ފަހަތުން އަރައި އެސްޓަން ވިލާ ބަލިކޮށް މި ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީ ހޯދައިފިއެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު އެ ޓީމު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މިރޭ ޕްރިމިއާ ލީގުގައި ކުޅުނު މެޗުތަކަކީ މި ސީޒަނުގެ އެންމެ ފަހު މެޗުތަކެވެ.
އެ މެޗުތަކުގެ ނަތީޖާ ނިކުތް ގޮތުން ސިޓީ ތާވަލުގެ އެއްވަނައިގައި އޮތީ މި ސީޒަނުގައި އެ ޓީމަށް ލިބުނު 93 ޕޮއިންޓާއެކުގައެވެ. އަދި ތާވަލުގެ ދެވަަނައިގައި ލިވަޕޫލު އޮތީ މި ސިޒަނުގައި އެ ޓީމަށް ލިބުނު 92 ޕޮއިންޓާއެކުގައެވެ.
މިރޭގެ މެޗު ފަށައިގެން ސިޓީން ވަނީ ގޯލު ޖަހާނެ ރަނުގެ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެސްޓަން ވިލާ ގޯލަށް އަމާޒުކޮށް އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެެވެ.
ނަމަވެސް އެސްޓަން ވިލާއިން ވަނީ 37 ވަނަ މިނެޓުގައި ގޯލެއް ޖަހައި ސިޓީ ހާސްކޮށްލާފައެވެ. އެސްޓަން ވިލާގެ ލޫކަސް ޑީނިއޭ ތަނަވަސް ކޮށްދިން ފުރުސަތަކުން އެ ގޯލު ކާމިޔާބުކޮށްދިނީ މެޓީ ކޭޝްއެވެ.
އަދި އޮލީ ވެޓްކިންސްގެ އެހީތެރިކަމާއެކު މެޗުގެ 69 ވަނަ މިނެޓުގައި ފެލިޕޭ ކޯޓީނިއޯ ވަނީ އެސްޓަން ވިލާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.
އެ ނަތީޖާއާއެކު ސިޓީ ބަލިވެ އެ ޓީމަށް ލީގު ގެއްލޭނެކަމަށް ޤަބޫލުކޮށްގެން ތިއްބައި ކައިރި ކައިރީގައި ތިން ގޯލު ޖަހައިދީ ސިޓީ ވަނީ ދުނިޔެ ސިއްސުވާލައިފައެވެ.
މެޗުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ސިޓީގެ އިލްކޭ ގުންޑޮގަން ވަނީ ސިޓީގެ ފުރަތަމަ ގޯލު ޖަހައިދީފައެވެ. އެ ގޯލަކީ ސިޓީގެ ރަހީމް ސްޓާލިންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިން ގޯލެކެވެ.
އޭގެ ދެ މިނެޓު ފަހުން ސިޓީގެ ރޮޑްރީ ވަނީ އެ ޓީމުގެ ދެވަނަ ގޯލު ޖަހައިދީފައެވެ. އެ ގޯލަކީ ސިޓީގެ އޮލެކްސެންޑާ ޒިންޗެންކޯ ޖަހައިދިން ގޯލެކެވެ.
ސިޓީއަށް މެޗުގެ ލީޑު ނަގައިދީފައިވަނީ ކެވިން ޑީބްރޫނާ 81 ވަނަ މިނެޓުގައި ތަނަވަސްކޮށްދިން ފުރުސަތެއްގައި ގުންޑޮގަން ޖަހައިދިން ގޯލުންނެވެ.
އެއާކު މިރޭގެ މެޗު ނިމުމުން ސިޓީވަނީ ވިދިވިދިގެން ދެވަނަ ފަހަރަށް ޕްރިމިއާ ލީގް ކާމިޔާބުކޮށްފައެވެ. މިދި ސީޒަނުގައި ވެސް ލީގު ޗެމްޕިއަނުންނަކީ ސީޓީއެވެ.
މިރޭ އިތުރަށް ކުޅުނު މެޗުތަކުގެ ތެރެއިން ދެވަނައިގައި އޮތް ލިވަޕޫލް ވަނީ ވޯލްވްސް އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ތިން ވަނައިގައި އޮތް ޗެލްސީ ވަނީ 2-1 ގެ ނަތީޖާއަކުން ވަޓްފޯޑު ބަލިކޮށްފައެވެ. މީގެ އިތުރުން ނޯވިޗް ޗިޓީ 0-5 ބަލިކޮށް ޓޮޓެންހަމް ވަނީ ޗެމްޕިއަންސް ލީގުގެ ޖާގަ ކަށަވަރުކޮށްފައެވެ.