ޕެޓްރޯލް ނުލިބިގެން ހޮސްޕިޓަލަށް ދެވުން ލަސްވުމުން ލަންކާގެ ތުއްތު ކުއްޖަކު މަރުވެއްޖެ

ކޮލަމްބޯގައި ޕެޓްރޯލް ގަންނަން ކިޔޫ ހަދާފައި -- ފޮޓޯ/ އޭއެފްޕީ

ސްރީލަންކާގައި ޕެޓްރޯލް ނުލިބިގެން، ތުއްތު ކުއްޖަކު އަވަސް ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން ގިނަ ވަގުތު ހޭދަވުމުގެ ސަބަބުން އެ ކުއްޖާ މަރުވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ހާދިސާ ހިނގާ ދިޔަ ގޮތް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައި ވަނީ ކުއްޖާއަށް ފަރުވާދިން ދިޔާތަލަވާ ހޮސްޕިޓަލުގެ ޖުޑީޝަލް މެޑިކަލް އޮފިސަރެއް ކަމަށްވާ ޝަނާކާ ރޯޝަން ޕަތިރާނާ އެވެ.

ޝަނާކާގެ ޕޯސްޓުގައިވާ ގޮތުން އެއީ އެންމެ ދެ ދުވަސްވީ ކުއްޖެކެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން ކުއްޖާގެ މަންމަ އާއި ބައްޕަ ނިންމީ އެ ކުއްޖާ މަންމަ ގާތުން ނުބޯތީއެވެ.

އެ މީހުން ހޮސްޕިޓަލަށް ދާން އުޅުނީ ކުއްޖާގެ ބައްޕަ ކުރޮޅީގައެވެ. ނަމަވެސް ކުރޮޅިއަށް އަޅާނެ ޕެޓްރޮލް ހޯދުމަށްޓަކައި ކުއްޖާގެ ބައްޕަ އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔުމާއެކު އެމެޖެންސީ ޓްރީޓްމެންޓް ޔުނިޓަށް ބަދަލުކޮށް އަވަސް ފަރުވާދޭން ފެށިއެވެ. ނަމަވެސް ފަރުވާ ނުދެވި ގިނަ އިރުތަކެއް ވުމާއެކު ހާލު ސީރިއަސްވެ، ކުއްޖާ މަރުވީއެވެ.

ޝަނާކާ ވަނީ އެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދާފައިވާ ކަމަށް ބުނެފައެވެ. އަދި ކުއްޖާގެ ހަށިގަނޑުގެ ގުނަވަންތައް ރަނގަޅަށް ހެދިބޮޑުވެފައިވާ ކަމަށާއި، ތުއްތު ކުއްޖެއްގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ޖެހުމުގެ ސަބަބުން އެނާގެ ހިތަށް ފުން އަސަރެއް ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ޕެޓްރޯލް ލީޓަރެއް ނުލިބުމުގެ ސަބަބުން ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިފުޅު ސަލާމަތް ނުކުރެވުނީ. އެކަމުގެ ހިތާމަ އެ ދެމީހުން އަބަދުވެސް ކުރާނެ،" އެ ޕޯސްޓްގައި ވެއެވެ.

މީގެ އިތުރުން، ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ކާރިސާގައި އެ ގައުމުގެ ރައްޔިތުންނަށް އެހީވުމަށް ސަރުކާރު ފެއިލްވެފައިވާކަމަށްވެސް ޝަނާކާ ބުންޏެވެ.

ސްރީލަންކާގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓި، ތެލާއި އެހެނިހެން ޒަރުރީ ތަކެތި އެތެރެކުރުމަށްޓަކައި ޑޮލަރު ހޯދުމަށް ވަނީ ދަތިވެފައެވެ.

އެ މައްސަލަތަކުގެ ސަބަބުން ލަންކާގެ ރައްޔިތުން ދަނީ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އަދި މުޒާހަރާތައް ފުޅާވެ، ހަމަނުޖެހުންތައް އުފެދުމުގެ ސަބަބުން ބޮޑުވަޒީރު ކަމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މިމަހުގެ ނުވައެއްގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

comment ކޮމެންޓް