ގުޅިފަޅު ހިއްކުން ހަވާލުކޮށްފިއްޔާ އިންވެސްޓަރުން ހޯދައިގެން އެކަން ކުރާނަން: މޭޔަރު

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރަށްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގުޅިފަޅު ހިއްކުން ސިޓީ ކައުންސިލާ ހަވާލުކޮށްފިނަމަ ބޭރުން އިންވެސްޓަރުން ހޯދައިގެން އެކަންކުރާނެކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުއިއްޒު މިރޭ ވިދާޅުވީ ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް އަޅައިފިނަމަ މާލޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ނުލިބޭނެކަމަށެވެ.

"އަޅުގަނޑުމެން އެދުނީ އެތަނުގަ ޕޯޓު ނާޅާ އެތަނުގަ އަޅާ ޕޯޓު އެކަމަށް އެންމެ އެކަށީގެންވާ ތިލަފުއްޓަށް ބަދަލުކުރުމަށްފަހު އެތަން ހިއްކާފަ ގެދޮރުގެ މައްސަލަ ހައްލުކޮށްދޭށޭ،" އޭނާ ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ގުޅިފަޅުގައި ވިޔަފާރި ބަނދަރެއް ގާއިމްކުރުމުގެ ބަދަލުގައި ގޯތި ދޫކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ކަމަށެވެ. އަދި މާލޭގެ ބޯހިޔާވަހިކަން ހައްލުކުރުމަށް ކައުސިލްގެ ލެވެލްގައި ކުރެވެން ހުރި ހުރިހާކަމެއް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލެއިން ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ވެސް ސަރުކާރުގެ އެއްބާރުލުން ނުލިބޭކަން މޭޔަރު ފާހަގަކުރެއްވިއެވެ.

"އެއްބާރުލުން ނުލިބުނަސް މަޝްވަރާކޮށްފަ ހުޅުވާލާނަން. އެކަމަކު އެހާ ފުރިހަމައަށް އެކަން ނުކުރެވިގެން މި އުޅެނީ ސަރުކާރުގެ މިހުރި ފިއްތުންތަކުގެ ސަބަބުން،" މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މޭޔަރު ވިދަޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ އާއި ވިލިމާލޭގައި ވެސް ހައުސިން ޔުނިޓްތަކެއް އަޅަން ސިޓީ ކައުންސިލުން ގަސްތުކުރާކަމަށެވެ.

"އެކަމަކު މިކަންކަމުގަ ކުރިއަށްދިއުމުގަ އަޅުގަނޑުމެނަށް އެބަބޭނުންވޭ ސަރުކާރުގެ ޕޮލިސީ ލެވެލްގެ އެއްބާރުލުމާ އެހީތެރިކަން،" އޭނާ ވިދާޅުވިއެވެ.

ސިޓީ ކައުންސިލްގެ ޕްލޭނަކީ ފަޅުން 200 އެއްހާ ހެކްޓަރުގެ ބިން ހިއްކައިގެން، 40،000 އެއްހާ ގޯތި ދޫކުރުން ކަމަށް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އަދި މަދުވެގެން 30،000 ރައްޔިތުންނަށް ގެދޮރު ލިބޭނެހެން ގުޅިފަޅު ޕްލޭން ރިވައިޒްކުރުމުގެ މަސައްކަތް ފައްޓަވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށް ވެސް މީގެ ކުރިން މުއިއްޒު ވަނީ ވިދާޅުވެފައިވެއެވެ.

ނަމަވެސް މިސަރުކާރުން ގުޅިފަޅުގައި ބޮޑު ޕޯޓެއް ހަދަން ނިންމައި އެކަމުގެ މަސައްކަތްތައް ވަނީ ފަށައިފައެވެ.

comment ކޮމެންޓް