ހެކި ހުއްޓާ، ހެކި ނެތް ކަމަށް ކަނޑައަޅައި މީހަކު ބަންދުން ދޫކޮށްލި އިސް މެޖިސްޓްރޭޓަށް ފިޔަވަޅު

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދު --

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުޙައްމަދަށް ސުލޫކީ ފިޔަވަޅު އަޅަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެ ކޮމިޝަނުން ބޭއްވި ޖަލްސާއެއްގައެވެ.

ޖޭއެސްސީން ބުނީ, ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ބަންދުގައި ހުރި މީހަކު ބަންދުން ދޫކޮށްލާ ސަބަބެއްގެ ގޮތުގައި އެ މީހާގެ "ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ" ކަމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލައިގައި އެ މީހާގެ ކުށުގެ ރެކޯޑު ފިޔަވާ އިތުރު އެހެން ހެކި ވެސް ހުރި ކަމަށް ކޯޓަށް ފުލުހުން ހުށަހެޅި ލިޔެކިޔުމުގައި ފާހަގަ ކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

އެ މައްސަލައިގައި އެ މީހާ ދޫކޮށްލަން ގާޒީ ނިންމެވީ އެ މައްސަލައިގައި ހުރި ހެއްކަކީ ކޮބައިތޯ ސާފުކުރުމެއް ނެތި ހަގީގަތާ ޚިލާފަށް ކަމަށާއި އެހެންކަމުން އިސް މެޖިސްޓްރޭޓް އަމަލު ކުރެއްވީ ޒިންމާދާރުކަން ކުޑަ ގޮތެއްގައިކަން ޖޭއެސްސީގެ ތަހުގީގަށް ސާބިތުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އިސް މެޖިސްޓްރޭޓްގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.5 އަދި 3.1އާ ޚިލާފް އަމަލެއްކަމަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ސިޔާމާ މުޙައްމަދަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

comment ކޮމެންޓް