން ހުއްދަ ހޯދަންވީ؟..." މުހައިމިނު ބުނެލީ ޝަކުވާގެ ރާގަކަށެވެ.

"އަހަންނަށް ދިމާވި ކަންތަކުން ސަލާމަތްކޮށްދޭން ބައްޕަ ކުރާނީ ކޮން ކަމެއް؟..." ޒިވިއަން އަހައިލިއެވެ.

"ދަރިފުޅަށް ދިމާވި ކަންތަކޭ؟..." ޔަގީންކޮށްލާ ފަދައިން މުހައިމިނު ބުނެލިއެވެ. "އެންމެ މޮޅު ހޮސްޕިޓަލަށް ދަރިފުޅު ގެންދަން ޖެހުނަސް ބައްޕައަށް އެކަން ކުރެވޭނެ... އޭރުވެސް މިހާރުވެސް، ފައިސާގެ ކަމަކަށް ދަރިފުޅު ހާސްވާކަށް ނުޖެހޭނެ... ދަރިފުޅު ބުނޭ، ކިތައް ހާސް ބޭނުންވަނީ؟..."

"އަހަރެން މިދައްކަނީ ފައިސާގެ ވާހަކައެއް ނޫން..." ޒިވިއަން ބުނެލިއެވެ. "ފައިސާއިން ނުވާނެ ކިތަންމެ ކަމެއް ހުންނާނެ... ބައްޕަގެ ކިޑްނީ އަހަންނަށް ދޭނަންތަ؟..."

މުހައިމިނުގެ އަނގަ ބެދުނެވެ. ޒިވިއަން އެހާ ފާޅުކަން ބޮޑު ގޮތެއްގައި މުހައިމިނު ލަދުގަންނުވައިލީ، ކީއްވެކަން އޭނާއަށް ވިސްނުނެވެ. ޒިވިއަންއަށް ބަލަހައްޓައިގެން އޭނާއަށް ޖެހުނީ އިންނާށެވެ. ލަދުވެތިކަން ފެންނަމުންދިޔަ މުހައިމިނުގެ މޫނުން، ފެންނަމުންދިޔައީ ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ.

"އަހަރެންގެ ބޭބެ... މިހުރިހާ ދުވަހު، އަހަންނަށް ނަފުރަތުކުރި ބޭބެ.... އަމިއްލަ ފުރާނަ ދިޔަސް ހެޔޮކަމަށް އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނީ އެއްވެސް ޝަރުތެއް، ބަދަލު ހޯދުމެއްނެތި... ބައްޕަ ތިބުނަނީ އޭނަ ދައްކާ ވާހަކަ ގަބޫލުނުކުރާށޭތަ؟... ބައްޕަ އަހަރެންދެކެ ލޯބިވޭ، އެކަމަކު ބައްޕަ ކީއްވެ އަހަރެންގެ ފުރާނަ ސަލާމަތްކުރަން ފަސްޖެހުނީ؟... ކީއްވެ އެއްފަހަރުވެސް ދެމީހުންގެ ކިޑްނީ މެޗްވޭތޯވެސް ބަލާނުލީ؟... އަހަރެން އެގޮތަށް ހުރެ މަރުވިޔަސް..." ޒިވިއަންގެ ހިތުގެ ޝަކުވާތައް ދުލާއި ހަމައަށް އައެވެ. އެ ޝަކުވާތަކުގެ އަޑު އަހާނެ ހިތްވަރު ނެތިގެން މުހައިމިނު އެވާހަކަތައް ހުއްޓުވިއެވެ.

"ދަރިފުޅާ!... ބައްޕައަށް މާފުކުރޭ..." މުހައިމިނުގެ އަޑު ކުރެހުނެވެ. ޒިވިއަންގެ ދެއަތުގައި ހިފައިލިއިރު، އެ މޫނުން ފެންނަމުންދިޔައީ، މާޔޫސްކަމެވެ. "ބައްޕަ އައީ ތައްޔާރުވަމުންނޭ... ހުރިހާ ޓެސްޓެއްވެސް ބައްޕަ ހެދީ ދަރިފުޅަށްޓަކާ... ދަރިފުޅު މަރުވާން ދޫކޮށްލައިގެން ހުންނަން ބައްޕައަށް ކެތްވާނީ ކިހިނެއްތަ ދަރިފުޅާ!..."

********

ފަތިސްވީ އިރުވެސް އައިޒަކް ނައުމުން، އިރަމްގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. މުހައިމިނުގެ ފަރާތުން އައިޒަކަށް ކަމެއް އެނގުނީ ހެއްޔެވެ؟ ނޫނީ ގެއްލުމެއް ވީ ހެއްޔެވެ؟ ނޫނީ އައިޒަކަށް ކަމެއް ޝައްކުވީ ހެއްޔެވެ؟ ކުއްލިއަކަށް އައިޒަކް އެހާ ދުރުވާންޖެހޭ ސަބަބެއް އެ ނޫނީ އިރަމްއަކަށް ނުވިސްނުނެވެ.

ކުރުނބަލަކާއި މޭވާ ކޮތަޅެއް ހިފައިގެން ޒިވިއަން އައިއިރު، އިރަމް އިނީ އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ވިސްނާށެވެ. ޒިވިއަން ފެނުމުން، އިރަމް އިނީ، އުނދަގޫވެފައެވެ. ހިނިތުންވެލަންވެސް ނޭނގި، ބަލަހައްޓައިގެން އޭނާއަށް އިނދެވުނީއެވެ. ޒިވިއަންއަކީ މުހައިމިނުގެ ދަރިއެއް ކަމާއި، މުހައިމިނަކީ އައިޒަކްގެ ބައްޕަ ނޫންކަން އިރަމްއަށް އެނގުނީ ޝާލިން ބުނީމައެވެ. އެއީ އައިޒަކްގެ ބައްޕަ ނޫންކަން އެނގުމުން، އިރަމްއަށް ހިތާއިހިތުން ޝުކުރު ކުރެވުނެވެ. މާޒީގައި، މުހައިމިނު ހެދި ދޮގަށް ހެއްލި، ކައިވެންޏަށް ފިލުނީތީ އިރަމް މިއަދު އެކަމާއި ހިތާމަކުރެއެވެ.

އެނދު ކައިރީގައި ހުރި މޭޒުމަތީގައި ގެނައި ކޮތަޅުތައް ބަހައްޓާފައި ޒިވިއަން ގޮނޑީގައި އިށީނދެލިއެވެ. އޭނާ ގަދަކަމުން ހިނިތުންވެލުމުން، އިރަމްވެސް ހިނިތުންވެލީ ގަދަކަމުންނެވެ. އެ ދެމެދުގައި ކުރިން އޮތް ގާތްކަން ނެތްކަމުގެ އިހުސާސުން، ޒިވިއަންގެ ހިތަށް ތަދުކުރަމުން ދިޔައެވެ.

"ސޮރީ..." އެތައް ހިތްވަރަކުން ޒިވިއަންއަށް ބުނެވުނީ އެހެންނެވެ. އިރަމްގެ ކުރިމަތީގައި އޭނާ އިސްޖަހާލައިގެން އިނީ، އެ މޫނަށް ބަލައިލާނެ ހިތްވަރުވެސް ނެތުމުންނެވެ.

އައިޒަކަށް ވީގޮތް އިރަމްއަށް އެނގުނީ، ޒިވިއަންގެ މޫނުން ފެންނަމުންދިޔަ އަސަރުތަކުގެ ސަބަބުންނެވެ. ހަގީގަތް އެނގުމުން އެ ހަގީގަތާއި ކުރިމަތިލާން ޒިވިއަންއަށް އުނދަގޫވީއެވެ. އިރަމް ހާސްވެގެން އައިޒަކަށް ގުޅިއެވެ. އެތައް ފަހަރަކު ގުޅި އިރުވެސް ފޯނު އޮތީ ނިވާލާފައެވެ.

"ހާސްނުވޭ... ދޮންބެއަށް ދެރަގޮތެއް ނުވާނެ..." ވޯޑުން ނުކުންނަން ދަމުން ޒިވިއަން ބުނެލިއެވެ. އޭނާ ހިތާއިހިތުން ދުޢާކުރީ އައިޒަކް ހެޔޮ ހާލުގައި ލެއްވުމަށެވެ.

ހެނދުނުގެ ވަގުތެވެ. ގެއަށް ދޫކޮށްލުމާއިއެކު، އިރަމް ގެއަށް ދިޔައީ އެކަންޏެވެ. އެކަކަށްވެސް އައިޒަކްގެ ކަންތައް އެނގެން ބޭނުން ނުވާތީ، ހަސްފަތާލުން ދޫކޮށްލި ވާހަކަ އޭނާ އެކަކު ކައިރީގައިވެސް ނުބުނީއެވެ.

ކޮޓަރިއަށް ވަން އިރަމް ސިހުނީ، މުށިތަކުގެ މަތީގައި އިން އައިޒަކް ފެނުމުންނެވެ. އައިޒަކްގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. އަބަދު ތަރުތީބުކޮށްލާފައިވާ އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އިސްޖާލައިގެން އިންއިރު، އައިޒަކް ރޮނީކަން އިރަމްއަށް ކަށަވަރު ވިއެވެ.

އައިޒަކްގެ ކައިރީގައި މުށިތަކުގެ މަތީގައި ކަރުދާސްތަކަށް ބަލަމުން އިރަމް ކުރިއަށް ހިނގަމުން ދިޔައެވެ. ދޭތެރެއަކުން އައިޒަކަށް ކަޅިއެއް އެއްލި ނަމަވެސް، އޭނާގެ ސަމާލުކަން އަތުލާފައިވީ، ތަޅުންމަތީގައިވާ ތަސްވީރުތަކެވެ. އެއީ ކުރީގެ ތަސްވީރުތަކެކެވެ. އައިޒަކްގެ މަންމަގެ ތަސްވީރުތަކެއްކަން އެނގުމުން، އިރަމްގެ ހިތުގައި ސުވާލުތައް ފުނިޖެހިގެން ދިޔައެވެ. އައިޒަކް ކުރަމުންދާ ހިތާމަ ގުޅިފައިވީ އޭނާގެ މަންމަ އާއި ހެއްޔެވެ؟

"ޒެކް!..." އައިޒަކްގެ ކައިރީގައި އިށީނދެ، ކޮނޑުގައި އަތް ޖައްސައިލަމުން އިރަމް ގޮވައިލިއެވެ.

އައިޒަކް ބަލައިނުލި ތަނުގައި ގުޑިވެސް ނުލިއެވެ. ކޮނޑުގައި ހިފައި ތަޅުވައިގަންނަން އިރަމްއަށް މަޖުބޫރުވީ ދެތިން ފަހަރަކު ގޮވައިލުމުންވެސް އައިޒަކްގެ ޖަވާބެއް ނައުމުންނެވެ.

"ޒެކް!... ސޮރީ..." އިރަމްއަށް ބުނެވުނެވެ.

ހަމަހޭވެރިކަންވުމާއިއެކު އައިޒަކް އިރަމްގެ ގައިގައި ބައްދައިލިއެވެ. އޭނާއަށް ގިސްލާފައި ރޮވެން ފެށުނީ އިރަމްގެ އަތުގެ ހިމާޔަތް ލިބުމުންނެވެ. އިރަމްގެ އޯގާތެރި ބަސްތަކާއި، ގާތްކަމުގެ ސަބަބުން، އައިޒަކްގެ ހިތަށް ހަމަޖެހުން ލިބުނެވެ. ވެދިޔަ ކަންތަކަށް އޭނާ އިރަމްގެ ކިބައިން މަޢާފަށް އެދެމުން ދިޔައެވެ. އެ ދުވަހު މަންމަ ހިމާޔަތްކޮށް ނުދެވުނަސް، މިއަދު އަމިއްލަ އަނބިމީހާ އާއި ލިބެން އުޅޭ ދަރިފުޅު ހިމާޔަތް ކުރުމަށް އައިޒަކް ހިތާއިހިތުން އަޒުމުކަނޑައެޅިއެވެ.

އައިޒަކް ހަމައަކަށް އެޅުމުން، އިރަމްއަށް ހަގީގަތް ކިޔައިދިނީ އެތައް ހިތްވަރަކުންނެވެ. ކަރުނަ ފޮހެމުންދިޔައިރު، އިރަމްގެ ހިތްވެސް ވަނީ ފޮތިފޮތިވެފައެވެ. އައިޒަކްގެ ހިތުގައި އަޅާނޭ ވޭން އޭނާއަށް ރަނގަޅަށް އިހުސާސްކުރެވެއެވެ. ލޯބިވާ މައިމީހާ އެފަދަ އަނިޔާވެރިއެއްގެ އަތްދަށުގެ ނިމިގެން ދިޔަ ހިތާމަވެރިގޮތް އެނގުމުން، ކޮންމެ މީހަކުވެސް ހިތުގައިޖެހޭނެއެވެ. ރޯނެއެވެ. މުޅި އުމުރަށް އެ ހިތްދަތިކަން ހިތުގައިވެސް ވާނޭކަން ކަށަވަރެވެ.

"ދެން އެކަން ހަނދާން ނައްތާލާ... އިންޝާﷲ އަހަރެން ޒެކްއާ އެކީ، ޒެކްގެ ކައިރީގަ އެންމެ ފަހު ދުވަހާ ޖެހެންދެންވެސް ހުންނާނަން..." އިރަމް ޔަގީންކަން ދިނެވެ.

********

ކޮށިގަނޑަށް ހާޒިރުކުރެވިފައިވާ ކުށްވެރިއަކު ފަދައިން ޒަރީނާގެ ކުރިމަތީގައި މާކިން އިނެވެ. ކާމޭޒުގެ އެއްފަރާތުގައި ޒަރީނާ އާއި ވިޝްކާ އިންއިރު، އަނެއްފަރާތުގައި އިނީ މާކިންއެވެ. މޭޒުމަތި ފުރާލާފައިވި ކާތަކެތީގެ މީރުވަހުން، މާކިންގެ ކުޅު ދިޔާވި ނަމަވެސް، އެއްޗެއްގައި އަތްލާކަށްވެސް ނުކެރުނެވެ. ޒަރީނާގެ ނަޒަރުން މާކިން ލަދުގަންނުވައިލަން އުޅޭ ކަހަލައެވެ.

"ދިރިއުޅުމަށް ކޮން ކަމެއް ކުރަނީ؟..." ޒަރީނާ ސުވާލުކުރީ ހަރުކަށި ރާގަކަށެވެ.

"ޒިބެކް ކޮމްޕެނީގެ ބޮޑުމީހާގެ ދަށުން އަޅުގަނޑު މަސައްކަތްކުރަނީ..." މާކިން ބުނެލިއެވެ.

އެހާ ސީރިއަސްވެފައި އިން ގަޑިއެއްގައިވެސް މާކިން ވާހަކަ ދެއްކިގޮތުން ޒަރީނާގެ ހިނގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ވިޝްކާވެސް އަނގަމަތީގައި އަތް އަޅައިގެން ހޭން އިނެވެ. ޒަރީނާއަށް ނޭނގޭނޭހެން މާކިން ވިޝްކާއަށް ބަލާލާފައި ލޯ އަޅައިލިއެވެ.

"މައިންބަފައިން ކޮބާ؟..." ޒަރީނާ ސުވާލުކުރިއެވެ.

މާކިން ހިމޭންވިއެވެ. އެ ސުވާލަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ހަގީގަތް ކިޔައިދީފިނަމަ، ޒަރީނާ ރުޅި އަތުވެދާނެ ހެއްޔެވެ؟ އޭނާ އާއި ކައިވެނި ނުކުރަން ވިޝްކާއަށް މަޖުބޫރުކޮށްފާނެ ހެއްޔެވެ؟

މާކިން ދެފިކުރެއްގައި އިންދައި، ވިޝްކާ ސިއްރުން ޒަރީނާގެ ކަންފަތް ކައިރީގައި މާކިންގެ މައިންބަފައިންގެ ވާހަކަ ކިޔައިދިނެވެ. އަދި މާކިން ބެލީ އައިޒަކްގެ މަންމަ ކަމުގައި ބުނެދިނެވެ.

"ކޮން އިރަކުން ކައިވެނިކުރަން ތި ވިސްނަނީ؟..." މާހައުލަށް ވެރިވެފައިވާ ހިމޭންކަން ނެތިގެން ދިޔައީ، ދޮރުމަތިން އިވުނު ސައްތާރުގެ އަޑުންނެވެ.

އެންމެން އެއްފަހަރާ ދޮރާއި ދިމާއަށް ބަލައިލީ، ބިރެއް ފެނިގެން ބަލާ ހެންނެވެ. މާކިން ކޮޅަށް ތެދުވިއިރު، ވިޝްކާ ޒަރީނާގެ ފުރަގަހަށް ވަދެ، ނިވާވެލިއެވެ.

"އެންމެން އަހަރެން ނުލާ ހާދަ ބޮޑުކަމެއް ނިންމާލާހެން އެބަ ހީވެއޭ..." ސައްތާރު ގޮސް މޭޒު ކައިރީގައި ހުއްޓިލަމުން ބުނެލިއެވެ. އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލައިލީ، ތަރުޖަމާކޮށްލާ ފަދައިންނެވެ. "މީ ކޮން ކުއްޖެއް؟... އަނެއްކާ، އަހަރެންގެ ވިޝްކާގެ ސޮރުތަ؟..."

"ލައްބަ... ސަރ!... ސަރ އަވަހަށް އިށީންނަވާ..." ހާސްވެގެން މާކިންއަށް ބުނެވުނު އެއްޗެއް އެނގުނުއިރު، ވިޝްކާގެ ހިނިގަނޑު ފަޅައިގެން ގޮސްފިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ސައްތާރު އެތަނުގައި ހުރިކަން ވިޝްކާގެ ހަނދާނުން ކައްސާލިއެވެ.

ވިޝްކާ ކުއްލިއަކަށް ހުނުން ހުއްޓައިލިއެވެ. ސައްތާރާއި ދިމާއަށް އޭނާ ބަލައިލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ޒަރީނާ އާއި މާކިންވެސް ހާސްވެފައި ތިއްބާ، ފެނުނީ ސައްތާރު ހީގެން ތަނެވެ.

********

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ނިދިން ހޭލެވުމާއިއެކު، އައިޒަކް ފުރޮޅިލާފައި އިރަމްގެ ގައިގައި ބައްދައިލިއެވެ. އިރަމް އާއި ވާހަކަތައް ހިއްސާކޮށްފައި ނިދާލުމުން، އައިޒަކްގެ ސިކުނޑިއަށް ވަނީ ލުއިވެފައެވެ. އިރަމްއަށް ހޭލެވުމުގެ ކުރިން އޭނާ، އިރަމްގެ ބަނޑުގައި އޮތް ތުއްތު ދަރިފުޅާއި ވާހަކަ ދައްކައިލިއެވެ. ދަރިފުޅަށް ނަސޭހަތް ދިނެވެ. އިރަމްގެ އެދުމާއިއެކު އައިޒަކް ނިންމީ ޒިވިއަންއަށް މަންމަގެ މަރުގެ ހަގީގަތް ސިއްރުކުރުމަށެވެ. ހުރިހާ ހިތާމައެއް ބަރުދާސްތު ކުރާނޭ ހިތްވަރު ޒިވިއަންގެ ގައިގައި ނުހުންނާނެކަމުގައި އައިޒަކަށްވެސް ވިސްނުނީއެވެ.

ހޭލެވުމާއިއެކު އިރަމް މަޑުން އޮތީ، އައިޒަކްގެ ވާހަކަ އަޑު އަހާށެވެ. ދަރިފުޅާއި ވާހަކަދައްކާ އަޑު އިވުމުން، އިރަމްގެ ހިތަށް ހަމަޖެހުން ލިބުނެވެ. އެތެރެއެތެރެއިން ހީލަހީލާ އޭނާ އޮތެވެ. އައިޒަކް ވާހަކަ ދައްކާއިރު ހީވަނީ ބަނޑުގައި އޮތް ދަރިފުޅުވަރުގެ ތުއްތު ކުއްޖެއް ހެންނެވެ. މުޅީންވެސް ދައްކަމުން ދިޔައީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަތަކެވެ. ކެތް ނުވެގެން އިރަމްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

"ޒެކް ބޭބީ..." އިރަމް ބުނެލިއެވެ.

"މަލާމާތް ކުރާނެ ކަމެއް ނެތް އިނގޭ..." އައިޒަކް ދެބުމަ ކައިރިކޮށްލައި، މޫނަށް ވައްތަރެއް ޖައްސައިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު