މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ރޫމީ ޝަރުތުތަކަކާއެކު ދޫކޮށްލައިފި

ޓިކްޓޮކް ތަރި ފާތިމަތު ރޫމާ (ރޫމީ) ---

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި ޓިކްޓޮކްތަރި ފާތިމަތު ރޫމާ (ޕްރިޓީ ރޫމީ) ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

ރޫމީ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އޭނާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒެއް ނެތް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ކަމަށެވެ.

އެ އޮޕަރޭޝަނުގައި ފުލުހުން ހޯދާފައިވާ މަސްތުވާތަކެއްޗާއި ރޫމީއާ ގުޅުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ދިފާއީ ވަކީލު ވިދާޅުވެފައިވާ ކަމަށް ވެސް އެ އަމުރުގައިވެއެވެ. އެ ސަބަބުތަކުގެ މައްޗަށް ރިއާޔަތްކޮށް ގާޒީ ދީބާނާޒް ފަހުމީ ކަނޑައެޅުއްވީ ރޫމީ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ރޫމީއާއެކު ހައްޔަރުކުރި އޭނާގެ ފިރިމީހާ މުޙައްމަދު ނަސީމް ވެސް ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

އެ ދެ މީހުން ދޫކޮށްލަން ކުރި ޝަރުތުތައް ކޯޓު އަމުރުގައި ބަޔާންކޮށްފައެއް ނެތެވެ.

ފުލުހުން ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި ރޫމީ އާއި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުން އެ މީހުން ދިރިއުޅޭ ކޮޓަރިއަށް ވަނުމުން މަސްތުވާތަކެތި ހުރި ކޮތަޅެއް އެއްލާލާފައިވާނެ ކަމަށާއި އެއީ އޭނާގެ ފިރިމީހާގެ އެއްޗެއް ކަމަށް ރޫމީ އެއްބަސްވެފައިވާ ކަމަށް ވެސް މުއްދަތު މަޖިލީހުގައި ފުލުހުން މީގެކުރިން ބުނެފައިވެއެވެ.

ނަމަވެސް ރޫމީގެ ދިފާއީ ވަކީލު ވިދާޅުވީ އޭނާ ފުލުހުން ގާތުގައި އެހެން ބުނި ނަމަވެސް އެވަގުތު އޭނާ ހުރި ހާލަތަށް ބަލާއިރު އެއީ ރަނގަޅު މައުލޫމާތެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި ވަކި ގޮތަކަށް ބަޔާން ދިނުމަށް ރޫމީއަށް ފުލުހުން ބާރުއެޅި ކަމުގެ ތުހުމަތު ވެސް ދިފާއީ ވަކީލު ކުރެއްވި މީގެކުރިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށް ނެރުނު އަމުރުގައިވެއެވެ.

comment ކޮމެންޓް