އާ ރަށުގައި ހަފްތާއެއް ވަންދެން ޔާމީން ހައްޔަރުކޮށްގެން ގެންގުޅުމަށްފަހު މިނިވަންކޮށްފި

12:00


ހިމާޔަތް ދޭން ކަމަށް ބުނެ ސިފައިން ހައްޔަރުކޮށްގެން އާ ރަށަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ހަފްތާއެއް ފަހުން މިއަދު މިނިވަންކޮށްފި އެވެ.


މާލެތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ސިފައިން ހައްޔަރުކުރި ޔާމީން މުޅިން މިނިވަންކޮށް މިއަދު މެންދުރު 11:30 ހާއިރު ދޫކޮށްލާފައި މިވަނީ ސިފައިން އާރަށުގައި ޔާމީން ބަހައްޓާފައި ހުރުމުގެ ސަބަބުން އޭނާ އަށް ޤާނޫނީ ގޮތުން ލިބިދޭންޖެހޭ އެތައް މަދަނީ ހައްޤުތަކަކުން އޭނާ މަހްރޫމްވެފައިވާ ކަމަށް ބުނެ ޔާމީންގެ ބަންދާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި މަދަނީ ކޯޓަށް އެ މައްސަލަ ޔާމީންގެ ޤާނޫނީ ވަކީލުންގެ ފަރާތުން ހުށަހަޅާފައި ވަނިކޮށެވެ.


ސިފައިންގެ ހައްޔަރުން މިނިވަންވުމަށްފަހު މީޑިއާ އަށް ދެއްވި ފުރަތަމަ އިންޓަވިއު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ދެއްވަމުން، ޔާމީން މިއަދު ވިދާޅުވީ، އޭނާ ދޫކޮށްލެއްވީ އެއްވެސް ޝަރުތަކާ ލައިގެން ނޫން ކަމަށެވެ. ޔާމީން ވިދާޅުވީ ސިފައިން އޭނާ އަށް ހިމާޔަތްދޭންޖެހޭނެ ކަމަށް ޤަބޫލްނުކުރައްވާ ކަމަށާއި އަދި ހިމާޔަތަށް އެދިވަޑައިގެންފައި ވެސް ނުވާނެ ކަމަށެވެ.


ސަރުކާރުން ޔާމީން ދޫކޮށްލާފައި މި ވަނީ ސަރުކާރާ އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން ފިލުވައިލުމަށް ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް މެދުވެރިއެއްގެ ރޯލު އަދާކުރެއްވުމަށް އިއްޔެ ރާއްޖެ ވަޑައިގެން އެމެރިކާގެ މަންދޫބް ރޮބާޓް އޯ ބްލޭކް ޔާމީން ދޫކޮށްލުމަށް ނުވަތަ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ސަރުކާރަށް ބާރު އަޅާފައިވަނިކޮށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު