ފިކުރެއްގެ މައްޗަށް ހަނގުރާމައެއް ނުކުރެވޭނެއެވެ.

"އިންޑިއާ އައުޓް" ސައިކަލް ބުރުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ސުރުޚީގައި ބުނާ ވާހަކައަކީ އަޅުގަނޑު ބުނާ ވާހަކައެއް ނޫނެވެ. އާދެ! އެވާހަކަ ބުނެފައިވަނީ ޑރ. އަނަސް އަލްތިކްރީތީ އެވެ. އޭނައަކީީ މުސްލިމް ދުނިޔެއާއި، ހުޅަނގުގެ ގުޅުންތަކަށް ޚާއްޞަ ތިންކް ޓޭންކެއް ކަމަށްވާ ދަ ކޯޑޯބާ ފައުންޑޭޝަންގެ ސީއީއޯ އަދި ފައުންޑާ އެވެ. އޭނާ ވަނީ ޔުނިވާސިޓީ އޮފް ވެސްޓްމިންސްޓަރ އިން ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލް ކުރައްވާފައެވެ. އޭނާ ވަނީ މުސްލިމް އެސޯސިއޭޝަން އޮފް ބްރިޓަން ގެ ޗެއާމަންގެ އިތުރުން ސްޓޮޕް ދަ ވާ ކޯލިޝަންގެ ވައިސް ޕްރެޒިޑެންޓް އެންޑް ޕެޓްރޯންކަން ވެސް ކުރައްވާފައެވެ.

2003 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލަންޑަނުގައި އިރާގު ހަނގުރާމައާ ދެކޮޅަށް ކުރިއަށް ގެންދިޔަ ތާރީޚީ "2 މިލިއަން މާޗް" ގެ ކޯ ޗެއާމަންކަން ކުރެއްވި އިރު، އޭނައަކީ ދުނިޔޭގައި ހިނގާ ހަނގުރާމައާ ދެކޮޅު ހަރަކާތުގެ އިސް ބޭފުޅެކެވެ. އައިއެސްގެ ނުރައްކަލާއި ހުޅަނގުގެ މުސްލިމުންނާއި، ޣައިރު މުސްލިމުންނާ ދެމެދު އޮންނަ ގުޅުންތަކާބެހޭ ގޮތުން އިނގިރޭސި-އިރާގުގެ މައްސަލައިގައި ސިޔާސީ ތަޙުލީލުތައް ކުރެއްވި ބޭފުޅެކެވެ.

ހުޅަނގުގައި މުސްލިމުންނާއި، ޣައިރު މުސްލިމުންނާ ދެމެދު ކުރިމަތިލުމެއް އުފެދިދާނެ ހެއްޔެވެ؟ މިބުނާ ޙަޟާރަތްތަކުގެ ކުރިމަތިލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ ކައުންޓަރ ޓެރަރިޒަމް، ކައުންޓަރ އެކްސްޓްރީމިޒަމް ޕްލޭނެއް އައިއެސް ފަދަ ފިކުރަކާއި ދެކޮޅަށް ހަނގުރާމަ ކުރުމަށްޓަކައި އުފެއްދިދާނެތޯ؟ އަނަސް އަލްތިކްރީތީ ވިދާޅުވާގޮތުގައި އެކަން ނުކުރެވޭނެއެވެ. ޚިޔާލަކާއި ފިކުރަކާއި ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެއެވެ. އެއީ ކޮންމެހެން ބޭނުން ކަމެއް ނޫންކަމަށް، އިނގިރޭސި-އިރާގުގެ ސިޔާސީ ތަޙުލީލުކުރައްވާ އަނަސް އަލްތިކްރިތީ ވިދާޅުވެއެވެ.

ސެޕްޓެމްބަރ 11 ގެ ޙަމަލާތަކަށްފަހު، މާގިނަ ދުވަހެއް ނުވެ އޭނާ އިނގިރޭސިވިލާތުގައި އުފެއްދެވި ކޯޑޯބާ ފައުންޑޭޝަން އަކީ، ހުޅަނގާއި އިސްލާމް ދީނާ ދެމެދު އެއްވެސް ޠަބީޢީ ކޯޅުމެއް ނެތް ކަމުގެ ޚިޔާލު ކުރިއެރުވުމަށް ޝައުގުވެރިވާ، މުސްލިމް ބްރަދަހުޑާ ގުޅުންހުރި ޖަމާޢަތެކެވެ.

2014 ވަނަ އަހަރު އަލްތިކްރީތީ ވަނީ އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އެމަނިކުފާނުގެ އެޑްވައިޒަރުންނާ ވައިޓް ހައުސްގައި ބައްދަލުކުރައްވައި، އިރާގުގެ ޙާލަތާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އޭނާ ވިދާޅުވިގޮތުގައި "އައިއެސް އެއިރު އޮތީ އިރާގުގެ ހުޅަނގު ސަރަހައްދުގައި ޤާއިމްވެފައި ކަމަށާއި، އައިއެސްއާ މުޢާމަލާތް ކުރާގޮތާމެދު ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ. އެ ދުވަސްވަރު އެމެރިކާގެ ވެރިކަމުގައި ބޮޑަށް ކަންބޮޑުވީ ތެޔޮ ހޮޅިތައް ރައްކާތެރިކުރުމާ މެދުގައެވެ. އަދި އިރާގުގެ ވާހަކަ ދައްކާއިރު މަޒުހަބީ ޚިލާފު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުވިއެވެ." މީގެ އިތުރުން މީނާ ވިދާޅުވާ ގޮތުގައި އަވަސް އަރުވާލައިފައި، އެމެރިކާއިން އިރާގުގައި ޤާއިމްކުރި ސަރުކާރަކީ ނާޤާބިލް، ވަރަށް ބޮޑަށް ފަސާދަ ވެފައިވާ ސަރުކާރެކެވެ. ނަތީޖާއަކީ، އިރާގު ވިނިވަންވުމުގެ ބަދަލުގައި ދާޚިލީ އަދި ސަރަޙައްދީ އެތައް މައްސަލަތަކެއްގެ ހާއްޔަކަށްވުމެވެ. ޤައުމު ފަޤީރުވެ، ނާމާންވެ، ބިރުވެރި ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުވެގެން ދިއުމެވެ.

މިމޭރުމުން ދިވެހިރާއްޖެއަށް ނަޒަރު ހިންގާއިރު ފެންނަމުންދަނީ ވަރަށްވެސް ދެރަ މަންޒަރެކެވެ. ބައެއްގެ ހިތުގައި ހިނގާ ޙުއްބުލްވަޠަނުގެ ޝުޢޫރުގެ މައްޗަށް އުފެދޭ ޚިޔާލާއި، ޝުޢޫރު ނުވަތަ ފިކުރެއް އެއީ ޖިނާއީ ކުށަކަށް ހަދައިގެން ސަލާމަތީ ބާރުތައް އެކަމުގައި އަވަދިނެތި، ޢާއްމުންނާއި ކުރިމަތިލައި، އެކި ފިޔަވަޅުތައް އަޅަމުންދާ ވަރަކަށް ކަމުގެ ޙައްސާސްކަމުން މަޞްލަޙަތު ގެއްލެމުންދާ މަންޒަރަވެ. އަޅުގަނޑުގެ ނަޒަރުގައި، މިފެންނަނީ، ގޯސްކޮށް ކުރެވިފައިވާ ކަމެއްގެ ޢަލާމާތެވެ. އަދި އެފަދަކަމެއް ކުރެވިފައިވާތީ، އެކަން ފޮރުވައި މަތިއަޅަން އުޅޭކަމުގެ މައްޗަށް ދަލީލްކުރާ ޢަލާމާތްތަކެވެ. އެއްވެސް ޙާލެއްގައި މިކަމުގެ އަޞްލު ސަބަބުތައް ނައްތާލެވިގެން ނޫނީ މިކަން ޙައްލުވާނެ މަންޒަރެއް ނުފެނެއެވެ. ސިޔާސީ ކުރުމާއި، ނަފުރަތު އުފެއްދުމާއި، ވަކި ބަޔަކާއި ޖައްސާލުން ފަދަ ކިތަންމެ ނަމެއްވެސް އަޅުގަނޑުމެންނަށް ކިޔައި އަމުރުރަކާއި ޤަރާރުތައް ނެރެ ސަލާމަތީ ބާރުތައް މަގުމައްޗަށް ނެރެ ޢާއްމުންނާއި، އަންހެނުންގެ ފަހަތުން ދުއްވާ ހެދިދާނެއެވެ. ނަމަވެސް މިކަމުގެ އަޞްލަށް ވާޞިލުނުވެ މައްސަލަ ޙައްލެއް ނުވާނެއެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، އަޞްލު މައްސަލަކީ ކޮބައިތޯއާއި، އެކަން ޙައްލުކުރެވޭނެ ގޮތެވެ. އަޅުގަނޑުގެ ވިސްނުމަށް ފެންނަގޮތުގައި، މިކަމުގެ އަޞްލަކީ ގޯސްކޮށް ކުރެވިފައިވާކަމަށް ބެލެބޭ ކަންކަމެވެ. އެއްވެސް ޙާލެއްގައި، ވެރިކަމަށް ރައްޔިތުން ބަޔަކު އިޚްތިޔާރު ކުރަނީ، ޤައުމުގެ ބިމާއި، ކަނޑާއި، އޮޔާއި، ވަޔާއި، މަހާއި، ފަޅުތަކާއި، ފަޅުރަށްތައްފަދަ ޤައުމުގެ މިލްކިއްޔާތުތައް އެބަޔަކަށް ހިބަކޮށްފައެއް ނޫނެވެ. އަދި މިތަކެއްޗަށް އެބަޔަކު ބޭނުން ގޮތަކަށް ތަޞައްރަފު ކުރުމުގެ އިޚްތިޔާރު ދީފައިވެސް ނުމެނޫން މެއެވެ. ރައްޔިތުންގެ ގިނަބަޔަކު ވޯޓަކުން ވެރިކަމަށް ބަޔަކު އިޚްތިޔާރު ކުރިނަމަވެސް، މިދެންނެވި އެންމެހައި ތަކެއްޗަށް ބަސްބުނުގެ އިޚްތިޔާރާއި ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވެއެވެ. ދިވެހި ރާއްޖެއަކީ އެއީ އޭނަގެވެސް ޤައުމަށްވާތީއެވެ. ވަކިބަޔައެއްގެ ޤަރާރަކުން ނުވަތަ އަމުރަކުން އެކަމުގެ ޙައްޤު އޭނަގެ ކިބައިން ނިގުޅައި ނުގަނެވޭނެއެވެ. މިމޭރުމުން ބަލާއިރު، ދިވެހިރައްޖޭގައި މިވަތު ޤާނޫނު އަސާސީއާއި، ޤާނޫނު ތަކުގެ ބޭރުން ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ކަމެއް ވާނަމަ، އެންމެ މީހަކު އެކަމާ ދެކޮޅަށް ބަސްބުނި ކަމުގައިވީނަމަވެސް އެބަސް އަޑުއަހައި، އެކަން ބަލަން ޖެހޭނެއެވެ. ނަމަވެސް މިއުޞޫލުން ކަން ހިނގާ ތަނެއް ނުފެނެއެވެ. ފަރުދުންގެ ޙައްޤުގެ ވާހަކައިގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ ޒިންމާއާއި، ލިބިދޭ ޙައްޤުތަކަށް ބަލާއިރު މިދެންނެވިފަދަ ޤައުމީ މަޞްލަހަތު އޮންނަ ބޮޑު މައްސަލައެއްގައި، ޕާޓީތަކުގެ ޒިންމާ މާބޮޑުވާނެއެވެ.

އެހެންކަމުން އަޅުގަނޑުގެ ނަޒަރުގައި، އުފެދިގެން އުޅޭ ޤައުމީ މައްސަލައަށް ޙައްލު ލިބޭނީ، މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މަޝްވަރާ ކުރެވިގެންނެވެ. މައްސަލަ ރަނގަޅަށް ސާފުކޮށްދެވިގެންނެވެ. ކުރެވިގެން އުޅެނީ ގޯސް ކަމެއްކަމުގައި ވިޔަސް ނުވަތަ ރަނގަޅުކަމެއް ކަމުގައިވީ ނަމަވެސް މަޝްވަރާ ކުރެވެންޖެހެއެވެ. މިގޮތުން ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެވި، ރައްޔިތުންނަށް މިކަމުގެ ދެފުށް ފެންނަންވީއެވެ. ވަރަށް ޑިމޮކްރަޓިކް ސިފަ ވިއްކައިގެން އަދި ދައްކައިގެން ހެޔޮ ވެރިކަމަށް އައުމާއެކު، ސިޔާސީ ވެރިންގެ ފަހަތުން ދުވުމުގެ ސަރަޙައްދީ ޘަޤާފަތާއި އާދަ ދޫކޮށް، ސިޔާސީ ވެރިންނާއި މަޝްވަރާކުރެވިގެން ޤައުމީ ބޮޑެތި މައްސަލަތައް ނިންމަންވީއެވެ. 2008 ގެ ފަހުން އުފެދުނު ގިނަ ސިޔާސީ ޕާޓީ އެކުލެވޭ، ޑިމޮކްރަސީގެ ޙަޔާތުގައި، ހެޔޮގޮތުގައި ރިވެތި ވެރިކަންކުރި ސަރުކާރެއް ނުފެނެއެވެ. ކުދިކުދި ކަންކަން ތަފާތެވެ. ނަމަވެސް ޑިމޮކްރަސީ އާއި ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގެ އިމާއި، ރޫޙުގެ ތެރެއިން ވެރިކަންނުކުރެވެއެވެ. މިއީ ރައްޔިތުން ފުންކޮށް ވިސްނަންވެއްޖެ ކަމެކެވެ. އިރާގުގައި ކަންކަންވީ ގޮތާއި ދިވެހިރާއްޖޭގައި މިއަދު ކަންކަން ހިނގަމުންދާ ގޮތާއި، ފަހުން ވެދާނެ ކަންކަމުގެ މައްޗަށް ދިވެހި ލޮބުވެތި ރައްޔިތުން ފުންކޮށް، ދުރަށްބަލައިގެން ފިކުރުކުރުން މުހިއްމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް