ފުލުހުންގެ ބަންދުގައި ހުންނަ އިރު ފުރައްސާރަ ކުރާ ކަަމަށް ހުނޫ ބުނެފި

ފިލްމީތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) އިސްޓަގްރާމް ފޮޓޯ: ޓޮޕް މޮޑެލް މޯލްޑިވްސް

ފިލްމީތަރި ހުނޭސާ އާދަމް ނަސީރު (ހުނޫ) ފުލުހުންގެ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަ ކުރާ ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ހުނޫ އެހެން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ.

ހުނޫގެ ފަރާތުން ކޯޓުގައި ބުނެފައި ވަނީ އޭނާ ބަންދުގައި ހުންނަ އިރު އޭނާއަށް ފުރައްސާރަ ކުރާ ކަމަށާއި އޭނާ ބަލިވެގެން ފަރުވާއަށް އެދުމުން އެކަށީގެންވާ ގޮތެއްގައި ބޭސް ފަރުވާ ނުދޭ ކަމަށެވެ.

https://sun.mv/165076

އެހެންކަމުން ކޯޓުން ވަނީ އެ ވާހަކަތައް އިތުރަށް ބެލުމަށް ދައުލަތަށް އަންގާފައެވެ.

ހުނޫ ހައްޔަރުކޮށް އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާ ކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހު އޭނާ އާއި އޭނާގެ ލޯބިވެރިޔާ މާލޭގައި ތިބި ގެއަކުން މަސްތުވާތެކެތި ފެނުނު މައްސަލައިގައެވެ.

ހުނޫގެ މައްޗަށް އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އާއި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ދައުވާއެވެ.

އިއްޔެ ކްރިމިނަލް ކޯޓުގައި ދިފާއުން ބުނެފައި ވަނީ އެ މައްސަލާގައި ފެނުނު މަސްތުވާތަކެއްޗާ ހުނޫއާ ގުޅުމެއް ނެތް ކަމަށާއި ފެނުނު މަސްތުވާތަކެއްޗާ އެހެން މީހަކު ހަވާލުވެފައިވާ ކަމަށެވެ.

ނަމަވެސް ދައުލަތުން ބުނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބު ހުރިކަމަށާއި ހާދިސާގައި ފެނުނު މަސްތުވާތަކެތީގެ ތެރެއިން ބައެއް ތަކެއްޗާ މީހަކު ހަވާލުވި ނަމަވެސް އެހެން ތަކެއްޗާ ހުނޫއާ ގުޅުން ހުރި ކަމުގެ ހެކި ހުރި ކަމަށެވެ.

އެ އަޑުއެހުން ނިންމާލީ ހުނޫގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިކަމަށާއި އޭނާ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށް ނިންމާފައެވެ.

އެހެންކަމުން ކޯޓުން ވަނީ ހުނޫގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.

ހުނޫ އަކީ ޓިކްޓޮކްގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިންސްޓަގްރާމްގައި އޭނާގެ 25،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބެއެވެ.

ޑާކްރެއިންގެ ގިނަ ފިލްމުތަކުން ފެނިފައިވާ ހުނޫ ހައްޔަރުކުރިއިރު ވެސް އޭނާ ދިޔައީ ބައެއް ފިލްމުތަކުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް